ސުޕްރީމް ކޯޓްގެ ނިންމުން ރަނގަޅު ނޫންކަމަށް ވިދާޅުވަނީ ގާނޫނު ނޭންގޭތީ: ޖަމީލް

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާއިރު، އެ ނިންމުން ރަނގަޅު ނޫންކަމަށްކަމަށް ވިދާޅުވާ ބޭފުޅުން އެހެން ވިދާޅުވަނީ ގާނޫނު ނޭންގޭތީ ނުވަތަ ތައައްސަބުގެ ސަބަބުންކަމަށް ކުރީގެ ނާއިބް ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓަށް ވެސް ބާތިލް ނުކުރެވޭނެ ކަމަށް މިއަހަރުގެ މެއިމަހުގެ ތެރޭގައި ޓީވީން ގެނެސްދިން ޕްރަގްރާމެއްގައި ކުރީގެ ބަންޑާރަ ނާއިބް އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ކުރެއްވި އާޒިމާ ޝަކޫރު ދެއްކެވި ވާހަކަތަކާއި ގުޅިގެން ނޫހެއްގައި ލިޔުއްވާފައިވާ ޚަބަރަކާއި ގުޅޭގޮތުން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލުހުުކުމް އިއްޔެ ބާތިލްކޮށްފައިވާއިރު، އިއްޔެގެ ހުކުމާއިއެކުވެސް އާޒިމާ ވަނީ ސުވާލުތަކެއް އުފައްދަވާފައެވެ. އެގޮތުން ނަޝީދުގެ މައްޗަށް ޖަލު ހުކުމް އިއްވި ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްުދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ޒިންމާ ނަގަން ޖެހެނީ ކާކުތޯ ސުވާލުކުރައްވާފައެވެ.
ކުރިން ގާޒީކަމާއި، ޖަސްޓިސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޑރ ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުން، އެކޯޓުން ނިންމާ ނިންމުން މުރާޖަޢާކުރުމަކީ، ހައްގުން އެއްކިބާވެ އަދި ބޮޑެތި ގޯސްތަކެއް ހެދިފައިވާކަމަށް ފެންނަ ހާލަތްތަކުގައި ސުޕްރީމް ކޯޓްތަކުން ކުރަމުން އަންނަކަމެއްކަމަށެވެ. އަދި މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ ކަން ހިނގަމުންދާގޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ ރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ގާނޫނު އަސާސީގެ ދަށުން ނިންމި ރަނގަޅު ނިންމުމެއްކަމަށެވެ. އަދި ގާނޫނީ ވަކީލަކު އެ ނޫންގޮތަކަށް ދެކޭނަމަ އެއީ ގާނޫނު ނޭންގޭތީ ނުވަތަ ތައައްސަބުގެ ސަބަބުން ދެކޭދެކުމެއް ނުވަތަ ވިދާޅުވާ އެއްޗެއްކަމަށް ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ސަރުކާރުގެ މީޑީއާގައި ވާހަކަދައްކަވަމުން އާޒިމާ ވަނީ ސުޕްރީމް ކޯޓްގެ ނިންމުމަކީ ފައިނަލް ނިންމުމުންކަމަށާ ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި ސުޕްރީމް ކޯޓުގެ ހުކުމެއް އަލުން އަޑުއަހާފައި އަލުން ބަދަލު ކުރެވޭނެ އެއްވެސް ކަހަލަ ގާނޫނީ ފުރުސަތެއްނެތްކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއެކު، ސުޕްރީމް ކޯޓުން ގެންދަނީ ކުރީ ސަރުކާރުގައި ދައުވާކޮށް ޖަލަށްލެވުނު އެތައް ސިޔާސީ ލީޑަރުންނެއްގެ މައްސަލަތައް އަލުން ބަލަންފަށާފައެވެ. އެގޮތުން ކުރީގެ ރައީސް ނަޝީދާއި، ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲއާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި، ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ މައްސަލަވެސް ވަނީ ބަލަންފަށާފައެވެ.
އަދި މިހާތަނަށް ޝައިޚް އިމްރާނާއި، ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ދިގު މުއްދަތުގެ ޖަލު ހުކުމް ވަނީ ބާތިލްކޮށްފައެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތުގެ ޖަލު ހުކުމްވެސް ވަނީ ބާތިލްކޮށްފައެވެ.
މީގެ އިތުރުން ޝަރުއީ އެހެން މަރުހަލާތަކުން، ރައީސް މައުމޫނާއި، ގާސިމް އިބްރާހިމާއި، ފާރިސް މައުމޫނާއި، ގާޒީ އަހުމަދު ނިހާނާއި، ކުރީގެ ޕީޖީ މުހުތާޒް މުހުސިންގެ މައްޗަށް އިއްވި ޖަލު ހުކުމްތައްވެސް ވަނީ ބާތިލްކޮށްފައެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ސިޔާސީ ބޭނުމަށް ހައްޔަރުުކުރި އެތައް ބޭފުޅުންނެއް މިހާރު ވަނީ މިނިވަންވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ