ޝަރުއީ ދާއިރާ އިސްލާހުކުރަން ގެނައި ބޭރުގެ ބޭފުޅާ ސުޕްރީމް ކޯޓާއި ފަނޑިޔާރުންނަށް ބިރުދައްކަވައިފި
ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ދިރާސާއެއް ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ރާއްޖެ ގެނެސްފައިވާ އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ޝަރުއީ ދާއިރާއަށް ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޝަރުޢީ ދާއިރާގެ ޙާލަތު ހުރި ގޮތާއި ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލު ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަންގަވައިގެން، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތަފްޞީލު އެ ބައްދަލުވުމުގައި ޙިއްޞާކޮށްފައިވާނެ ކަމަށެވެ.ނަމަވެސް އެކަންކަން ޙިއްޞާ ކުރުމުން މިއިން އެއްވެސް ކަމަކާ މެދު މަޝްވަރާ ކުރެއްވުމުގެ ބަދަލުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި ހުތުރުކޮށް އަދި އިހާނެތިގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަޤާމު ދޫކޮށްލުން ފަދަ ގޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެ ކަމަށް ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރ ވަނީ ވިދާޅުވެފައެވެ.ޤާނޫނު އަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށާއި ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރުގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރ ވިދާޅުވި ކަމަށް ސުޕްރީމް ކޯޓުން ވަނި ވިދާޅުވެފައެވެ.މީގެ އިތުރުން އޭނާ ތައްޔާރުކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑް ކުރައްވާނެ ކަމަށް ވިދާޅުވެފައި އޮތް ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މިއީ ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރު ކަމުގައިވާ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރަށް ވަރަށް ޞަރީޙަ އިބާރާތުން ބިރު ދައްކައި އިންޒާރު ދިނުން ކަމަށް ސުޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ.ސުޕްރީމް ކޯޓުން ވިދާޅުވީ ޤާނޫނުއަސާސީން މިނިވަން ކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަން ގެއްލި، އެއިރަކު ބާރުވެރިކަން އޮންނަ ފަރާތްތަކުން ކޯޓުތަކުގެ މައްޗަށް އެކި ގޮތްގޮތުން ނުފޫޒު ހިންގުމުގެ ޘަޤާފަތެއް ދިވެހިރާއްޖޭގައި އުފެދިގެން ދިޔުމަކީ، ޤާނޫނުގެ ޙުކުމް ނަގަހައްޓައި، މިނިވަންކަމާއެކު ޢަދުލުއިންޞާފު ޤާއިމުކޮށް، ދީމިޤްރާޠީ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް މުޅިން ހަލާކު ވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ.އަދި ހުރިހާ ފަރާތްތަކަކުން ވެސް ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުރިހަމައަށް އިޙުތިރާމު ކުރުމަށާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން ފަނޑިޔާރުގެ އިޞްލާޙުކޮށް ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެމުން ގެންދިޔުމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ