އާ އަހަރުގެ ޕާޓީތައް ގައިޑްލައިންތަކާއި އެއްގޮތަށް ބާއްވަން އިލްތިމާސް ކޮށްފި

އާ އަހަރާއި ދިމާކޮށް އެކި ފަރާތްތަކުން ބާއްވާ ޕާޓީތަކާއި ހަފްލާތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ބޭއްވުމަށް ހެލްތު މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.
ގާތްގަނޑަކަށް 120 މީހުން ބައިވެރިވެގެން މާލޭގައި ބޭއްވި ކައިވެނި ޕާޓިއަކުން 41 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އަނެއްކާވެސް ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. އެ ޕާޓީއަށް ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި ހައި ރިސްކުގެ މީހުންވެސް ހިމެނެ އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު އަބްދުﷲ މާހިރު މިކަމަށް އިޝާރާތް ކުރައްވައި ވިދާޅުވީ އާ އަހަރު ފާހަގަކުރުމަށް ގިނަ ކަންތައްތައް ކުރަން ބޭނުންވާނެކަން އެނގޭ ކަމަށާއި ނަމަވެސް މި އަހަރު އާ އަހަރު ފާހަގަކުރުން ތަފާތުކޮށްލަން އެދޭ ކަމަށެވެ.
ޝާހު ވިދާޅުވީ ހަފްލާތަކާއި ޕާޓިތައް ބާއްވަން ހުއްދަ ދީފައި އޮތް ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތައް ފޮލޯކުރުން މުހިންމު ކަމަށެވެ. އެގޮތުން ޕާޓީތަކުގައި ގައިދުރުކަން ބެހެއްޓުމަށާއި، އަތް ދޮވެ ސާފުކުރުމުގެ އިތުރުން މާސްކު އެޅުމަށްވެސް ޑރ. ޝާހު އިލްތިމާސް ކުރެއްވި އެވެ.
މީގެ އިތުރުން ޕާޓީ ބާއްވާ ތަނަކީ ވެންޓިލޭޝަން ރަނގަޅު ނުވަތަ އޯޕެން އެއާ ތަނަކަށް ވުން މުހިންމު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޕާޓީތަކާއި ހަފްލާތައް ބާއްވަން ހުއްދަ ދިންނަމަވެސް އެޗްޕީއޭއިން ނެރުނު ގައިޑްލައިންތަކުގައި ވަނީ ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން މާލެ ސަރަހައްދާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އަދި އެއާޕޯޓު ހިންގާ ރަށްރަށުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަންޖެހޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
އެގޮތުން ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވާއިރު، ކޮވިޑުގެ އަލާމާތްތައް ހުރި އެއްވެސް މީހަކު ހަފްލާތަކުގައި ބައިވެރި ނުކުރުމަށާއި، ތަނުގައި މަސައްކަތް ކުރާ މިހުން މާސްކު އަޅައި ގައިދުރުކުރަން ޖެހޭނެ ކަމަށް އުސޫލު ބުނެއެވެ.
އަދި ހަފްލާގައި މަސައްކަތްކުރާ މީހުންނާއި އެތަނަށް ދާ މީހުންނަށް އަތްދޮވެ، ސެނިޓައިޒް ކުރެވެނެ އިންތިޒާމު ހަމަޖައްސާފައި ހުންނަން ޖެހޭނެ ކަމަށާއި، އާންމުކޮށް އަތްލާ ގޮނޑި، ޕޯޑިއަމް، ދޮރު ފަދަ ތަންތައް އަވަސް އަވަހަށް ސާފުކުރަން ވާނެ ކަމަށް ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް އަތް ޖޯޑުކޮށްގެން ސަލާން ނުކުރުމަށާއި، ކެއިން ބުއިމުގެ ކަންކަން ހަމަޖައްސާނަމަ ކާއެއްޗެހި ސާވްކުރަން ހާއްސަ މީހަކު ބެހެއްޓުމުގެ އިތުރުން ޑަސްބިންފަދަ ތަކެތި ޕާޓީގައި ބެހެއްޓުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ