ގައުމު ހަލާކުގެ ތެރެއަށް ވައްޓާލުމަށް ފުރުސަތެއް ނުދޭނަން - ގާސިމް

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު 6 މަސް ދުވަހަށް ޖަލަށްލުމަށާއި ފުއާދާއި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒް އެކޮމިޝަންގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި މައްސަލައިގައި އެހުކުމާއި މެދު ހިތްހަމަނުޖެހިގެން ގައުމު ހަލާކުގެ ތެރެއަށް ވައްޓާލުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ވިލިމާލެ ދާއިރާއަށް ސަރުކާރު ކޯލިޝަންގެ ފަރާތުން ކުރިމަތިލައްވާފައިވާ އަހުމަދު ނިހާން ހުސެއިން މަނިކުގެ ކެމްޕެއިން ލޯންޗުކުރުމަށް ވިލިމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ މިއަދު ފެނިގެންދަނީ ސުޕްރީމް ކޯޓާއި ދެކޮޅަށް ތަފާތު ވައްތަރު ވައްތަރުގެ އިއުލާންތަކާއި ބަހުސްތައް ކުރެވޭތަން ކަމަށާއި ނަމަވެސް ގާނޫނު އަސާސީގައި އެންމެ ފަހު ބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓަށްވާއިރު އެނިންމުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ޗެލެންޖް ނުކުރެވޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ގާނޫނު އަސާސީ ބަދަލުކޮށްގެން ނޫނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް ބަދަލު ނުކުރެވޭނެ ކަމަށެވެ.
"މިހެން މިކަން މިހާ ސާފުކޮށް އޮއްވާ، އެތަނުން (ސުޕްރީމް ކޯޓުން) ނިންމަވާ ނިންމެވުންތަކުގައި އެއްވެސް މުއައްސަސާއަކުން ދެކޮޅުވެރިކަމެއް ނުދެއްކޭނެ، އަމިއްލަ ފަރުދަކު ވިޔަސް ސަރުކާރުގެ މުއައްސަސާއަކުން ވިޔަސް، އަދި އެނޫން ގޮތަކުން ވިޔަސް، އަމިއްލަ ޖަމާއަތަކުން ވިޔަސް، އަޅުގަނޑުމެން ޖެހޭނީ ޝަރީއަތް ކުރުމުގެ ނިޒާމަށް ނުވަތަ ފަރާތްތަކަށް ހިތްވަރުދީ އެއްބާރުލުންދޭންކަން ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ." ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީގައި ސުޕްރީމް ކޯޓަށް އެންމެ ފަހު ބަސް ބުނުމުގެ ބާރު ދީފައިވާއިރު އެކަމާއި މެދު ތަފާތު ގޮތް ގޮތަށް ވާހަކަދައްކާ މުޒާހަރާއަށް ނުކުމެ، ހަޅޭއްލެވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"އެއީ އަޅުގަނޑުމެންގެ ނާގާބިލުކަން އަޅުގަނޑުމެންގެ ޖާހިލުކަން، ނޫނީ އެހެން އެއްވެސް އެއްޗެކޭ ދަންނަވާކަށް ނެތް. އެހެންވެ އެބާވަތުގެ ކަމެއް، މުޅި ގައުމު ހަލާކުކުރަން އެއްވެސް ފުރުސަތެއް ނުލިބޭނެ، އަދި ނުދެވޭނެ، އަދި ދޭކަށެއް ނުވެސް ނެތީން." ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ