ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ދުބާއީ އަށް ދިއުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލުކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޖިހާދުގެ މައްސަލަ އިސްތިއުނާފްކުރީ ހައިކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހޭތީ ކަމަށާ އެޤަޟިއްޔާ އިލްތިމާސް ކޮށްދެއްވުންއެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
ޖިހާދުގެ މައްޗަށް އުފުލާފައިވަނީ، ކ. ފުށިދިއްގަރުފަޅު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރެއްވި ކަމުގެ ތުހުމަތުގެ ދައުވާއެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކުރިމިނަލް ކޯޓުގައި ފެށާވާއިިރު އޭނާގެ ޕާސްޕޯޓުވެސް ވަނީ މިމައްސަލައިގައި ހިފަހައްޓަފައެވެ. އެ މައްސަލައިގެ ޝަރީޢަތް ފަށާފައިވަނިކޮށް ޖިހާދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ގުއްދައަކަށް އެދިވަޑައިގެންފަ އެވެ.
ޖިހާދު ރާއްޖެއިން ބޭރަށް ފުރަން ކޯޓުގެ ހުއްދައަށް އެދިފައި ވުމުން، ޕީޖީއިން ވަނީ އޭނާ ފިލައިގެން ހިނގައިދާނެ ކަމަށް ބުނެ ފުރުމުގެ ފުރުސަތު ނުދިނުމަށް އެދިފަ އެވެ. އެކަމާ މެދު ގޮތެއް ނިންމަން ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އެ ކޯޓުގެ ގާޒީ މުހައްމަދު ސަމީރު ނިންމެވީ ޖިހާދަށް ފުރަން ހުއްދަ ނުދިނުމަށެވެ. އެއީ އޭނާ އަނބުރާ ނައުމުގެ އިހްތިމާލު އޮތުމުން ކަމަށް ބުނެ އެވެ. އޭނާގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ކުރީ 20 ޖެނުއަރީ 2021ގެ ނިޔަލަށެވެ.
މި ނިންމުން ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައަޅާފައެވެ.
މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔަކީ މީހެއް ފިލައިގެން ގޮސްދާނެތީ ޕާސްޕޯޓު ހިފަހައްޓާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ)އާ އެއްގޮތަށް އަމަލު ކުރިތޯ ބަލަންވާނެ ކަމަށެވެ.
ފަނޑިޔާރުންގެ ނިންމުމުގައި ވަނީ ޖިހާދު ފިއްލަވާފާނެ ކަމަށް ބުނެފައިވީނަމަވެސް ހުށައަޅާފައިވާ ހެއްކަކީ އޭނާ ރާއްޖެއިން ފިއްލަވައިގެން ދާން އުޅޭ ކަމުގެ ހެއްކެއް ނޫން ކަމަށެވެ.
ޖިހާދަކީ ދިވެހި ދައުލަތަށް 35 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ ނައިބް ރައީސް ކަމާއި ގަވަރުނަރު ކަމާއި، ފިނޭންސް މިނިސްތަރު ކަމުގެ އިތުރުން ތައުލީމީ ދާއިރާއަށް ވެސް ވަނީ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.
ޖިހާދު ފުރުން މަނާކޮށް ނެރުނު އަމުރު ހައި ކޯޓުން ބާތިލުކުރި މައްސަލަ އިސްތިއުނާފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ