ރައްޔިތުން މަޖިލިހުގެ ދާންދޫ ދާއިރާ މެންބަރު ޔަޢުޤޫބު ޢަބްދުﷲ، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވެވަޑައިގަތުމާއެކު ދާންދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމާމެދު ސުވާލު އުފެދިއްޖެއެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ރައްޔިތުން މަޖިލިހުގެ މެންބަރުންގެ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ރ)ގައި ބުނެފައިވަނީ "ޤާނޫނުއަސާސީ ގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމަޤާމުގައި ހުރެ އަންނަނި ވި ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެ" ކަމުގައެވެ. އެ އަކުރުގައި މަޖިލިހުގެ މެންބަރުންނަށް އަދާކުރުން މަނާކޮށްފައިވާ ވަޒީފާތަކަކުގެ ތެރޭގައި ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ނުވަތަ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ވަޒީފާއެއް ނުވަތަ ރައްޔިތުން މަޖިލިހުގެ މެންބަރެއްގެ ޙައިޘިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އިތުރު ވަޒީފާ ހިމެނެއެވެ. މި މާއްދާގެ މައްޗަށް ބިނާކޮށް "ދިޔަރެސް"އަށް މައުލޫމާތުދެއްވި ޤާނުނީ ވަކީލަކު ވިދާޅުވެފައިވަނީ ޔަޢުޤޫބުގެ ގޮނޑި ގެއްލިފައިވާ ކަމުގައެވެ. އެގޮތުން އޭނާ ވިދާޅުވީ އިއްޔެ ޔަޢުޤޫބު ހަވާލުވެވަޑައިގެންނެވި ވަޒީފާއަކީ ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާ ކަމުގައެވެ. އެގޮތުން ޗާޓާޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓަކީ ޗާޑާޓް އެކައުންޓެންޓުނގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ދައުލަތުގެ މުއައްސަސާއެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއަކާ ރައްޔިތުން މަޖިލިހުގެ މެންބަރު، މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ބޭރުން ޙަވާލުވެވަޑައިގަތުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމުގައެވެ. އަދި އެ ހިސާބުން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މަޖިލިސް މެންބަރުންގެ ޝަރުޠުތައް ގެއްލޭނެ ކަމުގައިވެސް ވަކީލު ވިދާޅުވިއެވެ. ޔަޢުޤޫބުވަނީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުގެ މަޤާމަށް ޢައްޔަންކޮށްފައެވެ. އޭނާ އެ މަޤާމަށް ޢައްޔަންކުރެއްވީ ދައުލަތުގެ އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތެވެ. އަދި ޔަޢުޤޫބުވަނީ އެ މަޤާމާ ހަވާލުވެވަޑައިގެން އެ މަޤާމުގެ ފަތްކޮޅާވެސް ހަވާލުވެވަޑައިގެންފައެވެ. މިމައްސަލާގައި ޤާނޫނީ ސުވާލުތައް އުފެދެން ފެށުމާއެކު ޔަޢުޤޫބުވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ. ނަމަވެސް ވަގުތީ ގޮތުން ނަމަވެސް އޭނާގެ މަޤާމުގެ ޝަރުޠު ގެއްލިފައިވުމުން އޭނާގެ މަޤާމުގެ ޝަރުޠު ހަމަވާކަން ނުވަތަ ނޫންކަން ކަނޑައަޅަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމުގައިވެސް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ވަކީލު ފާހަގަކުރެއްވިއެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން މެންބަރެއްގެ ގޮނޑިއެއް ހުސްވެއްޖެކަން ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ އިޚުތިޞާޞުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ރައްޔިތުން މަޖިލިހުގެ ދާންދޫ ދާއިރާ ގޮނޑި ހުސްވެއްޖެ؟!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ