ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުށަހެޅުއްވި މައްސަލަ ބަލައި ނުގަނެ މިއަދު އަނބުރާ ފޮނުވާލައިފި އެވެ.
ޕީޕީއެމްގެ އާއްމު މެމްބަރުންނާއި އެ މަނިކުފާނުގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށް ވިދާޅުވެ ގާނޫނީ އިމުގެ ތެރެއިން، އެ ހައްގުތައް ހޯއްދެވުމަށް އެދިވަޑައިގެން އެޗްއާރުސީއެމްއަށް ހުށައެޅުއްވި ހުށައެޅުއްވުން ބަލައިގަނެފައެއްނުވެއެވެ.
އެޗްއާރުސީއެމަށް ފޮނުއްވި ސިޓީގައި މައުމޫން ވިދާޅުވެފައި ވަނީ ޕީޕީއެމް ތެރޭގައި އުފެދިފައިވާ މައްސަލައިގައި ކޯޓުން އިއްވާފައިވާ ހުކުމުގެ ސަބަބުން ޕާޓީގެ މެމްބަރުންގެ އިންތިހާބީ ހައްގުތައް ގެއްލިގެންދާ ކަމަށެވެ. މައުމޫން ވަނީ އެ ޕާޓީގެ މެމްބަރުންނާއި އާއްމު ރައްޔިތުންގެ މަސްލަހަތަށްޓަކައި އެ ހައްގު ރައްކާތެރިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އެ މައްސަލައިގައި އެޗްއާރުސީއެމުން ގޮތެއް ނިންމުމަށް ފަހު، މައުމޫނަށް މިއަދު ފޮނުވި ސިޓީގައި ކޮމިޝަންގެ ނައިބު ރައީސް ޝިފާގު މުފީދު ވިދާޅުވީ ޝަރުއީ މައްސަލަތަކުގައި އެންމެ ފަހު ބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓު ކަމަށެވެ. ޕީޕީއެމް ތެރޭގައި އުފެދިފައިވާ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާތީ, ކޯޓުން ކުރިއަށް ގެންދާ މައްސަލަތަކަކީ އެ ކޮމިޝަންގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ މައްސަލަތަކެއް ނޫން ކަމަށް ޝިފާގު މުފީދު ވިދާޅުވި އެވެ.
ކޮމިޝަންގެ ބައްދަލުވުމެއްގައި މައްސަލަ ނުބަލަން ނިންމީ އެ ސަބަބާ ހުރެ ކަމަށް ވެސް ޝިފާގު ވަނީ ވިދާޅުވެފައި އެވެ.
ހައްގުތައް ގެއްލޭ ކަމަށް ވިދާޅުވެ އެ ހައްގުތައް ހޯއްދަވަން އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަ ނައިބަށް ވެސް ރައީސް މައުމޫން ވަނީ ވަކިވަކިން ސިޓީ ފޮނުއްވައިފަ އެވެ.
އެ ސިޓީތަކުގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ، ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމް ކުރިއިރު އެއީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ދިން ފަރުވާއެއް ކަމަށެވެ. އަދި ޕާޓީގެ މެމްބަރުން އިންތިހާބުކޮށްފައިވާ ރައީސް ވަނީ، މެމްބަރުންގެ ރުހުމަކާ ނުލައި ވަކިކޮށްފައި ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
"...ޕާޓީގެ ރައީސް މަގާމުން އަޒުލުކުރެވިފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ކަމުގައިވާތީވެ، އަދި ޕާޓީގެ މެމްބަރުންގެ ކަނޑައަޅާފައިވާ އެ މެމްބަރުންގެ އިންތިހާބީ ހައްގުތަކާ ހިލާފަށް ކަމުގައިވާތީވެ، މިކަމާ ގުޅޭގޮތުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މެމްބަރުންނާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި ތިޔަ ކޮމިޝަނަށް އަދާކުރެވިދާނެ ދައުރެއް އޮތް ކަމަށް ގަބޫލުކުރެވޭތީވެ، ޕީޕީއެމްގެ މެމްބަރުންނާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި ޕީޕީއެމްގެ މެމްބަރުންގެ އިންތިހާބީ ހައްގުތައް ރައްކާތެރިކޮށްދެއްވުމަށް ފިޔަވަޅު އަޅުއްވައި ދެއްވުން އެދި ދެންނެވީމެވެ،" ކަމާ ގުޅޭ މުއައްސަސާތަކަށް މައުމޫން ފޮނުއްވި ސިޓީފުޅުގައި ވެއެވެ.
އެޗްއަރުސީއެމަށް ރައީސް މައުމޫނު ހުށައެޅުއްވި މައްސަލަ ބަލައެއްނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ