އެމްޑީޕީން އެއްލައިލަންދެން ވައުދުވީ ގޮތަށް ކޯލިޝަނުގެ ތެރޭގައި ތިބޭނަން، އަމިއްލައަށް ބޭރެއް ނުވާނަން: ގާސިމް

މި ސަރުކާރާއެކު ހަދާފައިވާ ކޯލިޝަން ރޫޅައި ނުލާނެ ކަމަށާއި ވެފައިވާ ވައުދާ އެއްގޮތަށް ކޯލިޝަން ދަމަހައްޓާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓިވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މިރޭ ގާސިމް ވިދާޅުވީ ކުރީ ސަރުކާރުގައި ހިމެނިވަޑައިގެންނެވި ބައެއް ބޭފުޅުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ، އެބޭފުޅުންނަށް އެންމެ ރަނގަޅު ޕާޓީގެ ގޮތުގައި ޖޭޕީ ފެނުމުން ކަމަށެވެ. އަދި ވިދާޅުވީ ކޯލިޝަން ރޫޅައިލުމަށް އެބޭފުޅުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައިނުވާ ކަމަށާއި ކޯލިޝަން ދެމެހެއްޓުމަށް އެފަރާތްތަކުން ހިތްވަރުދެއްވާ ކަަމަށެވެ.
"ކޯލިޝަން ރޫޅައިލަން އެމްޑީޕީގެ ވަރަށް ގިނަ ބޭފުޅުން ވާހަކަދައްކަވާ، އެބޭފުޅުން (އިދިކޮޅުން ޖޭޕީއާ ގުޅުނު ފަރާތްތައް) އެ އުޅުއްވަނީ ކޯލިޝަން ރޫޅާލުމަށޭ އައިސް. އެކަމަކު އަޅުގަނޑަށް ހީވަނީ ކޯލިޝަން ރޫޅައިލުމުގެ ކަންތައްތައް މި ހިނގަނީ ކޮން ދިމާއަކުންކަން ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އިދިކޮޅުގައި އޮންނަ ފަރާތުން އަބަދުވެސް މަސައްކަތް ކުރާނީ ކޯލިޝަން ރޫޅާލައި ސަރުކާރު ބަލިކަށިކޮލުން ކަމަށާއި އެއީ އާދައެއް ކަމަށެވެ. އެހެންނަމަވެސް ކޯލިޝަނުން އަމިއްލައަށް ވަކި ނުވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބީ ހަމަ ސަރުކާރުން ނުވަތަ އެމްޑީޕީން އަޅުގަނޑުމެން ކޯލިޝަނުން ވަކިކޮށްފައި އެއްލައިލާތޯ ބަލަހައްޓައިގެން. އަޅުގަނޑުމެން އަމިއްލައަކަށް ބޭރުވާކަށް ނެތިން. އަޅުގަނޑުމެން ބޭނުން އަޅުގަނޑުމެންވީ ވައުދާއި އަހުދުގައި ހިފަހައްޓައިގެން ދަމަހައްޓައިގެން ތިބެން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދުނިޔޭގައި ކޯލިޝަން އޮންނަ ތަންތަނުގައި އަބަދުވެސް މައްސަލަ ޖެހެމުން އަންނަ ކަމަށެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކޯލިޝަން ހެދި ކަމަށާއި ދެފަހަރުވެސް ކޯލިޝަން ރޫޅާލާފައިވަނީ އެއިރެއްގައި ސަރުކާރު ހިންގުމާ ހަވާލުވެ އޮންނަ މައި ޕާޓީން ކަމަށެވެ.
ގާސިމް ވިދާޅުވީ ދެ އަހަރު ވެގެންދިޔައިރު މި ސަރުކާރުން އަދި ކޯލިޝަން ރޫޅައިނުލާ ކަމަށާއި ޖޭޕީއަށް ހަމަހަމަ ފުރުސަތު ލިބޭ ކަމަށް ދެންނެވޭނީ ބެއްލެވުމުން ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ މި ސަރުކާރުން ކޯލިޝަން ރޫޅައި ނުލާނެ ކަމަށް ތަކުރާރުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވަމުންގެންދަވާ ކަމަށާއި އެއީ ވަރަށް ރަނގަޅު ވިސްނުންފުޅެއް ކަމަށެވެ. ވީ ވައުދާއި އަހުދު ނަގަހައްޓައި ދަމަހައްޓަންޖެހޭނެ ކަމަށާއި އެއީ ވާޖިބެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ