އަލިފާން ނެތި އެއްވެސް ތަނަކުން ދުމެއްނާރާނެ - އުމަރު

އަލިފާނެއް ނެތި އެއްވެސް ތަނަކުން ދުމެއްނާރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރަކަށް ހުންނެވި ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި ގޮވާ ގޮވުމުގެ ތެރެއިން އަލިފާން ނުފެންނަ ވީޑިޔޯ އެއް، "ސަންގު ޓީވީ" އިން ރޭ އާއްމުކޮށްފި ވަނިކޮށެވެ. އުމަރު އަކީ "ފިނިފެންމާ" ގޮވުން ތަޙްޤީޤު ކުރި ކޮމިޝަންގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.
"އާފަތިސް" ނޫހަށް މައުލޫމާތު ދެއްވަމުން ޢުމަރު ވިދާޅުވީ ވީޑިއޯ އެއްގައި ޢާއްމު ގޮތެއްގައި ފެންނާނީ ސިކުންތަކު ފަންސަވީސް ފްރޭމް ކަމަށާއި ފިނިފެންމާ ގޮއްވާލިއިރު އަލިފާނެއް ނެތި އެއްވެސް ތަނަކުން ދުމެއްނާރާނެ ކަމަށެވެ.
" ލޮލަށް ފެނުމާ ނުފެނުން އެހެން ކަމެއް. ވީޑިއޯ ލަސް ނުކުރަނީސް އަލިފާނެއް ނުފެންނާނެ. މިވައްތަރު އެކްސްޕްލޯސިވްސް ގައި ސިކުންތެއްގެ ދިހަބައިކުޅަ އެއްބައިހައި ކުޑަ ވަގުތުކޮޅެއްގައި އަލިފާން ފެންނާނީ. އަހަރެމެން ފުރަތަމަ އެވީޑިއޯ ދައްކާފައިވަނީ އޭގެ ސްޕީޑުގައި ދެން ދައްކާފައިވާނީ ސްލޯ ކޮށްލާފައި،" ޢުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އަލިފާން ނެތީސް އެހައި ބޮޑަށް ލޯންޗުގެ ދޮރުތަކާއި އެއްޗެހި ބުރައިގެން ނުދާނެ ކަމަށެވެ.
"މިކަހަލަ ހައިއެކްސްޕްލޯސިވްއެއްގައި ސުކުންތެއްގެ ދިހަބައިކުޅަ އެއްބައިހައި ކުޑަވަގުތުކޮޅެއްގައި އަލިފާން ފެންނާނީ. އެހެންވީމާ ފްރޭމްތައް ސްލޯކޮށްލީމައި ނޫނީ އަލިފާން ނުއެއް ފެންނާނެ،" ޢުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ އެއާކޮންޑިޝަން އަކީ ގޮވާ އެއްޗެއް ކަމަށްވާނަމަ އެއާ ކޮންޑިޝަން ހަމައެކަނި ގޮވާނީ ފިނިފެންމާގައި އެކަނި ނޫން ކަމަށެވެ.
"އެތައް މިލިއަން އެއާކޮންޑިޝަން ދުނިޔޭގައި ގެންގުޅޭ. ގޮވާނަމަ ދުނިޔޭގައި ކޮންމެ ދުވަހަކު އެއާކޮންޑިޝަނެއް ގޮވާނެތާ. އޭގައި ހުންނަނީ ގޮވާކަހަލަ ގޭހެއްނޫން. ނުގޮވާނެ އެޔެއް،" ޢުމަރު ވިދާޅުވިއެވެ.
"ސަންގު ޓީވީ" އިން ރޭ ހާމަކޮށްފައިވާ ގޮތުގައި މި ވީޑިޔޯކޮޅު ނަގާފައިވަނީ ހަމައެކަނި ރައީސް އޮފީހުންނެވެ. އަދި އެއްވެސް ޓީވީ ޗެނަލަކަށް މި މަންޒަރު ރިކޯޑު ނުކުރެވޭކަމަށް ބުނެފައިވެއެވެ.
ކުރިން ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހީމް މުއާޒް އަލީ ވިދާޅުވެފައިވަނީ ފިނިފެންމާ ގޮއްވާލި ދުވަހު އަލިފާން ނުފެންނަކަމަށެވެ. މުއާޒް އިތުރަށް ވިދާޅުވެފައިވާ ގޮތުން އޭނާއަށް އެންމެ ފުރަތަމަ އަލިފާން ފެނިފައިވަނީ އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ދެއްވި ސީޑީއެއްގައި އިން ވީޑިޔޯއަކުންކަމަށެވެ.
މިކަމަށް ރައްދު ދެއްވާ އުމަރު ވިދާޅުވީ އޭނާ މުއާޒާ ޙަވާލުކުރެއްވި ވީޑިއޯއަކީ ރައީސް އޮފީހުގެ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ ވީޑިއޯއެއް ކަމަށާއި އެއީ ލޯންޗުގައި އެއްޗެއް ގޮވި ޙާދިސާ ތަޙުޤީޤު ކުރުމަށް ރައީސް ޔާމީން އެކުލަވާލި ކޮމިޝަނަށް ލިބުނު ވީޑިއޯއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ