ހުކުމުތައް ބާތިލުކުރީ ގާޒީގެ "ގަމާރުކަމުން" ކަމަށް ނަޝީދު ވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން: މައުމޫން ހަމީދު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމުތައް ބާތިލުކުރެއްވީ އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދުގެ "ގަމާރު" ކަމުން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައި ރައީސް ނަޝީދު ކުރެއްވި ވަރަށް ދަށުޖަރައިގެ ކަމެއް ކަމަށް ބާ ކައުންސިލްގެ ރައީސް އަދި ގާނޫނީ ވަކީޅު މައުމޫނު ހަމީދު ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބެލުމަށް ގޮވާލައި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހެޅި މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ މައްސަލަ އެގޮތަށް ނިމިފައިވަނީ މައްސަލަ ބެއްލެވި ގާޒީގެ ގަމާރުކަމުން ކަމަށެވެ.
"އިއްޒަތްތެރި މެންބަރު ތި ވިދާޅުވީ ގާބިލުކަމުގެ މައްސަލައޭ. "ގަމާރު" ކަމުން ވީކަމެއްގެ ގޮތުގައި މުޅި މައްސަލަ ހިނގާމިދިޔައީ." ހަސަން ލަތީފުގެ ވާހަކައަށް ފަހު ރައީސް ނަޝީދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މައުމޫން ހަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައި، ފަނޑިޔާރެއްގެ ނިންމުމާ މެދު އެ މޭރުމުން ވާހަކަ ދެއްކުމަކީ މަޖިލީހުގެ ރައީސްގެ އަގު ވަރަށް ބޮޑަށް ވެއްޓޭ ކަމެއް ކަމަށެވެ.
"މިކަމުގެ ސަބަބުން މަޖިލީހުގެ ރައީސްގެ ގަދަރާއި އަގު ވަރަށް ބޮޑަށް ވެއްޓިގެންދޭ،" މައުމޫން ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން މައުމޫން ހަމީދު ވިދާޅުވީ، ގާޒީއަކާ މެދު އެ މޭރުމުން މަޖިލީހުގެ ރައީސް ވާހަކަފުޅުދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ގޮތާ މެދު މަޖިލީހުގެ ރައީސް ހިތްހަމަނުޖެހުން ފާޅުކުރެއްވި އިރު، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ވަނީ މައްސަލަ ބެއްލެވި ގާޒީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ