ނަތީޖާ ނެރެ ދައްކާނެ މުޖައްރިބު މީހަކީ ގާސިމް އިބްރާހީމް: އިމާދު

ރާއްޖޭގެ ވެރިކަމުގެ ހުންގާނު ގާސިމް އިބްރާހީމަށް ހަވާލުކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވަނީ މިހާތަނަށް އެމަނިކުފާނު ނެރެ ދައްކުވައިދެއްވާފައިވާ ނަތީޖާއިން ކަމަށް ދާދިފަހުން ޖޭޕީއާ ގުޅިވަޑައިގެންނެވި އިމާދު ލަތީފް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން އިމާދު ލަތީފް ވަނީ ގާސިމް އިބްރާހީމް މި ގައުމަށް ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.
އިމާދު ވިދާޅުވީ ބަލަންވީ ގާސިމް އިބްރާހީމާއި ހަވާލުކުރެވުނު ޒިންމާތައް އަދާކުރައްވައި ނެރެދެއްވާފައިވާ ނަތީޖާތަކަށް ކަމަށާއި ބަލަންވީ އެމަނިކުފާނުގެ އަމިއްލަފުޅު ދިރިއުޅުއްވުމުން ދައްކަވާފައިވާ ނަމޫނާއަށް ކަމަށެވެ.
ރައްޔިތުން ބޭނުންވަނީ ނަތީޖާނެރެ، ދައްކާނެ މުޖައްރިބު މީހެއް ކަމަށް ބުނާއިރު، މި ގިންތީގައި ގާސިމް އިބްރާހީމާއި ކައިރިކުރާނެ އެހެން މީހަކު މިގައުމުން ނުފެންނަ ކަމަށްވެސް އިމާދު ވިދާޅުވިއެވެ.
ގާސިމް އިބްރާހީމް ކުޑައިރުއްސުރެ މިހާތަނަށް އައިއިރު މަސައްކަތް ކުރެއްވި ގޮތަށް ބައްލަވާލައްވައި އިމާދު ވިދާޅުވީ އެފަދަ ބޭފުޅަކު ގައުމު ހިންގުމުގައި ހިކުމަތްތެރިއަކަށް ނުވާނެތޯ ސުވާލު އުފައްދަވާފައެވެ. އަދި ދައުލަތުގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާއިރު އެއިން އެއްވެސް މަގާމެއްގައި ފެއިލްވެފައި ނެތް ކަމަށް އިމާދު ވިދާޅުވިއެވެ.
ގާސިމް އިބްރާހީމްގެ ގައުމީ ޚިދުމަތް ފެށިގެން އައި ގޮތަށް ބައްލަވާލައްވާ އިމާދު ވިދާޅުވީ ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފެށިގެން ގާނޫނުއަސާސީ ވުޖޫދަށް ގެނެސްދެއްވީ ގާސިމް ކަމަށާއި އެއީ ނަތީޖާ ނެރެދެއްވުން ކަމަށެވެ.
އޭރުގެ މަޖިލީހުގެ ހާލަތާއި ރާއްޖޭގެ މަސްރަހަށް ބައްލަވާލައްވަމުން އިމާދު ވިދާޅުވީ ބައިބައިވެފައިވާ މަޖިލީހެއް އެކަތިގަނޑަކަށް ހައްދަވައި އެ މަސައްކަތް ނިންމުމަކީ ހިކުމަތްތެރިއަކަަށް ނޫނީ ނުކުރެވޭނެ ކަންތައްތަކެއް ކަމަށެވެ.
އިމާދު ވިދާޅުވީ ގައުމަށް އައި ނާޒުކު ދަނޑިވަޅެއްގައި މަޖިލީސް ހަމަމަގަށް އަޅުވައި އާދައުރަކަށް އާ މަޖިލީހެއް އިންތިޚާބުވުމާ ހަމައަށް އެމަޖިލީހުގެ ކަންކަން އެންމެ ބަރާބަރަށް ގެންދެވީވެސް ހަމަ ގާސިމް ކަމަށެވެ.
އިމާދު ވިދާޅުވީ އެފަދަ ނާޒުކު ދަނޑިވަޅުގައި އެކަން އެމަގަށް ކުރެއްވުމުގައި އެމަނިކުފާނު ބޭނުންކުރެއްވި ތަޖުރިބާއާއި ހިކުމަތްތެރިކަން އެއީ އެންމެންވެސް ދަންނަ ހަގީގަތެއް ކަމަށާއި ނަތީޖާއަކަށް ގައުމު ބޭނުންވެފައިވާ ދަނޑިވަޅެއްގައި އެ ނަތީޖާވެސް ނެރެދެއްކެވީ ގާސިމް ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ކެރި ކުޅަދާނަކަމާއިމެދު ޝައްކުކުރާނެ ޖާގައެއް ނެތް ކަމަށްވެސް އިމާދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ