އަތަމާއިން ނަގާފައިވާ ލޯނުތަކަށް ދައްކަންޖެހޭ 700 މިލިއަން ރުފިޔާ ދެއްކުމަށް ހައި ކޯޓުން ވެސް ތާއީދު

އަތަމާ އިންވެސްޓްމަންޓުން ނަގާފައިވާ ލޯނުތަކަކަށް ދައްކަންޖެހޭ 700 މިލިއަނެއްހާ ރުފިޔާ އަނބުރާ ދެއްކުމަށް އެ ކުންފުންޏާއި އެ ލޯނުތަކަށް ގެރެންޓީ ދިން ހުރިހާ ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އަތަމާ އިންވެސްޓްމަންޓުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި މޮރިޝަސް ކޮމާޝަލް ބޭންކުގެ އިތުރުން ބޭންކް އޮފް ސިލޯނުން ނަގާފައިވާ ހަ ލޯނަކަށް ގެރެންޓީ ދީފައިވަނީ މއ. އަތަމާގޭ އިބްރާހިމް އަބްދުއްލަތީފާއި މ. ކްރޯންޓް އާސިމާ ހަސަނާއި އަތަމާ މެރިން އިންވެސްޓްމަންޓެވެ.
އެ ލޯނުތަކަށް ގަވާއިދުން ފައިސާ ދައްކަމުން ނުދާތީ އިންޓްރެސްޓާއި ޖޫރިމަނާއާ އެކު ޖުމްލަ 669.7 މިލިއަން ރުފިޔާ އަރާފައިވާއިރު އެ ފައިސާ ހަތް މަސް ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް އަތަމާ އިންވެސްޓްމަންޓާއި އެ ލޯނުތަކަށް ގެރެންޓީ ދިން ހުރިހާ ފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުން 2012 ވަނަ އަހަރު ވަނީ ހުކުމްކޮށްފަ އެވެ.
އަތަމާ ކުންފުންޏާއި އެ ލޯނުތަކަށް ގެރެންޓީ ދިން ފަރާތްތަކުގެ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު އިއްވި ހުކުމުގައިވަނީ އެ ފައިސާ ދެއްކުމަށް ދަށު ކޯޓުން ދީފައިވާ މުއްދަތަކީ އެކަށީގެންނުވާ މުއްދަތެއް ކަމަށް ނުބެލެވޭ ކަމަށާއި ދަށު ކޯޓުން ހުކުމްކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.
ސިވިލް ކޯޓުން ވަނީ ފައިސާ ދައްކަން ދީފައިވާ މުއްދަތުގައި އެ ފައިސާ ނުދެއްކިއްޖެ ނަމަ އެ ލޯނުތަކަށް ރަހުނުކޮށްފައިވާ ކިހާދުއްފަރު ރިސޯޓާއި މާވެލާވަރު ރިސޯޓާއި އެތަންތަނުގައިވާ ހުރިހާ އިމާރާތްތަކާއި މެޝިނަރީ އާއި ފަރުނީޗަރާއި ވިއްކާލުމުގެ ހުއްދަ ބޭންކަށް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ