ގާޒީ ބާރީއަށް އިންޒާރުދިން މައްސަލާގައި އަޑުބަރޭ ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓް ހިންގެވުމާއި ހަވާލްވެހުންނެވި އަބުދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް ނަގާ، އިންޒާރުދިންކަމަށް ބުނާ މައްސަލައާއި ގުޅިގެން ގައުމީ ޓީމްގެ ކެޕްޓަން އައްސަދު އަލީ އަޑުބަރޭ ހައްޔަރުކޮށްފިއެވެ.
އަޑުބަރޭ ހައްޔަރުކޮށްފައިވަނީ މިރޭ 12:45 އެހާކަންހާއިރުއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އަމީނީ މަގު ހެޕީމާކެޓް ކައިރިން ކޯޓް އަމުރެއްގެ ދަށުންކަމަށް ވީނިއުސްއަށް ވަނީ އެނގިފައެވެ.
އަޑުބަރޭ ހައްޔަރުކޮށްފައިމިވަނީ ކްރިމިނަލް ކޯޓް ހިންގެވުމާއި ހަވާލްވެހުންނެވި އަބުދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް ނަގާ، އިންޒާރުދިންކަމަށް ބުނާ މައްސަލައާއި ގުޅިގެންނެވެ.
އަޑުބަރޭ ހައްުޔަރުކޮށްފައިވާއިރު، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި މައްސަލަ ތަހުގީގުކޮށް ދިނުމަށް ކްރިމިނަލްކޯޓުން ފުލުސް އޮފީހަށް ވަނީ ހުށައަޅާފައެވެ.
މިކަމަށް އެދިފައިވަނީ، ގާޒީ ބާރީ ސޮއިކުރައްވާ، ސީޕީ އަރީފަށް ފޮނުއްވާފައިވާ ސިޓީއެއްގައެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވީނިއުސްއަށް ވިދާޅުވީ، ކްރިމިނަލްކޯޓުން އެފަދަ މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.
ފުލުހުންނަށް ބާރީ ފޮނުއްވި ސިޓީގައި ވިދާޅުވީ ޖަސްޓިން ބިލްޑިން ކައިރީ އޮންނަ ގޯޅިގަނޑުގެ ތެރޭގައި މިދިޔަ ބުރާސްފަތި ދުވަހު ހަވީރު އޭނާ އޭނާ ހުންނަވަނިކޮށް، ސައިކަލެއްގައި ދިޔަ މީހަކު، އޭނަގެ ފޮޓޯ ނަގާ، އޭނާ އަށް އިންޒާރުދީފައިވަކަމަށެވެ.
ބާރީ ހުށަހެޅުއްވި ސިޓީގައި ވަނީ، ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ވިޔަސް އެ މީހާއާ މެދު ފިޔަވަޅު އަޅައިދިނުމަށް ފުލުސް އޮފީހުގައި އެދިވަޑައިގަންނަ ވާކަމަށެވެ.
އަޑުބަރޭ އަކީ ގައުމީ ޓީމުގެ ކެޕްޓަން ނަމަވެސް އޭނާއަކީ މީގެ އެތަށް އަހަރެއްކުރިން ފެށިގެން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުންދާ މީހެކެވެ. އެންމެ ފުރަތަމަ ޑީއާރުޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި ސިޔާސީ ކަންކަމުން އަޑުބަރޭ ފެނިފައިވާއިރު، އެމްޑީޕީގެ މިހާރުގެ ޗެއަރޕާސަން އަލީ ވަހީދާއެކު އޭނާ ވަނީ ފަހުން އެމްޑީޕީއަށް ސޮއިކޮށްފައެވެ. އިދިކޮޅު ފަރާތަކުން މިފަހަކަށް އައިސް ކުރާ ހުރިހާ މުޒާހަރާތަކެއްގައި އިސްސަފުން އަޑުބަރޭ ފެންނައިރު، މީގެ ކުރިން އެތަށް ފަހަރަކު އޭނާ ވަނީ މުޒާހަރާތަކުން ހައްޔަރުވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ