ރާއްޖެ އިންޑިޔާގެ ސްޓޭޓަކަށް ހެދުމާ ދެކޮޅަށް ހަތިޔާރު ނަގާ ހަނގުރާމަވެސް ކުރާނަން - އުމަރު

ހަތިޔާރު ނަގާ ހަނގުރާމަކޮށްގެންވެސް، މާތް ﷲ ގެ ވާގިފުޅާއެކު މި ޤައުމުގެ ދިފާއުގައި ހަނގުރާމަ ކުރާނެކަމަށާއި، ހަނގުރާމަކޮށްގެން ރާއްޖެއަކީ އިންޑިޔާގެ ސްޓޭޓެއްކަމަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅު ހަދާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އޭނާގެ ރަސްމީ ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި، އޭނާ ސިފައިންގޭގައި އުޅުއްވި ދުވަސްވަރުގެ ފޮޓޯއެއްވެސް ހިމަނުއްވާފައިވެއެވެ.
އުމަރު ނަސީރުގެ ފޭސްބުކު ޕޯސްޓުގައި ތުހުމަތު ކުރައްވާ ގޮތުގައި އިންޑިޔާ އިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ސިޔާސީ ލީޑަރުން ރުއްސައިގެން، ސިޔާސީ ކެމްޕޭންތަކަށް ފަންޑު ކޮށްދީގެން، 2030 އަންނަން ވާއިރަށް ރާއްޖެއަކީ އިންޑިޔާގެ ސްޓޭޓެއްކަމަށް ހެދުމަށެވެ.
"މި ޤައުމުގެ ސިޔާސީ ލީޑަރުން ރުއްސައިގެން، ސިޔާސީ ކެމްޕޭނުތަކަށް ފަންޑް ކޮށްދީގެން، 2030 އަންނަންވާއިރަށް، މި ޤައުމު އިންޑިޔާގެ ސްޓޭޓަކަށް ހެދޭތޯ ޕްލޭން ކުރާ ބިދޭސީންނަށް ދަންނަވަން. ހަތިޔާރު ނަގާ ހަނގުރާމަކޮށްގެންވެސް، ﷲ ގެ ވާގިފުޅާއެކު، މި ޤައުމުގެ މިނިވަންކަން ދިފާއު ކުރާނަން. އިން ޝާ ﷲ" އުމަރު ވިދާޅުވިއެވެ.
އުމަރު މިހެން ވިދާޅުވިއިރު، އިންޑިޔާ އިން ވަނީ ރާއްޖޭގައި ރާޑަރުތަކެއް ހަރުކުރުމުގެ މަސައްކަތް ފަށާފައެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް އިންޑިއާގެ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލްއަށް ވިދާޅުވެފައި ވަނީ ރާޑަރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ރާއްޖެއިން އެންމެ ބޮޑަށް އިސްކަންދެނީ އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ