ދިވެހި ރައްޔިތުން އުޅޭ ވެށްޓަކީ އަމާން، ސަލާމަތްތެރި ވެށްޓަކަށް ހަދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ކުރީގެ މަޝްހޫރު ނޫސްވެރިޔާ އާއިޝަތު ލީޒާގެ ކެމްޕޭން ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ، މުޅިރާއްޖެއަށް ޢާންމުކޮށް ދެކެވޭ ވާހަކައަކީ ކުށުން މުޖުތަމަޢު ސަލާމަތް ކުރުން ކަމަށެވެ.
"މުޅި ރާއްޖެއަށް ޢާންމުވެފައިވާ ވަބާއަކީ ނުރައްކާތެރިކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގައި މި މަސްލަހަތު ހިމާޔަތް ކުރާނަން. ރައްޔިތުންނަށް ރައްޔިތުން ދިރިއުޅޭ ވެށްޓަކީ، އެއީ މާލެ ކަމުގައި ވިޔަސް، ގދ.ތިނަދޫ ކަމުގައި ވިޔަސް، ހއ.ކެލާ ކަމުގައި ވިޔަސް، ރައްޔިތުން ދިރިއުޅޭ ވެއްޓަކީ ސަލާމަތް، އަމާން ވެށްޓަކަށް ހަދަން ޖެހޭ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިކަން ކުރެވެން އޮތީ ޖިނާޢީ ޢަދުލުގެ ނިޒާމު ފުރިހަމަ ކޮށް، ޤާނޫނުލް އުޤޫބާތު ހަދައި، ހެކި ސާބިތު ކުރުމަށް ޤާނޫނުތައް ހެދެން ޖެހޭ ކަމަށެވެ. އަދި މި ސަރުކާރުން މިހާރުން މިހާރަށް ކުށް މަދު ކުރުމަށް އަޅާ ފިޔަވަޅުތަކަކީ ޒުވާނުންގެ ތަރުބިއްޔަތާއި ގުޅިފައިވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީއިން ރައްޔިތުންގެ ތާޢީދާއި އެކު ވެރިކަމަށް އައިސް އަޅުގަނޑުމެން ބުނަމުން މި ގެންދަނީ ޒުވާނުން ތަރުބިއްޔަތު ކުރުމަށްޓަކައި ތަރުބަވީ ތަޢުލީމީ ނިޒާމެއް ޤާއިމު ކުރާނަމޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ތަރުބަވީ ތަޢުލީމު ދެވޭނީ، އިސްލާމީ ތަޢުލީމް ދީގެން ކަމަށެވެ. އަދި މިކަމަށްޓަކައި ވަރަށް މަދު މަދަރުސާއެއްގައި ނޫނީ ޤުރްއާން ކިޔަވައިދެމުންދާ ކަމަށާއި، ވަސީލަތްތައް ހުރި މިންވަރުން ޢަރަބި ބަސް ވެސް ސްކޫލުތަކުގައި ކިޔަވައިދެމުން ގެންދާ ކަމަށެވެ.
"މިއާއި އެކީ ގުޅިގެން ދާނީ އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ތަޢާރަފު ކުރާ ސިވިކް އެޑިއުކޭޝަނާއި ސޯޝަލް ސައިންސެސްގެ މާއްދާތައް." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މުޖުތަމަޢުގައި އުޅޭއިރު، ހިތްހަމަ ނުޖެހޭ ކަންކަން ދިމާވާ އިރު، އެކަންކަމާއި ކުރިމަތިލާނެ ގޮތް ފަދަ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކުރެވޭނެ ކަމަށާއި، ދަޢުލަތުގެ ފަރާތުން އިސްލާމްދީނުގެ އުސޫލުތައް ދެމެހެއްޓުމުގެ ސިޔާސަތުތަކަށް ވަކާލާތު ކުރާކަމަށް ވަންޏާ، ދިވެހި ރާއްޖޭގެ ތަރުބަވީ ތަޢުލީމުގެ ފައިދާ ފެންނާނެ ކަމަށެވެ.
ރައީސް މިރޭ ދެއްކެވި ވާހަކަފުޅުގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެމްބަރު އޮގަރު އިބްރާހިމް ވަހީދު އިސްތިއުފާ ދެއްވުމުން އެމަޤާމަށް ބޭފުޅަކު އައްޔަން ކުރުރެވި ގިނަ ދުވަސްތަކެއް ވަމުންދާތީއާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރުން ފަސްވަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.
ރައީސް ވިދާޅުވީ އެމަޤާމްތަކަށް ބޭފުޅުން އައްޔަންކުރަން އެމްޑީޕީން ބޭނުންނުވާ ކަމަށާއި އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަންކުރުން ފަސްކުރުމަކީ އުސޫލީ ބޮޑު މައްސަލައެއް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އީސީގެ އިތުރު މެމްބަރަކު އިސްތިއުފާ ދެއްވިޔަސް ދެން ތިއްބަވާ ތިން މެމްބަރުންނާއި އެމްޑީޕީން ވެސް ބޭނުންފުޅު ވެވަޑައިގަންނަވާނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭވުމަށް ކަމަށެވެ.
"ރިޔާސީ އިންތިހާބު ނިމިގެން އެ ދިޔައީ. ކައުންސިލް އިންތިހާބު ނިމިގެން އެ ދިޔައީ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ނިމިގެންދާން މި ޖެހެނީ. އެ ކޮމިޝަނަށް މީހަކު މަދުވެގެން މީހަކު ލާކަށް ބޭނުމެއް ނުވޭ" ރައީސް ވިދާޅުވިއެވެ.
ރައްޔިތުން އުޅޭ ވެށްޓަކީ އަމާން ވެށްޓަކަށް ހަދާނަން - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ