ސިޔާދަތު ރައްކާތެރިކުރުމަށް އާ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ: މައުމޫން

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިނުމުގައި އަލަށް އުފެދޭ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޔަގީން ކުރައްވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެެވެ.
ނަސްރުގެ ދުވަހާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށާއި އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ތަހުނިޔާ ދަންނަވައި ކުރީގެ ރައީސް މައުމޫން ނެރުއްވި ބަޔާނުގައި މިއަދު ވިދާޅުވެފައި ވަނީ ގައުމުގެ އަމަން އަމާންކަން ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުމަށް އާ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކުރައްވާ މަސައްކަތަށް އެއްބާރުލުމާއި، ފުރިހަމަ ތާއީދު ދެއްވާނެ ކަމަށެވެ.
ރައީސް މައުމޫންގެ ބަޔާން ނިންމަވާލައްވައިފައި ވަނީ މާތްވެގެންވާ އިސްލާމް ދީނުގައި ދެމިތިބޭ، ރާއްޖޭގެ މިނިވަންކަމާއި، އަމިއްލަވަންތަކަން ހިމާޔަތްކޮށް، ދަމަހައްޓައި، އެއްބައެއް ވަންތަ، އަދި އެއްބައި ވަންތަ ބައެއް ކަމުގައި ލެއްވުމަށް ދުއާ ކުރައްވަމުންނެވެ.
ނަސްރުގެ ދުވަސް ފާހަގަ ކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދީނާއި ދިވެހި ގައުމަށްޓަކައި ޖާނުދެއްވި މަތިވެރި އަބްތާލުންގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ނަސްރުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ހިނގައިދިޔަ ނޮވެމްބަރު ތިނެއްގެ އުދުވާނަށް މިއަދު 30 އަހަރު ފުރިފައި ވާއިރު، އެދުވަހު ހިނގައިދިޔަ އުދުވާނުގައި ޝަހީދުވެފައި ވަނީ ސިފައިންގެ 8 ބޭކަލުންނާއި އާއްމުންގެ 11 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ