ސިންގަޕޫރުގައި އިއްޔެ ބޭއްވިގެންދިޔަ "އިންޑިއަން އޯޝަން ކޮންފަރެންސް 2016" ގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމް ވަނީ އިންޑިއާ ކަނޑުގެ ހުރިހާ ގައުމުތަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފިއެވެ.
ރައީސް މައުމޫން ވިދާޅުވީ އިންޑިއާ ކަނޑުގެ ސަރަޙައްދުގެ އަމަން އަމާންކަމާއި ޞުލްޙަވެރިކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، ގައުމުތަކުގެ ދާޚިލީ ހަމަޖެހުން ވަރުގަދަ ކުރަން ޖެހޭނެ ކަމަށާއި ގައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކޮށް، ޑިމޮކްރެޓިކް އުޞޫލުތައް މުޖްތަމަޢުތަކުގައި އަށަގަންނަވަން ޖެހޭނެ ކަމަށެވެ.
ރައީސް މައުމޫނުގެ ވާހަކަފުޅުގައި މިސަރަޙައްދަށް މިހާރު ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިޔުމަން ޓްރެފިކިންގް، މަސްތުވާ ތަކެތީގެ ވިޔަފާރި އާއި، ހައްދުފަހަނަޅައި ދިޔުމުގެ ޙަރަކާތްތަކާ، ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ޓްރޭނިންގް ދިނުމާއި އެތަންތަނަށް މީހުން ފޮނުވުން ހިމެނޭ ފާހަގަކުރެއްވިއެވެ. އަދި މި މައްސަލަތައް ޙައްލުކޮށް، އިންޑިއާ ކަނޑުގެ ސަރަޙައްދަކީ އަމާން ޞުލްޙަވެރި، ގައުމުތައް ގުޅިގެން ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްކުރާ ސަރަޙައްދަކަށް ހެދުމުގެ މުހިއްމުކަން ފާހަނގަކުރައްވާ އެމަނުފާނު ވިދާޅުވީ މިސަރަޙައްދުގެ މުސްތަގުބަލުގެ ސަލާމަތަށްޓަކައި އެކަމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމުގައެވެ.
މައުމޫނުގެ ވާހަކަފުޅަށް ފަހު ސުވާލާއި ޖަވާބުގެ ފުރުޞަތުގައި އައިސިސްގެ ނުފޫޒު ރާއްޖެއަށް ފޯރާފައިވާވަރަކާއި ރާއްޖޭގެ ޒުވާނުން އައިސިސްއާ ގުޅިގެން ހަނގުރާމަކުރުމަށް ދިޔުމާ ބެހޭ ގޮތުން ކޮންފަރެންސުގެ ބައިވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް މައުމޫން ވިދާޅުވީ، ބޭރުގެ ނޫސްތަކުގައި އެވާހަކަ ޖަހަމުން ގެންދަނީ އެކަން ހިނގަމުންދާ ވަރަށް ވުރެ މާބޮޑުކޮށްގެން ކަމަށެވެ. އެ ޙަރަކާތަކީ ރާއްޖެ ފިޔަވައި ވަރަށް ގިނަ އެހެން ގައުމުތަކުގައި ވެސް ހިނގަމުންދާ ޙަރަކާތެއް ކަމަށާއި އަދި، ރާއްޖޭގައި އެކަން ކޮންޓްރޯލް ކުރުމަށް ޓަކައި އެކަށީގެންވާ ފިޔަވަޅުތަކެއް އެޅެމުންދާ ކަމަށް ވިދާޅުވި އެވެ.
އަދި މީގެ އިތުރުން އިސްލާމްދީނަކީ ޞުލްޙައަށް ގޮވާލާ ދީނެއްކަމަށާއި އައިސިސްއިން ހިންގަމުންގެންދާ ފަދަ ލާއިންސާނީ ޖަރީމާތަކަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށަވެސް މައުމޫން ވަނީ ވިދާޅުވެފައެވެ.
ހުރިހާ ގައުމުތަކަކުން ގުޅިގެން މަސައްކަތް ކުރުމަށް ރައީސް މައުމޫން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ