"ރައީސް ޔާމީން 2018" ކެމްޕޭނު މެނޭޖަރުން ތައްޔާރުކުރުމަށް މަހާސިންތާތަކެއް ބާއްވަނީ

"ރައީސް ޔާމީން 2018" ކެމްޕޭނު މެނޭޖަރުން ތައްޔާރުކުރުމުގެ މަހާސިންތާތަކެއް، މުޅި ރާއްޖެ ބައިވެރިވާ ގޮތަށް އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމައިފިއެވެ.
ރައީސް ޔާމީން ކެންޕޭނު ޖަގަހައިގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބްރާހީމް މުޢާޛް އަލީ ވިދާޅުވީ މިފަދަ މަހާސިންތާއެއް ބޭއްވުމުގެ ބޭނުމަކީ ކުރީ އިންތިޚާބުގައި ކުރިމަތިވި މައްސަލަތަކަށް ބަލައި ކަންކަން ކުރާނެ ލީޑަރުން ތައްޔާރުކުރުން ކަމަށެވެ. "މިކަމަށް ރާއްޖެތެރޭގައި ތިއްބެވި ބޭފުޅުންވެސް އެބަ ތަމްރީނުކުރަންޖެހޭ. މިކަން ކުރާނީ ހަމައެކަނި މާލޭގައި ތިއްބެވި ބޭފުޅުން އެކަންޏެއް ނޫން. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ތިއްބެވި މިކެންޕޭނުގައި ހަރަކާތްތެރިވާ ހުރިހައި ފަރާތްތަކެއް މިކަމުގައި އެއް އަމާޒަކަށް، އެއް ރޭވުންތެރިކަމެއްގެދަށުން މުޅި ކެންޕޭނުގެ ހުރިހައި މަސައްކަތްތަކެއްވެސް ބިނާވެގެންދާނީ."
މުޢާޛް ވިދާޅުވީ މަހާސިންތާގެ ފުރަތަމަ ބުރިއަށްދާނީ ސެޕްޓެމްބަރު މަހު 3 އިން 5އަށް ކަމަށާއި ބައިވެރިވާނީ ހއ އިން ފެށިގެން މ އަތޮޅުގެ ނިޔަލަށް ހުރިހައި ރަށްތަކުގެ ގޮފިތަކުން އެކަކާއި އެ ސަރަހައްދުގެ ފޯކަލް ޕޮއިންޓްތައް ކަމަށެވެ. "ޖުމުލަ 369 ބައިވެރިން ބައިވެރިވާނެ. މިމަހާސިންތާ ކުރިއަށްދާނީ ތާޖުއްދީން ސްކޫލުގަ. ދެން އޮންނާނީ މަހާސިންތާގެ ދެވަނަ ބުރު. އެބުރު ކުރިއަށްދާނީ ،10 ،11 އަދި 12 ގަ. އެބުރުގަ ބައިވެރިވާނީ ފ އަތޮޅުން ފެށިގެން އައްޑުއަތޮޅުގެ ނިޔަލަށް. ދެވަނަ ބުރުގައި 361 ބައިވެރިން ބައިވެރިވާނެ."
މުއާޛް ވިދާޅުވީ މަހާސިންތާގެ 3 ވަނަ ބުރު ބާއްވާ ތާޜީޚް އަދި ކަނޑަނުއެޅުނު ނަމަވެސް މަސައްކަތް ކުރައްވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ބާއްވަވަން ކަމަށެވެ. އަދި އެބުރު އަމާޒުކުރައްވާނީ މާލޭގައި ދިރިއުޅުއްވާ ރާއްޖެތެރޭގެ ބޭފުޅުންނަށް ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކުންވެސް ފުރުޞަތަށް އެދިވަޑައިގަންނަވާތީ 3 ވަނަ ބުރުގައި އެފަރާތްތަކަށްވެސް ފުރުޞަތު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މުއާޛް ވިދާޅުވީ މިކެންޕޭނަކީ ޕީޕީއެމް އިން ކުރިއަށް ގެންދާ ހަރަކާތްތަކެއް ނޫން ކަަމަށާއި މި ހަރަކާތްތަކަކީ ރައީސް ޔާމީނުގެ ކެންޕޭނު އޮފީހުގަ މަސައްކަތްކުރާ ފަރާތްތަކުން އިސްނަގައިގެން ޚާއްޞަކޮށް މެޑަމް ފާޠިމަތު އިބްރާހީމްގެ ބެއްލެވުމުގެދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް ކަމަށެވެ. "މިމަސައްކަތްތަކުގައި ރަށްރަށުގެ ގޮފިތަކާއި ފޯކަލް ޕޮއިންޓްތައް ބައިވެރިވާނެ."
މުއާޛް ވިދާޅުވީ 2013 ވަނަ އަހަރު ނިމިގެންދިއަ ރިޔާސީ އިންތިޚާބަކީ 3 ބުރަށް ވޯޓުލާން ޖެހުމުން އެއިރުގެ ނިޞްބަތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު އަދި ޚަރަދުތަކެއްވެސް ހިނގައިދިއަ ކެމްްޕޭނެއް ކަަމަށެވެ. އަދި މިހާރު މިފެށޭ މަސައްކަތަކީ އެ ތަޖުރިބާތަކަށް ބަލައި 2018 ވަނަ އަހަރަށް ތައްޔާރުވުމުގެ ގޮތުން ފަށައިގަނެވޭ މަސައްކަތްތަކެއް ކަމަށެވެ.
މުއާޛް ވިދާޅުވީ ބައެއް ރަށްރަށުގަ މިހާރުވެސް ޕީޕީއެމްގެ 50 ގޮފި، 30 ގޮފި މިހާރުވެސް އެބައޮތް ކަަމަށާއި އެގޮފިތަކުން ބޭނުންވަނީ މިހާރުން ފެށިގެންވެސް ރައީސް ޔާމީން 2018 ކެންޕޭނުގެ ހަރަކާތްތައް މިހާރުން ފެށިގެންވެސް ކުރިއަށް ގެންދަން ކަމަށެވެ. "ދުނިޔޭގެ އެެހެން ޤައުމުތަކުގައިވެސް ކެންޕޭނުތަކަށް ތައްޔާރުވުމުގެ ގޮތުން ދުރާލައި މަސައްކަތްތަކެއް ކުރެވޭ. މަހާސިންތާތައް ބާއްވައި ތައްޔާރުވޭ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ