ޔާމީން ހައްޔަރު ކުރުމަށް އަމުރު ކޮށްދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުން ދޫކޮށްލަން ކުރި ހުކުމް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ޕީޖީއިން ވަނީ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމް ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެެވެ. އެކައުންޓްތަކުގެ މައްސަލައިގެ އިސްތިއުނާފުގެ ޝަރީއަތް ބުރާސްފަތި ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ.
ޔާމީން ބަންދުން ދޫކޮށްލަން ކުރި ހުކުމްގެ އިސްތިއުނާފުގެ ޝަރީއަތް ބާއްވާނެ ދުވަހެއް ސުޕްރީމް ކޯޓުން އަދި ތާވަލް ކޮށްފައެއް ނުވެެއެވެ.
ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރުމުން އެމަނިކުފާނު ބަންދުގައި ބެހެއްޓެން ނެތް ކަމަށް ހައި ކޯޓުން އަމުރު ކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އެދިވަޑައިގަތުމުން ޔާމީން ހައްޔަރު ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ފެބްރުއަރީ މަހުގެ 18 ގައެވެ. ނަމަވެސް މާޗް 13 ވަނަ ދުވަހު ޑޮކްޓަރުގެ ލަފާގެ މަތިން ޔާމީން ގޭބަންދަށް ބަދަލު ކުރިއެވެ.
މަނީ ލޯންޑްރިން މައްސަލައިގައި ދައުލަތުން މިހާރު ވަނީ ޔާމީންގެ މައްޗަށް ދައުވާ އުފުލާފައެވެ. އެމައްސަލައިގައި މިހާތަނަށް ދެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައެވެ. އެންމެ ފަހުން އޮތް އަޑުއެހުމުގައި ދައުލަތައް ދައުވާ ސާފުކޮށްނުދެވުމުން ދައުވާ ސާފުކޮށްދިނުމަށް ދިހަ ދުވަހުގެ މުހުލަތެއް ކޯޓުން ވަނީ ދައުލަތައް ދީފައެވެ.
މިހާތަނަށް ދައުލަތުން ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ހަމައެކަނި މަނީ ލޯންޑްރިން މައްސަލައިގައި ކަމަށް ވީނަމަވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ