އަނިޔާވެރިގޮތަކަށް ހުޅުމާލޭގައި މަރާލާފައި އޮއްވާ ފެނުނު ގާސިމް ހަސަންގެ އާއިލާއަށް ލިބެންޖެހޭ އިންސާފު ފުލުހުންގެ މަސައްކަތުން ލިބޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ގާސިމް ހަސަން މަރާލުމުގެ ފަހަތުގައިވާ މީހަކު ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަމަށް ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމިީދު ޓްވިޓާ މެދުވެރިކޮށް ހާމަކުރައްވުމާ ގުޅިގެންނެވެ.
މި ޓްވީޓުގައި ގާސިމް އިބްރާޙިމް ވަނީ ގާސިމް ހަސަންގެ މަރާ ގުޅުންހުރި މީހަކު ހައްޔަރުކުރި ޚަބަރު ރައްޔިތުންނާ ހިއްސާކުރެއްވީތީ ސީޕީ ހަމީދަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ﷲގެ އިރާދަފުޅާއެކު ގާސިމް ހަސަންގެ އާއިލާއަށް ހައްގު އިންސާފު ލިބިގެންދާނެ ކަމަށް ގާސިމް އިބްރާހިމް ވަނީ ވިދާޅުވިއެވެ.
ޕޮލިސް ކޮމިޝަނާ މިކަން ހާމަކުރެއްވުމާ ގުޅިގެން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް ވަނީ ފުލުހުންގެ މަސައްކަތް ބަަލއިގަނެ، ފުލުހުންގެ މި މަސައްކަތާއެކު އިރާދަކުރެއްވިއްޔާ ގާސިމްގެ ގާތިލުން ހޯދި އާއިލާއަށް އިންސާފު ލިބޭނެކަމަށް ވިދާޅުވެފައެވެ.
ރަހުމު ކުޑަގޮތަކަށް ތޫނު އެއްޗަކުން ކަރަށް ހަމަލާދިނުމުން ހުޅުމާލޭގެ ރީތިގަސް މަގަށް އޭނާ ވެއްޓިފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ ހަތަރެެއްވީ ބުދަ ދުވަހުގެ ރޭ 21:07 އެހާއިރުއެވެ. ގާސިމް ފެނުނު ސަރަހައްދުގައި އޭނާ ދުއްވި ޓެކްސީވެސް އޮތެވެ. ގާސިމް ހޮސްޕިޓަލަށް ގެންދިޔަތާ މާގިނަ އިރު ނުވަނީސް އޭނާ ވަނީ މަރުވެފައެވެ.
މި މައްސަލައާއި ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވަނީ ގާސިމްއަށް ހަމަލާ ދިން ހަތިޔާރު ހޯދާފައިވާ ކަން ހާމަކުރައްވާފައެވެ. ހަތިޔާރު ހޯދީ ގާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދާ 300 ވަރަކަށް މީޓަރު ދުރުން ގަސްތަކުގެ ތެރެއިން ކަމަށާއި ތުހުމަތުކުރެވޭ މީހުންގެ ޑީއެންއޭ އާއި ފިންގަޕްރިންޓް ވެސް ފެނިފައިވާކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
ގާސިމްގެ އާއިލާއަށް ލިބެންޖެހޭ ހައްގު އިންސާފު ފުލުހުންގެ މަސައްކަތުން ލިބޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ