ރާއްޖެއަށް އަދި ޑިމޮކްރަސީއެއް ނާދޭ: ޑރ. ޝަހީދު

ދިވެހިޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި އަސާސީ ހައްގުތައް ހިމާޔަތް ނުކުރެވޭ ގައުމަކީ ޑިމޮކްރެޓިކް ގައުމެއް ނޫން ކަމަށާއި ރާއްޖެއަށް އަދި ޑިމޮކްރަސީއެއް ނާންނަ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާއެއްގެ މަގާމުގައި މިހާރު ހުންނެވި ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިފަދައިން ވިދާޅުވީ، ޑިމޮކްރަސީގެ ދައުރުގައި ރާއްޖެ މާ ބޮޑަށް ވެސް ފައްކާވެއްޖެ ކަމަށް ވިދާޅުވެ، ރާއްޖެ އޮތީ ޑިމޮކްރަސީގައި އެމެރިކާ އަށްވުރެ ވެސް ކުރީގައިކަން ދޭހަވާ ފަދަ މޭރުމަކުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބް ޓުވީޓެއްކުރެއްވުމާ ގުޅިގެންނެވެ.
އެކަމަށް އިޝާރާތްކުރައްވައި ޑރ. ޝަހީދު ވިދާޅުވީ، ރާއްޖެއަށް އަދި ޑިމޮކްރަސީއެއް ނާންނަ ކަމަށެވެ. ޑިމޮކްރަސީއަކީ ހަމައެކަނި ވޯޓުލެވުމެއްވެސް ނޫން ކަމަށާއި ހަމައެކަނި ޕާޓީ އުފެއްދުމެއްވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރޫލް އޮފް ލޯ އާއި އަސާސީ ހައްގުތައް ހިމާޔަތް ނުކުރެވޭ ގައުމަކީ ޑިމޮކްރަސީއެއް ނޫން،" ޑރ. ޝަހީދު ވިދާޅުވިއެެވެ.
އެމެރިކާގައި ހިނގައިގެން އުޅޭ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވައި ހަބީބް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރައީސް ޓްރަމްޕަށް މިހާވަރުވާއިރު، ރާއްޖޭގައި 30 އަހަރުވަންދެން ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ސެލިއުޓް ކުރައްވަން ޖެހޭ ކަމަށެވެ. އަދި ޑިމޮކްރެސީގެ ދަތުރުގައި ރާއްޖެ މާބޮޑަށް ވެސް ފައްކާވެއްޖެ ކަމަށާއި ދިވެހިންގެ ސުލޫކު މާ ފުރިހަމަ ކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ