މުސާރަ ދެވޭނެ ދުވަހެއް ނޭނގެ، ދަތިވާ މުއައްޒިފުން އެހެން ގޮތެއް ހޯދާ: ވިލާ
ވިލާ ކުންފުނީގެ މާލީ ހާލަތު ދަށްވެ އެކުންފުނީގައި މަސައްކަތްކުރާ 5000 އަށް ވުރެ ގިނަ މުއައްޒިފުންނަށް މުސާރަ ދެވޭނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ. ވޭތުވެ ދިޔަ މަހުގެ މުސާރަ ވެސް އަދި މިހާތަނަށް ވެސް ވިލާ ކުންފުނީގެ މުއައްޒިފުންނަށް ދީފައިނުވާ އިރު އެކުންފުނިން އިއްޔެ ނެރެފައިވާ މެމޯއެއްގައި ބުނެފައި ވަނީ ތަފާތު ސަބަބުތަކާ ގުޅިގެން އެ ކުންފުނީގެ އާމްދަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން ވަނީ ދަށަށް ގޮސް ފައި ކަމަށާއި އެހާލަތުން އަރައިގަންނަން އެކުންފުނިން ބުރަ މަސައްކަތެއް ކުރަމުންދާ އިރު މުސާރަ އާއި އިނާއަތްތައް ހަމަޖައްސައިދެވޭނެ ވަކި ތާރީހެއް ކަނޑައެޅިގެން ދަންނަންވަން އުނދަގޫ ކަމަށެވެ. "ބޭންކުން ލޯނެއް ނަގައިގެން ހަރަދު ދެކޮޅު ޖައްސަން ކުރަމުން ދިޔަ ގިނަގުނަ މަސައްކަތްތަކަށް ދިވެހި ސަރުކާރުގެ ޒިންމާދާރުކަންކުޑަ ޕުރޮޕެގެންޑާ އާއި ދޮގު މައުލޫމާތުގެ އިތުރުން ބޭންކް އެކައުންޓްތައް ފްރީޒްކުރުމުގެ ސަބަބުން މިވަނީ އަލިމަގެއް ނުފެނި ހުއްޓުން އަރާފައި." ވިލާއިން ނެރެފައިވާ މެމޯގައި ބުނެފައިވެ އެވެ. މުއައްޒިފުންނަށް ދިމާވާނެ ދަތިތަތަކުގެ ސަބަބުން މުސާރަ ދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށާއި މިވަގުތު ވަޒީފާގައި ތިބެން ދަތި މުއައްޒުފުން އެހެން ގޮތެއް ހޯދުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އެމެމޯގައި ބުނެފައިވެ އެވެ. އަދި މުސާރަ ހަމަޖެހޭ ގޮތް ވުމުން އެކުންފުނިން ވަކިވެގެންދާ މުއައްޒިފުންނަށް ވެސް ދޭން ޖެހޭ މުސާރަ ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. މީރާ އިން މިހާރު ވަނީ ވިލާ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ 1.4 ބިލިއަން ރުފިޔާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނީގެ ބައެއް އެކަންޓްތައް ފުރީޒް ކޮށްފަ އެވެ. ނަމަވެސް ވިލާ ކުންފުނިން ބުނަނީ އެއެކައުންޓްތަކުގައި ފައިސާ ނުހުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ