ނިލަންދޫ ސްކޫލް ތިޖޫރީގެ މައްސަލައިގާ ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ގއ. ނިލަންދޫ ސްކޫލުގެ ތިޖޫރި ފަޅާލައި, ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ 28 އަހަރުގެ މީހާއާއި 19 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ. ވިލިނިގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ނިލަންދޫ ސްކޫލުން ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމަށް ބުނެ މިމަހު 28 ވަނަ ދުވަހު ގއ.ނިލަންދޫ ޕޮލިސް ޑެސްކަށް ހުށައެޅުނު މައްސަލައާއި ގުޅިގެން ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނާއި, ނިލަންދޫ ޕޮލިސް ޑެސްކުން ގުޅިގެން ކުރި މަސައްކަތުން ކަމަށް ފުލުހުން ބުނެއެވެ.
ނިލަންދޫ ސްކޫލުން ވަގަށް ނަގާފައިވާ ހުރިހާ ފައިސާއެއް ފުލުހުން ވަނީ ހޯދާފައެވެ.
މިމައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ނިލަންދޫ ޕޮލިސް ޑެސްކު ގުޅިގެން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ