މާލޭގައި ކަރަންޓު ބޭނުން ކުރުން އަހަރުން އަހަރަށް މި ދަނީ އިތުރު ވަމުންނެވެ. ސްޓެލްކޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮންމެ އަހަރަކު އެވްރެޖު ގޮތެއްގައި ކަރަންޓު ބޭނުން ކުރާ ނިސްބަތް ހަތް ޕަސެންޓް އެބަ މަތިވެ އެވެ. މި ސަރަހައްދަށް ލޯޑު އިތުރުވެގެންދެ އެވެ. އެހެންވެ، ކަރަންޓު ކެނޑުމުގެ ދަތިކަމުން ރައްޔިތުން ސަލާމަތް ކުރަން ސްޓެލްކޯ އިން އަބަދު ވެސް ބޯ ގާނަން ޖެހެ އެވެ. އެކަމަށް މިލިއަނުން ހަރަދުކޮށް، ޖަނަރޭޓަރު ސެޓުތައް ގެނެސް، ސްޓެލޯގެ ގޯތީގައި އަތުރަން ޖެހެ އެވެ. މިކަން ވަނީ ބިމުގެ ގޮތުން ދަތި މާލެއަށް ވެސް އޮތް ބުރަ އަކަށެވެ. މިހާތަނަށް ބަހައްޓާފައިވާ ޖަނަރޭޓަރުތަކާއެކު ސްޓެލްކޯގެ "ޓެރެޓަރީ" ވަނީ ފުރިފަ އެވެ. އެހެންވެ ދެވަނަ ވިސްނުމެއް ހޯދަން އޮތީ މަޖުބޫރުވެފަ އެވެ.
މި ކަމަށް ހައްލު ހޯދުމަށް ކަނޑު އަޑިން ކޭބަލް އަޅައިގެން މާލެ އާއި ހުޅުމާލެ ގުޅާމުގެ ވިސްނުމެއް އެ ކުންފުނިން ކުރިން ގެންގުޅުނެވެ. އެމެރިކާ ކުންފުންޏަކާ ހަވާލު ކޮށްގެން ދިރާސާތަކެއް ކުރިކަން ސްޓެލްކޯގެ ފޮތްތަކުން ފެންނަން އެބަހުއްޓެވެ. އެކަމަކު އެ ކަމަށް ދާނެ ބޮޑު ހަރަދާއި ކުރަން ޖެހޭ ބުރަ މަސައްކަތާއި އެނޫން ވެސް ދަތިތަކުގެ ސަބަބު ނުވެ ލަސްވީ އެވެ. އެކަމަކު، ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަޝްރޫއު ފެށުމާއެކު އެ މަސައްކަތުގައި "އުންމީދުގެ ހުޅުކޮޅު" ދިލުނެވެ.
ބްރިޖުގެ ދެ ފަރާތުގައި އަޅާ އަސާސީ ހިދުމަތުގެ ދެ ވިއުގައިގެ ތެރެއިން އެއް ނިޒާމަކީ ކަރަންޓު ވިއުގައެއްގެ ގޮތުގައި އޭރު ރައީސް އަބްދުﷲ ޔާމީން ނިންމެވުން ވީ މި މަސައްކަތް ފެށެން މެދުވެރިވި ސަބަކަަށެވެ. މިއާއެކު ރާއްޖޭގެ ތާރީހުގައި މިގޮތަށް ހިންގާ ކަރަންޓު ވިއުގައިން ގުޅާލުމުގެ އެންމެ ބިޔަ މަޝްރޫއު ފެށިގެން ދިޔަ އެވެ.
ދުނިޔޭގެ މަޝްރޫއު ކުންފުންޏަކުން ފަރުމާކޮށް، ޗައިނާގެ ޑޮންފަންގް ކުންފުންޏާއި އެންޑަބްލިއުޕީއޭ ގުޅިގެން ހަދާފައިވާ ޖޮއިންޓް ވެންޗާއަކާ ހަވާލު ކުރި ބިޔަ މި މަޝްރޫއު ފެށިގެން ދިޔައީ ޖުލައި 31، 2016 ގަ އެވެ. ކަރަންޓުގެ ދިގު ކޭބަލެއް މެދުވެރިކޮށް މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއް ނިޒާމަކުން ގުޅިގެން ދާނެ އެވެ. މި މަޝްރޫއުގެ ދަށުން މާލެ އާއި ހުޅުމާލެ އަދި ހުޅުލޭގައި ހާއްސަ ބިޔަ ޑިސްރިބިއުޝަން ސިސްޓަމްތަކާއި ބިޔަ ޓްރާންސްފޯމަރުތަކެއް ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ބްރިޖުގެ އެއް ފަރާތުގައި އަޅާ މި ވަރުގަދަ ކަރަންޓު ވިއުގަ މެދުވެރިކޮށް 100 މެގަވޮޓްގެ ކަރަންޓު ދަތުރު ކުރުމުގެ ގާބިލްކަން ލިބިގެންދެ އެވެ. މިހާރު ފެންނަމުން މި ދަނީ މި ބިޔަ ބޮޑު މަސައްކަތެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ
-- އަވަސް ފޮޓޯ
"މިހާރު މަޝްރޫއުގެ ޓްރާންސްފޯމަރުތައް ރާއްޖެ ގެނެސް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދަނީ. ޓްރާސްފޯމްރުތައް ހުޅުލެ އާއި މާލެ އަދި ހުޅުމާލޭގައި ބެހެއްޓޭނެ. މީގެ ކޮންމެ ރަށެއްގައި ދެ ޓްރާންސްފޯމަރު ބެހެއްޓޭނެ. މިކަމަށް މާލެ އާއި ހުޅުމާލޭގައި ވެސް ބިލްޑިންގް އަޅައި، ނިމުމަކަށް އެ އަންނަނީ،" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އަވަސް އަށް ވިދާޅުވި އެވެ.
މި ޓްރާންސްފޯމަރުތައް ރާއްޖެ ގެނެސްފައި ވަނީ އެކަމަށް ހާއްސަ އުޅަނދެއްގެ އެވެ. އަދި މާލެ ބާލައި އޭގެ ޖާގައަށް އެ ގެންދަން ވެސް ހާއްސަ ހައިޓްރޯލިކް އުޅަނދު ތަކެއް ބޭރުން ގެންނަން ޖެހުމެވެ. ސަބަބަކީ މި ޓްރާންސްފޯމަރުތަކަކީ ބޮޑު އަދި އެހާމެ ބަރު އެއްޗަކަށް ވުމެވެ. މީގެ އިތުރުން ކަރަންޓު ނިޒާމުން ގުޅާލަން ބޭނުންވާ ގާތްގަނޑަކަށް 18 ކިލޯ މީޓަރުގެ ދިގު ކޭބަލްތައް ވެސް ވަނީ ރާއްޖެ ގެނެސްފަ އެވެ.
ކަރަންޓު ވިއުގަ ގުޅާލަން ބޭނުންވާ ކޭބަލްތައް މާލެ ގެނެސްފައި
-- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
މި މަޝްރޫއު ރާއްޖެއަށް ހާއްސަ ވަނީ ކީއް ވެގެން ހެއްޔެވެ؟ މީގެން ރާއްޖޭގެ އާބާދީގެ 80 ޕަސެންޓް ދިރިއުޅޭ ސަރަހައްދަށް ލިބޭނީ ކޮން ފަސޭހައެއް ހެއްުޔެވެ؟ ވިޔަފާރިއަށް ލިބޭނެ މަންފާއަކީ ކޮބައި ހެއްޔެވެ؟ ކަރަންޓުގެ ނިޒާމަށް ލިބޭނެ ކުރިއެރުމަކީ ކޮބައި ހެއްޔެވެ؟
ކަރަންޓު ކެނޑުމަށް ހައްލު ލިބުމުގެ އުންމީދު
ބޮޑު މި މަޝްރޫއުގެ ކޭބަލްގެ ކޮޅު ގުޅިފައި ވަނީ "ފިފްތު ޕަވާ" ކަރަންޓު ނިޒާމު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާއި މިދިޔަ އަހަރު ހުޅުވި 50 މެގަ ވޮޓްގެ ބޮޑު އިންޖީނުގެއާ އެވެ. އެ އިންޖީނުގެ ނިންމައި ހުޅުމާލެއަށް މިހާރު ވެސް ދަނީ ކަރަންޓު ދޫކުރަމުންނެވެ. ނަމަވެސް މިހާރު އެ ތަނުން އުފައްދާ ކަރަންޓުގެ ތެރެއިން ހުޅުމާލެއަށް ބޭނުން ކުރަނީ 15 މެގަވޮޓްގެ ކަރަންޓެވެ. އެހެންވެ، ސްޓެލްކޯގެ މަގުސަދަކީ މި ނެޓްވޯކް މެދުވެރިކޮށް މާލޭގައި ކަރަންޓު ކެނޑުމުގެ މައްސަލައަށް އަވަސް ހައްލެއް ގެނެސް ދިނުމެވެ. ކަރަންޓުގެ ޔަގީންކަން ހޯދައި ދިނުމެވެ. މީގެ ކުރިން ސްޓެލްލޯ އިން ކޮންމެ ފަސް އަހަރަކުން އާ އިންޖީނު ތަކެއް ބަހައްޓައި ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރު ކުރަން ކުރަން ޖެހޭ ބޮޑު ހޭދަ އާއި ވަގުތު ސަލާމަތް ކުރުމަކީ ވެސް މި މަޝްރޫއުގެ މަގުސަދަކެވެ.
ސްޓެލްކޯގެ އެމްޑީ، މުޣުނީ ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ކަރަންޓުގެ ޔަގީންކަން އިތުރު ވެގެންދާނެ އެވެ.
ޓްރާންސްފޯމަރުތައް ބަހައްޓަން ސްޓެލްކޯގެ ގޯތިތެރޭގައި ހަދާފައިވާ އިމާރާތް
-- ގެނެސްފައިފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
"މުޅި މާލެ މިއޮތީ ތޮއްޖެހިފައި. މިހާރު ކަރަންޓު އުފައްދަން އިންފްރާސްޓަކްޗާގެ މަސައްކަތް ކުރާކަން ޖާގައެއް ނެތް. މި ކަނެކްޝަން ގުޅާލެވުނީމަ އިތުރު އިންޖީނުގެ އެއް އަޅަން ބޭނުންނަމަ، އެކަން ކުރެވޭނެ ޖާގަ ވެސް ލިބޭނެ. މިއީ ލިބިގެން ދާނެ ބޮޑު ފަސޭހައެއް. ޕަވާ އިންޓަރެޕްޝަން އަށް ވެސް ހައްލު ލިބޭނެ،" މުޣުނީ ވިދާޅުވި އެވެ.
ގުޅީފަޅު ބަނދަރާއި މާލެ، ގުޅައިލުން
މި މަޝްރޫއުގެ ދަށުން ބްރިޖު މެދުވެރިކޮށް އަޅާ ކޭބަލް ނެޓްވޯކް ހަމައެކަނި ގުޅިގެން ދާނީ މާލެ، ހުޅުމާލެ އަދި ހުޅުލެ އެކަންޏެއް ވެސް ނޫންނެވެ. ސަރުކާރުން މިހާރު ދަނީ ގުޅިފަޅުގައި ވިޔަފާރި ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ހުޅުމާލެ އިން ގުޅިގެން އަންނަ ކަރަންޓު ވިއުގަ ނިމިގެން ދާނީ މި ހިސާބަަށެވެ.
ސްޓެލްކޯގެ އެމްޑީ މުޣުނީ ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން މާލޭގެ އިންޖީނުގެއިން ވެސް މި ހަތަރު އަވަށަށް ކަރަންޓު ގެންދިއުމުގެ ގާބިލްކަން ލިބޭނެ އެވެ.
ސްޓެލްކޯގެ ގޯތިތެރޭގައި ޓްރާސްފޯމަރުތައް ބަހައްޓާފަ: މިއީ މިހާތަނަށް ރާއްޖެ ގެނައި އެންމެ ބޮޑެތި ޓްރާންސްފޯމަރުތައް
-- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
"މިއީ ގްރޭޓާ މާލެ ރީޖަންގެ ސެކިއުރިޓީގެ ބޮޑު ބައެއް ނިމުން. ފޭސް ދޭއްގައި މި އޮތީ ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ގުޅާލުން. މިހާރުގެ މަސައްކަތް ހަމަ ނިމުމާއެކު އެ މަސައްކަތް ފެށިގެން ދާނެ،" މުޣުނީ ވިދާޅުވި އެވެ.
ހުޅުމާލޭގައި 50 މެގަ ވޮޓްގެ އާ ޖަނަރޭޓަރެއް
މި މަޝްރޫއުގެ ދަށުން ގުޅިގެންދާއިރު، ހުޅުމާލޭގައި މި ވަގުތު ހަދާފައި ވަނީ 50 މެގަވޮޓްގެ އިންޖީނުގެ އެކެވެ. ނަމަވެސް ގްރޭޓާ މާލެ ރީޖަން އަށް އަންނަ ކަރަންޓުގެ ލޯޑާއެއް ވަރަށް ފައިހަމަ ކުރަން ބޭނުންވާ އިންޖީނު ބެހެއްޓުމުގެ ޖާގަ މިހާރު އިންޖީނުގެ ހުރި ސަރަހައްދުގައި އެބައޮތެވެ. އެހެންވެ އެކަމަށް ވެސް ސްޓެލްކޯ ވަނީ ތައްޔާރުވެފަ އެވެ.
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އަބްދުލް މާލިކު ތައުފީގު ވިދާޅުވި ގޮތުގައި މާލޭގައި އިތުރު ޖަނަރޭޓެއް ބެހެއްޓުމުގެ ވިސްނުން މިހާރު ސްޓެލްކޯގައި ނެތެވެ.
"މިހާރު ސްޓެލްކޯ އިން ތައްޔާރު މިވަނީ މީގެ ފޭސް ޓޫ އަށް. އޭރުން އިތުރު 50 މެގަވޮޓް ބެހެއްޓޭނެ، އޭރުން ޖުމްލަ 100 މެގަވޮޓް މި ރީޖަން އަށް އުފެއްދޭނެ. މި ކޭބަލްގައި ހުންނާނެ މި ވަރުގެ ކޭޓާ ކޮށްލެވޭ ވަރު، އެހެންވެ މި އުފެއްދެނީ ނޭޝަނަލް ގްރިޑެއް، މިއީ 11،000 ވޮލްޓް. އިންޓަ ކަނެކްޝަންގައި މި އަންނަނީ 132،000 ވޮލްޓުގެ ކޭބަލްއެއް. އެހެންވެ މިއީ ފުދޭ ވަރަކަށް ހައި ޖަންޕެއް،" މާލިކު ވިދާޅުވި އެވެ.
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އަބްދުލް މާލިކު ތައުފީގު
-- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
"ވޮލްޓޭޖް ހައި ވަރަކަށް ލޮސް ކުޑަވާނެ. އޭރުން ގިނަ ކަރަންޓު ޓްރާންސްފާ ވެސް ކުރެވޭނެ."
މި މަޝްރޫއު ނިމުމުން ލިބޭނެ ހިތްހަމަ ޖެހުމަކީ މިއިން އެއްވެސް ރަށަކުން ކަރަންޓު ކެނޑިއްޖެނަމަ އެހެން ހިސާބުތަކުން ކަރަންޓު ސަލްއިކޮށް ދިނުމުގެ ގާބިލްކަން ލިބިގެން ދިއުމެވެ. މާލެ އިން ކަރަންޓު ފެއިލްވެއްޖެނަމަ ގުޅީފަޅުން މާލެ އަށް ކަރަންޓު ދިނުމުގެ ގާބިލްކަން ވެސް "ނޭޝަނަލް މި ގްރިޑް" މެދުވެރިކޮށް ލިބޭނެ އެވެ.
އާ ކަރަންޓުގެ ނިޒާމާއެކު ސްޓެލްކޯގެ ގިނަ ހިދުމަތް ތަކެއް ޒަމާނީވާނެ އެވެ. އެ ކުންފުނިން ކުރި އަށް ގެންދާ "ޑިސްރިބިއުޝަން ސްޓާޑާ އޮޓަމޭޝަން" މަޝްރޫއުގެ ދަށުން ކޮމްޕިއުޓަރު މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގެ ހުރިހާ ޑިސްރިބިއުޓަން ތަކެއް ގުޅާލާނެ އެވެ.
ސްޓެލްކޯ އިން ހުޅުމާލޭގައި ހަދާފައިވާ 50 މެގަވޮޓްގެ އިންޖީނުގެ
-- ފޮޓޯ: އަހުމަދު އަޝްހާދު އަބްދުﷲ (ޖެރީ) | އަވަސް
"މިހާރު ކަރަންޓު ކެނޑުނަސް މާލެ ކޮޅުން ވަރަށް އަވަރަށް އިންޖީނު ހިންގާލެވޭނެ. އިންޖީނު ހިނގިއަސް މެނުއަލީ އެތަން ތަނަށް ގޮސް ޖައްސަން މި ޖެހެނީ. އެކަމަކު މި ސިސްޓަމްގެ ސަބަބުން ކޮމްޕިއުޓަރުން ސްކްރީންއެއް މެދުވެރިކޮށް ޑިސްރިބިއުޝަން ޖައްސާލުމުގެ މަގު ފަހި ވެގެންދާނެ. އެހެންވެ ވަރަށް ޑައިނަމިކް ސިސްޓަމެއް މިއީ، މިއީ ބޮޑު ވިސްނުމަކީ،" މާލިކް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 44 މިލިއަން ޑޮލަރުގެ މި މަޝްރޫއު ފުރިހަމަ ކުރަން ބޭނުންވާ ސާމާނުގެ ބޮޑުބައި ރާއްޖެ މިވަނީ ގެނެސްފަ އެވެ. ލިންކް ރޯޑުގައި ފެންނަން އެ ހުރީ މި މަޝްރޫއަށް ބޭނުންވާ ކޭބަލް ތަކެވެ. މަޝްރޫއު ކުރިން ނިންމަން އޮތީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ދަތުރުފަތުރަށް ދިމާވި ދަތިތަކުގެ ސަބަބުން މަޝްރޫއު ލަސް ވެގެން ދިޔައީ އެވެ. އެކަމަކު މި މަސައްކަތަށް ބޭނުންވާ އިންޖިނޭރުން ޗާޓަރު ފްލައިޓެއްގައި ގެނެސްގެން ސްޓެލްކޯއިން މިހާރު ވަނީ މަސައްކަތް ހަލުވިކޮށްފަ އެވެ. މިހާރު އުންމީދީ މި މަޝްރޫއު އެއްކޮށް މިހާރު ނިންމާލެވޭ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ކުރީކޮޅަށެވެ.
ކަރަންޓުގެ ބޮޑު ވިއުގަ: ހައި ޖަމްޕެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ