"އެކްސް" އަކީ މަޖިލީހުގެ ނައިބު ރައީސް ނާޒިމް، "ވައި" އަކީ މެމްބަރު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމުގެ ރޭވުންތަކެއް ކިޔައިދީ އަދި ނަޝީދުގެ ވެރިކަން ބަދަލުކޮށްލުމުގެ މާސްޓަމައިންޑް ކަމަށް، ކުރީގެ ހިއުމަން ރައިޓްސް މިނިސްޓަރު ދިޔާނާ ސައީދު ނެރުއްވި ސައިލެންޓް އިންކުއަރީގައި ރިޕޯޓްގައި ބުނެފައިވާ "އެކްސް" އަކީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ކަމަށް ދިޔާނާ ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ދިރާސާކުރި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް މިހާރު ދިރާސާކުރާ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުން މަޖިލީހުގެ ކޮމިޓީގައި އެކްސްގެ ނަން ހާމަކުރުމުގެ އިތުރުން ދިޔާނާ ވަނީ އޭނާގެ ރިޕޯޓްގައި ބުނެފައިވާ "ވައި" އަކީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ކަމަށް ވެސް ވިދާޅުވެފަ އެވެ.
ވެރިކަން ބަދަލުކޮށްލުމަށާއި ނަޝީދު އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ނާޒިމް ދެއްކެވި ވާހަކަތައް ދިޔާނާ ވަނީ މެމްބަރު ނަޝީދާ ހިއްސާކުރައްވާފަ އެވެ. ދިޔާނާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ނަޝީދު އަވަހާރަކޮށްލަން ރޭވިކަން އެނގިވަޑައިގަތީ ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ، އެ ކަމަނާ ދިރިއުޅުއްވާ އެޕާޓްމަންޓްގައި އެކްސް އެ ވާހަކަތައް ކިޔައި ދެއްވުމުންނެވެ.
އެކްސްއާ ހަވާލާދެއްވައި ރިޕޯޓްގައި ދިޔާނާ ވިދާޅުވެފައިވަނީ ރައީސް ނަޝީދު ވެރިކަމުން ބޭލުމަށް ގިނަ މަގުތަކެއް އެބަހުރި ކަމަށް "އެ ފަރާތުން" ބުނެފައިވާ ކަމަށެވެ. އަދި އެ މަނިކުފާނު އަވަހާރަކޮށްލަން ތައްޔާރަށް ތިބި ފަރާތްތައް އެބަ ތިބި ކަމަށާއި މީގެ ތެރޭގައި ނޮވެމްބަރު 3ގެ ހާދިސާގައި ނިޔާވި މީހުންގެ ދަރިން ވެސް ހިމެނޭ ކަމަށް "އެކްސް" ބުނެފައިވާ ކަމަށެވެ. އަދި "އެކްސް"ގެ ވާހަކަތަކަށް ބަލާއިރު ނަޝީދު އަވަހާރަކޮށްލުމަށް ރާވާފައިވާ ކަމަށް ބެލެވެނީ އެކްސިޑެންޓެއްގެ ގޮތަށް ކަމަށް، އިވިވަޑައިގެންނެވި ވާހަކަތަކުން ދޭހަވި ކަމަށް ވެސް ދިޔާނާ ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ވިހަ ގޭހެއް ބޭނުން ކޮށްގެންނާއި އެމްއެންޑީއެފްގެ ހަފުލާއެއްގެ ތެރޭގައި ބަޑީގެ ސަލާމް ކުރިއަށްދާ ވަގުތު އެކްސިޑެންޓަކުން ހަށިކޮޅަށް ވަޒަން އަރާ ފަދަ ގޮތަށް ސިފަވާނެހެން އެކަންކުރުން ހިމެނޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން ވެސް އެކަން ކުރެވިދާނެ ގޮތްތަކެއް އެބަހުރި ކަމަށް "އެކްސް" ބުނެފައިވާ ކަމަށް ދިޔާނާގެ ރިޕޯޓުގައިވެ އެވެ.
ކުރީގެ ރައީސް ނަޝީދު ސަރުކާރުގެ ބަންޑާރަ ނައިބު ކަމާއި ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން އަދި މިހާރުގެ ސަރުކާރުގެ ޖެންޑާ މިނިސްޓަރުކަން ކުރެއްވި ދިޔާނާ ވަނީ މި ވާހަކަތައް މަޖިލީހުގެ ކޮމިޓީ އަށް ވެސް ކިޔައިދެއްވައިފަ އެވެ. އެ ކޮމިޓީގެ ޔައުމިއްޔާތައް މިދިޔަ ހަފުތާގައި ވަނީ އާންމުކޮށްފަ އެވެ.
ނަޝީދު ވެރިކަމުން ދުރުކުރަންޖެހޭ ކަމަށް ގޮވާލެއްވި އަދި އޭރު އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ދިޔާނާ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައިވަނީ ނަޝީދުގެ ވެރިކަން ބަދަލުކޮށްލީ ބަޣާވާތަކުން ކަމަށް މިހާރު ގަބޫލުކުރައްވާ ކަމަށެވެ.
ނަޝީދު އަވަހާރަކޮށްލުމަށް ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ސިއްރު ފުލުހުންގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފްގެ) އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ބްރިގޭޑިއަ ޖެނެރަލް އަހުމަދު ނިލާމް ވެސް މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައިވެ އެވެ.
އެކްސް އާއި ވައި އަކީ ކޮން ބޭފުޅުންނެއްކަން ދިޔާނާ ހާމަކުރެއްވި ނަމަވެސް، އެކަމާ ގުޅޭ ގޮތުން އެ ދެ ބޭފުޅުންގެ ބަހެއް ނުލިބުނެވެ.
މިނިސްޓަރުކަމުން ދިޔާނާ ވަކިކުރެއްވީ އޭނާގެ ފިރިކަލުން އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރާ ބުއިމުގެ ތުހުމަތުގައި ހދ. ހޮނޑައިދޫން ހައްޔަރުކުރި މައްސަލައާ ގުޅިގެން ސަރުކާރަށާއި ރައީސް ވަހީދަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ