އޭސީސީގެ މެންބަރުންނަށްވެސް އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައިވާކަމަށް ތުހުމަތުކުރޭ: ނިޔާޒު

އޭސީސީގެ މެންބަރުންނަށްވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް ތުހުމަތުކުރޭކަމަށް ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ނިޔާޒު މިހެން ވިދާޅުވީ އޭސީސީއިން އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ކޮށްފައިވާ ތަހުގީގުން އިތުރަށް ހާމަކުރެވޭނީ ކޮން މިންވަރަކަށްތޯ މެންބަރުންގެ މެދުގައި މަޝްވަރާކުރަން ފަށައިފިވާކަމަށް އެ ކޮމިޝަނުން ބުނެފައިވާތީ އެކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ.
ނިޔާޒު ވަނީ އޭސީސީގެ މެންބަރުންނަށްވެސް، އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭއިރު، އެކަންކަން ހާމަކުރެވޭނީ ކިހިނެތޯ ސުވާލުކުރައްވާފައެވެ.
އޭސީސީން ބުނެފައިވަނީ އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި މިހާރު ހާމަކޮށްފައި ވަނީ އާންމު އުސޫލުގެ ތެރެއިން ހާމަކުރާ މިންވަރު ކަމަށެވެ.
އެހެންނަމަވެސް، އެމްއެމްޕީއާރްސީގެ މައްސަލައަކީ އާދަޔާ ހިލާފު ބޮޑު މައްސަލައަކަށް ވެފައި އެކަމުގެ މައުލޫމާތު އާންމުން ބޭނުންވާތީ އެކަމާމެދު އޭސީސީގެ މެންބަރުން މިހާރު މަޝްވަރާކުރަމުން އަންނަކަމަށް އެ ކޮމިޝަންގެ ނާއިބް ރައީސް ވަނީ ވިދާޅުވެފައެވެ.
ނިޔާޒު ވިދާޅުވީ ސަރުކާރާއި، ދައުލަތުގެ އިދާރާތައް ޖަވާބުދާރީކުރުވުމަކީ ރައްޔިތުން ކުރަންޖެހޭކަމެއްކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އެއީ ރައްޔިތުންގެ މަޖިލީސް ފަސާދަވެފައިވާ ދަނޑިވަޅެއްގައި ރައްޔިތުންގެ އަޑު އިއްވަން، ރައްޔިތުން އެއްބައެއްގެ ގޮތުގައި ނިކުންނަންޖެހޭކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.
ނިޔާޒު މިހެން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރުސީ ފައިސާ ޖަމާކުރި އެކައުންޓުތައް ހާމަކުރުމަށް ގޮވާލާ ޒަުވާނުން އިސްނަގައިގެން އެއްވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެމްއެމްޕީއާރްސީގެ ފައިސާތައް ޖަމާވި ކަމަށް އެންމެ ބޮޑަށް ތުހުމަތުކުރެވެނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި ގިނަ މެމްބަރުންގެ އެކައުންޓަށް ކަމަށް، މި އެެއްވުން އިންތިޒާމުކުރާ ޒުވާނުން ތުހުމަތުކުރާއިރު، މިއަދާ ހަމައަށްވެސް އެއިން އެއްވެސް މެމްބަރެއްގެ ވަނަވަރު ހާމަކޮށްފައި ނުވާތީ، އެކަމާ މެދު ކަންބޮޑުވާ ކަމަށާއި ބޭނުންވަނީ އެމައުލޫމާތުތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދޭން ކަމަށް އެއްވުން އިންތިޒާމުކުރާ ޒުވާނުން ވަނީ ބުނެފައެވެ.
މަޖިލިސް އިންތިހާބަށް ތައްޔާރުވަމުން އަންނައިރު އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ބުނާ ބައެއް މެންބަރުން ވެސް އިންތިހާބަށް ކުރިމަތިލައްވާ ކަމަށާއި ކޮރަޕްޝަންގެ ފައިސާގައި ހިފާފައި ހުރި މެންބަރަކު ހުރި ނަމަ އެބޭފުޅަކަށް ދެވަނަ ދައުރެއް ދޭން ބޭނުން ނުވާ ކަމަށްވެސް އެޒުވާނުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ