ރާއްޖޭގައި ގޭންގުތައް ހަރަކާތްތެރި ކަމާއެކު އޮންނަނީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ކަމަށާއި، އެހެންވެ ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހުން ފެށިގެން އެކަމާ ދެކޮޅަށް މަސައްކަތް ކުރައްވާ، ގޭންގުތައް ނައްތާލައްވާނެ ކަމަށް، މިއަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ މި ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ، އޭނާގެ ސަރުކާރެއްގެ ސިޔާސަތުތައް ހާމަ ކުރެއްވުމަށް ސިލްސިލާކޮށް، ފޭސްބުކް މެދުވެރިކޮށް އުމަރު ނެރުއްވަމުން ގެންދަވާ ވީޑިއޯ މެސެޖުތަކުގެ ތެރެއިން މިއަދު ނެރުއްވި ވީޑިއޯ މެސެޖެއްގަ އެވެ. ރިޔާސީ އިންތިހާބުގައި އުމަރު ނަސީރު ބައިވެރިވެވަޑައިގަންނަވާނީ އަމިއްލަ ގޮތުންނެވެ.
އުމަރު ވިދާޅުވީ ހުރިހާ ކުށެއްގެ ފެށުމަކީ މަސްތުވާތަކެތި ކަމަށާއި، އެކަން ހައްލުކުރުމުގެ ވާހަކަ ވެރިކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ވެސް، އެ ބޭފުޅެއްގެ ވެރިކަމުުގެ ދުވަސްވަރު ދައްކަވާ ކަމަށެވެ. އަދި އެ ވާހަކަ އެބޭފުޅުން ދައްކަވާތާ ދިހަ އަހަރު ވެއްޖެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި އެކަން ހައްލުކުރުމަށް އެދެވޭ މަސައްކަތެއް ނުކޮށްދެއްވުމުގެ ސަބަބުން ގައުމުގެ އަމާންކަން ގެއްލި އެތައް ގޭންގުތަކެއް އުފެދި މީހުން މެރުން އާންމުވެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ތިބިކަމަށް އުމަރު ވިދާޅުވި އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެ ވަބާއިން ދިވެހިން "މިންޖު" ނުކޮށްދެވޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސުންނަށާއި، ރައީސް އަބްދުﷲ ޔާމީނަށް އުމަރު ފާޑުވިދާޅުވި އެވެ.
އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި ގޭންގުތަކުގައި އުޅޭ ޒުވާނުން އެކަމުން ސަލާމަތް ނުވެވިގެން އުޅެނީ، މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ނުފޫޒުގެ ސަބަބުންނެވެ. އެހެންވެ މަސްތުވާތަކެއްޗާއި ގޭންގުތަކުގައި އުޅޭ މީހުންނަށް އެކަމުން "މިންޖު" ވެ މުޖުތަމައުއަށް އަލުން އަނބުރާ އައުމުގެ ފުރުސަތު އޭނާގެ ވެރިކަމެއްގައި ދެއްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އެ ފުރުސަތުގެ ބޭނުން ނުހިފާ މީހުންގެ މައްޗަށް މޮނިކޮމް އަމުރު ހިންގަވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ، ސްކޫލު ދަރިވަރުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމުގެ ގޮތުންް، ދަރިވަރުން ހޭލުންތެރިކުރުމަށް ހާއްސަ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ. އެ ގޮތުން ސްކޫލު ދަރިވަރުންގެ ތެރެއިން އަހުލާގީ ގޮތުން އިތުރު އަޅާލުން ބޭނުންވާ ކަމަށް ސްކޫލަށް ފެންނަ ދަރިވަރުންނަށް ސްކޫލުގެ ބޭރުން، ފުލުހުންގެ ހާއްސަ ޓީމުތަކުން ކޭމްޕްތައް ހިންގައި ތަމްރީނު ދެވޭނެ ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވި ގޮތުގައި، އޭނާގެ ވެރިކަމެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުން ބިރުވެރިކަމެއް ނެތި އުޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، އެމީހުންނާ ގާނޫނުގެ ހުކޫމަތު އަރާ ހަމަ ކުރުވާނޭ ކަމަށެވެ. އެގޮތުން ގާނޫނު ހުއްދަ ކުރާ އެންމެ މަތީ އަދަބު އެފަދަ މީހުންނަށް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ އިންތިހާބާ ދިމާކޮށް އޭނާ ވެވަޑައިގަންނަވާ ހުސް ވައުދުތަކެއް ނޫން ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެ އިންތިހާބުގައި ވާދަ ކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައި ވަނީ ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތި ލައްވާ ރައީސް ޔާމީނުގެ އިތުރުން އެމްޑީޕީގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިނުގެ އިތުރުން އުމަރު ނަސީރު އެވެ.
ގޭންގުތައް ދެމިއޮންނަނީ ޑްރަގުގެ ވިޔަފާރިން، ގޭންގުތައް ނައްތާލާނަން: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ