ނަހުލާގެ ދިފާއުގައި ގާސިމް: ރައީސް އެ މަގާމު ދެއްވީ ނަހުލާގެ ގާބިލުކަން ރަނގަޅަށް އެނގިވަޑައިގެންފައިވާތީ

އައިޝަތު ނަހުލާއަށް ޓްރާންސްޕޯޓް މިނިސްޓަރުކަން ލިބިވަޑައިގެންނެވީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނަށް ވީތީ ނޫން ކަމަށް ވިދާޅުވެ އެކަމަނާގެ ދިފާއުގައި ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނުކުމެވަޑައިގެން، ވާހަކަދައްކަވައިފިއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި މިނިސްޓަރު ނަހުލާއަށް ޓްރާންސްޕޯޓް މިނިސްޓަރުކަން ލިބިވަޑައިގަތީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނަށް ވުމުންތޯ އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނަހުލާ ވިދާޅުވީ ވަކި މީހެއްގެ އަންބަކަށް ވުމުން ކެބިނެޓްގެ ވަޒީރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެކަމަނާ އައްޔަންކުރައްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަަޅުގަނޑު ގަބޫލެއް ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ކެބިނެޓަށް ވަޒީރަކަށް އައްޔަންކުރައްވާނެ ކަމަށް ވަކި މީހެެއްގެ އަންބަކަށް ވެގެން،" ނަހުލާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އައިޝާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ގާސިމް މިއަދު ނޫސްވެރިންނަށް ފޮނުއްވެވި މެސެޖެއްގައި ވަނީ ގާސިމްގެ އަނބިމީހާއަށް ވެގެން އެއްވެސް ވަޒީފާއެއް ދެއްވަން ޖެހޭ ގޮތަށް ގާނޫނެއް ވެސް އުސޫލެއްވެސް އަދި ގަވާއިދެއްވެސް ނޯންނަ ކަމަށާއި އެހެންކަމުން ގާސިމްގެ އަނބިކަނބަލަކަށް ވެގެން ދެއްވަން ޖެހޭ ވަޒީފާއެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
"އައިޝާ އަކީ ކަން ކުރެވޭނެ ހިތްވަރު ހުރި، ވިސްނުންތެރި، ކުޅަދާނަ، ތެދުވެރި، ތައުލީމީ، އަދަބުވެރި، ކިޔަމަންތެރި ގާބިލް ބޭފުޅެއްކަން ގާސިމް އަށް ޔަގީންވާތީ. އައިޝާ އިންތިހާބުގައި ކުރެއްވި ގިނަ ގުނަ މަސައްކަތާއި އެކުގައި ރައްޔިތުން އެކަމަނާ ބަލައިގެންކަން ގިނަ ބައެއްގެ ދުލުން ގޮވަމުންދާތީ އެކަމަނާ އެދިވަޑައިގެންނެވީ ވަޒީފާ ދެއްވުމަށް ޖޭޕީގެ ފަރާތުން. އަޅުގަނޑު ރައީސަށް ހުށަހެޅީ އެމަގާމް އައިޝާއަށް ހަމަޖައްސާ ދެއްވުމަށް. ރައީސް އެ މަގާމު ދެއްވީ ރައީސަށް އެކަމަނާގެ ގާބިލުކަން ރަނގަޅަށް އެނގިވަޑައިގެންފަވާތީކަން ކަށަވަރު. އެއީ ގާސިމްގެ އަނބިމީހާއަށް ވެގެނެއް ނޫން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް ސޯލިހަށް ނަހުލާގެ ގާބިލުކަން އެނގިވަޑައިގެންނެވީ ރިޔާސީ އިންތިހާބުގައި އައިޝާ ކުރެއްވި ދަތުރުތަކުގައްޔާއި އައިޝާ އެކި ސްޓޭޖްތަކުގައި ދައްކަވަމުން ގެންދަވާ ވާހަކައިގައި ހުރި ހަރުދަނާ ކަމާއި ކުރެއްވި ހިތްވަރާއި އަހުލާގާ ތެދުވެރިކަން އެނގިވަޑައިގަތުމުން ކަމަށެވެ.
"ވީމާ އައިޝާއަށް އެ މަގާމު ރައީސް ދެއްވީ ވަކި މީހެއްގެ އަންބަކަށް ވެގެން ނޫން ކަމަށް އައިޝާ ވިދާޅުވީމަ އެ ބަހުގައި ހިފައިގެން އެކޮޅަށް ދަމާ މިކޮޅަށް ދަމާ ހަދަމުން ތިޔަ ގެންދަނީ ހަމަ ހަޖަމް ނުކުރެވިގެންދޯ؟ އަދި ހުރި ދުޝްމިނު ކަމުން ނޫން ކޮން ކަމެއް ބާ ތިޔައީ. ވީމާ ތިޔަ ގޮތަށް އެކަކާވެސް ދިމާކޮށް ކޮޅު ކޮޅަށް ދެމުން ވަގުތުން ހުއްޓާލެއްވުމަށް ނަސޭހަތް ތެރިވަން." ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ