ސުޕްރީމް ކޯޓަކީ ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ މައްސަލަތައް ހުށަހަޅައި، ކޯޓުގައި މައްސަލަ އޮންނަ މުއްދަތުގައި ދެ ފަރާތުން ނެގޯޝިއޭޓު ކުރުމަށް ނުވަތަ މީޑިއޭޓު ކުރުމަށް އޮތް މަގެއްގެ ގޮތުގައި ބަލައިގެން ނުވާނެ ކަމަށާއި އެގޮތަށް ކަންތައް ކުރާ ނަމަ ކޯޓުގެ ވަގުތު ބޭކާރުވެ، އިންސާފު ލަސްވުން ނޫން ކަމެއް ނުވާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއްގައި ބުނެފި އެވެ.
އެ ކޯޓުން މިހެން ބުނީ ބޭންކް އޮފް ސިލޯނުން ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކުރި މައްސަލައެއްގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގަތީ ހައި ކޯޓުގެ ގަވައިދާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ނެރުނު އަމުރު ބާތިލްކޮށްދިނުމަށް އެދި ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކުރި ހުކުމެއްގަ އެވެ.
ލޯނަކަށް ދައްކަންޖެހޭ ހަތަރު މިލިއަނަށް ވުރެ ގިނަ ޑޮލަރާ ބެހޭ މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި އޮއްވައި ބޭންކް އޮފް ސިލޯނުން ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހަޅައި، އިސްތިއުނާފުކުރި ފަރާތުން ހައި ކޯޓުގައި އޮތް މައްސަލަ އަނބުރާ ނަގައިފި ނަމަ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނަގާނެ ކަމަށް ޝަރީއަތުގައި ވަނީ ބުނެފަ އެވެ. އަދި ހައި ކޯޓުގައި އިސްތިއުނާފުކުރި ފަރާތުން ވެސް ވަނީ ސެޓުލްމަންޓް އެގްރީމެންޓަކަށް އާދެވިފައިވާ ކަމަށާއި މައްސަލައިގައި ހިމެނޭ ލޯނު ފެސިލިޓީ ވެސް ރީސްޓްރަކްޗާ ކުރުމަށް ބޭންކުން އެއްބަސްވެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް ޝަކުވާ ހުށަހަޅާފައި އޮވެ، އެއްބަޔަކު އަނެއް ބައެއްގެ މައްސަލަ އަނބުރާ ގެންދަން ޝަރުތުކޮށް އެއްބަސްވުމަކަށް ނެގޯޝިއޭޓްކޮށްފައި އޮތް އޮތުމަށް އިޝާރާތްކޮށް ހުކުމުގައި ބުނީ، ސުޕްރީމް ކޯޓަކީ ދެ ފަރާތުގެ ދެމެދު ނެގޯޝިއޭޓް ކުރުން ނުވަތަ މީޑިއޭޓް ކުރަން އޮތް މަގެއް ކަމުގައި ބަލައިގެން ނުވާނެ ކަމަށެވެ.
"ސުޕްރީމް ކޯޓަކީ އަދުލް އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތެވެ. ސުޕްރީމް ކޯޓަކީ ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ ހުސޫމާތުތަކުގެ ތެރޭގައި، ގާނޫނު ނުދަންނަ އިޖުރާއާތެއްގެ ތެރެއިން މައްސަލަ ހުށަހަޅައި، އެ މައްސަލަ ކޯޓު ތެރޭގައި އޮންނަ މުއްދަތުގައި ދެ ފަރާތުގެ ދެމެދު ނެގޯޝިއޭޓް ކުރުން ނުވަތަ މީޑިއޭޓް ކުރަން އޮތް މަގެއް ކަމުގައި ބަލައިގެން ނުވާނެ އެވެ،" ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ހުކުމް އިއްވަވަމުން ވިދާޅުވި އެވެ.
Judgment Details:Case Number: 2019/SC-S/47For more info: https://t.co/p9576zOATP pic.twitter.com/9TvXyc320t— Supreme Court of the Maldives (@SCMaldives) September 24, 2020
ޝަރުއީ މަރުހަލާގައި މައްސަލަތައް ތާށިވެ، އެތައް އަހަރެއް ފާއިތުވެގެން ދާއިރު މި ބާވަތުގެ މައްސަލަތަކަކީ މުސްތަގުބަލުގައި ވެސް، ބަލައިގަނެ ހިންގާ މައްސަލަތަކެއް ކަމަށްވާ ނަމަ ނުކުންނާނެ ނަތީޖާ އަކީ އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުން ކަމަށާއި ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ވަގުތު ބޭކާރުވެ މައްސަލަތައް އިތުރަށް ލަސްވުން ނޫން ކަމެއް ނުވާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ހުކުމުގައި ބުނީ، ހައި ކޯޓުން މައްސަލަ ބަލައިގަތީ މުއްދަތު ހަމަވި ފަހުން ކަމަށް ބޭންކް އޮފް ސިލޯނުން ބުނާއިރު، މުއްދަތު ހަމަވުމަށް ފަހު ވެސް ކޯޓަށް މައްސަލަ ބަލައިގަތުމުގެ އިހްތިޔާރު ކޯޓަށް ލިބިދޭ ހާލަތްތަކެއް އޮންނަ ކަމަށާއި ކަން ހިނގާފައިވަނީ ކިހިނެއްކަން ބޭންކް އޮފް ސިލޯނަށް ބުނެދެވިފައި ނުވާ ކަމަށެވެ. ހައި ކޯޓުން މައްސަލަ ބެލުމުގެ އިހްތިސާސްއާ ބެހޭ ނުކުތާއެއް ބޭންކް އޮފް ސިލޯނުން ހުށަހަޅާފައި ނުވާ ކަމަށާއި އިސްތިއުނާފީ މައްސަލައެއް ހައި ކޯޓުގައި ހިނގަހިނގައި އޮއްވައި އެ މައްސަލައެއް ބާތިލްކޮށްދިނުމަށް އެދުމަކީ ގާނޫނު ދަންނަ އިޖުރާއާތްތަކުގެ ބޭރުން ނާޖާއިޒް ފައިދާ ނަގަން މަސައްކަތްކުރުން ކަމަށް ވެސް ހުކުމުގައިވެ އެވެ.
ބޭންކް އޮފް ސިލޯނުން ހުށަހެޅި ޝަކުވާ އަނބުރާ ގެންދަން ބޭނުންވާ ކަމަށް ބުނި ކަމުގައި ވިޔަސް މައްސަލަގާއި ވަނީ ހުކުމް ކޮށްފަ އެވެ. ހުކުމުގައި ވަނީ ހުށަހެޅި ޝަކުވާ އަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ހައްލު ހޯދެން އޮތް މައްސަލައެއް ކަމަށާއި އެހެންވެ ސުޕްރީމް ކޯޓުން އިތުރު ފިޔަވަޅެއް އަޅާނެ ތަނެއް ނެތް ކަމަށެވެ. ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަޒްމިރަލްދާގެ މި ރައުޔަށް، ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވަނީ ތާއީދުކުރައްވައިފަ އެވެ.
މި ކޯޓަކީ މައްސަލަތަކުގައި މީޑިއޭޓްކުރަން އޮތް މަގަކަށް ނުބަލާތި: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ