ރައީސް މައުމޫން ފަޅިއާ އިތުރު މެމްބަރުންތަކެއް ގުޅިވަޑައިގެންފި

ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ޕީޕީއެމްގެ ރައީސް މައުމޫންގެ ފަހަތްޕުޅަށް އަރާވަޑައިގެން މަޖިލީހުގައި ވަކިން މަސައްކަތް ކުރެއްވުމަށް ނިންމަވައިފިއެވެ.
އެ މެމްބަރުންނަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދު، ތިނަދޫ ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އަދި އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފެވެ.
މީގެ އިތުރަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހަންމަދު މުސްތަފާއާއި، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއާއި، ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު ވަނީ މީގެ ކުރިންވެސް ރައީސް މައުމޫންގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަން ފައްޓަވާފައެވެ.
ޕީޕީއެމްގެ އޮފީހުގައި މިބޭފުޅުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން ވިދާޅުވީ ވަކި ވިސްނުމެއްގައި މަސައްކަތް ކުރައްވާ އަށް މެމްބަރުން މިހާރު ސަރުކާރު ކޯލިޝަނުގައި އެބަތިއްބެވި ކަމަށެވެ.
ފާރިޝް ވިދާޅުވީ އެ އަށް މެމްބަރުން މަސައްކަތް ކުރައްވާނީ ޕީޕީއެމްގެ އަނެއް ޕީޖީ ގުރޫޕާއި ވަކިން ކަމަށެވެ.
އަށް މެމްބަރުންގެ ޕީޖީ ގުރޫޕުން ކަންކަން ނިންމާނީ ގައުމުގެ މަސްލަހަތަށް ބަލައިގެން ކަމަށާއި ސަރުކާރުންވެސް ރަގަޅު ކަމެއްކުރާނަމަ އެއްބާރުލުން ދޭނެ ކަމަށް ފާރިޝް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކަންބޮޑުވާ ކަންކަން ވަރަށް ކުރީއްސުރެ ވެސް ހުރި. އެކަމަކު އެކަންކަމާ ބެހޭ ގޮތުން އެތެރޭގައި މަޝްވަރާ ކޮށްގެން ހައްލު ލިބޭތޯ މަސައްކަތް ކުރީ. ފަހަކަށް އައިސް ޕީޕީއެމްގެ ޕީޖީ ގުރޫޕުން ކަނޑައަޅާ ވިޕްލައިނާ ތަފާތުކޮށް އަޅުގަނޑުމެން މަސައްކަތް ކުރަން މިޖެހުނީ ގައުމުގެ މަސްލަހަތު އެއްކިބާކޮށް އަޅުގަނޑުމެންގެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ޕީޖީ ގުރޫޕުން ކަންކަން ނިންމަމުންދާތީ. ތަކުރާުކޮށް މަސައްކަތްކޮށްގެން ވެސް މިކަން އިސްލާހު ނުވެގެން މިހިސާބަށް އަންނަންޖެހުނީ" ފާރިޝް ވިދާޅުވިއެވެ.
އެބޭފުޅުން ދެން މަސައްކަތް ކުރައްވާނީ ވަކިން ވިޕްލައިން ކަނޑައަޅައިގެން މަޖިލީހުގައި މަސައްކަތް ކުރުމަށް ކަމަށް ވެސް ފާރިޝް ވިދާޅުވިއެވެ.
މި ބޭފުޅުން ވިދާޅުވީ އެހެން ޕާޓީތަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ