އަބްދުﷲ ސައީދާއި، އަލީ ހަމީދާއި، މުހުތާޒް އަދި ނިހާން ގޭބަންދަށް ބަދަލުކޮށްފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން އަދި އދ. މާމިގިލި ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން ގޭބަންދަށް ބަދަލުކޮށްފިއެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދާއި މުހުތާޒް އަދި ނިހާން ވަނީ ދާދި ދެންމެއަކު މާފުށިން މާލެ ގެނެސްފައެވެ. އެ ބޭފުޅުން ގޭބަންދަށް ބަދަލުކޮށްފައިވާކަން މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ މީޑިއާ އޮފިސަރު ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދު އަދި މުހުތާޒް ގޭބަންދަށް ބަދަލުކޮށްފައިވާ އިރު، ވެރިކަމުގެ ފުރަތަމަ ދުވަހު ސިޔާސީ ލީޑަރުން މިނިވަންކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ކަރެކްޝަންސްގެ ލޯންޗުން ފައިބަނީ --- ވަން ފޮޓޯ/ މުހައްމަދު އައުޒަމް
އަބްދުﷲ ސައީދާއި އަލީ ހަމީދަކީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއެކު ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)ގެ ހިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އަބްދުﷲ ސައީދު އެންގެވި މައްސަލައިގައި އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިމަހުގެ އަށްވަނަ ދުވަހު ހުކުމްކޮށްފައިވާ އިރު، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރި ދައުވާގައި އަބްދުﷲ ސައީދާއި އަލީ ހަމީދު، އެއް އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމެއް އައިސްފައިވެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ކަރެކްޝަންސްގެ ލޯންޗުން ފައިބަނީ --- ވަން ފޮޓޯ/ މުހައްމަދު އައުޒަމް
އދ. މާމިގިލި ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހްމަދު ނިހާން ކަރެކްޝަންސްގެ ލޯންޗުން ފައިބަނީ --- ވަން ފޮޓޯ/ މުހައްމަދު އައުޒަމް
ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަން ދައްކަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތުވެ، މުހުތާޒާއި ނިހާންގެ މައްޗަށް 2016 ވަނަ އަހަރު 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ