އެންމެ ރައްކާތެރިކަމަށް އިނގިރޭސިވިލާތުން ނިންމި ގައުމުތަކުގެ ތެރޭގައި މިފަހަރުވެސް ރާއްޖެއެއް ނެތް

އިނގިރޭސިވިލާތުން އެހެން ގައުމުތަކަށް ދަތުރު ކުރާ މީހުން އެނބުރި ގައުމަށް ދިއުމުން ކަރަންޓީން ނުވެ، ގައުމަށް އެތެރެވެވޭ ގޮތައް ލޯރިސްކް ގައުމުތައް މިފަހަރުވެސް ކަނޑައެޅިއިރު ރާއްޖެ ނުހިމަނެއެވެ.
އަލުން އެކުލަވާލި ލިސްޓުގައި ވެސް 50 ގައުމެއް އޮތް އިރު އެ ލިސްޓުގައި މި ސަރަހައްދުން ރާއްޖެއާ ސްރީލަންކާ ހިމަނާފައެއް ނުވެއެވެ. މީގެކުރިން އިނގިރޭސިވިލާތުން 59 ގައުމެއް ލިސްޓުކުރިއެވެ. އެ ލިސްޓުގައިވެސް ރާއްޖެއެއް ނެތެވެ.
މިލިސްޓްގައި ރާއްޖެ ނެތުމުން ރާއްޖެ އަށް ދަތުރު ކުރުމަށްފަހު އެނބުރި އިނގިރޭސިވިލާތައް ދަތުރު ކުރާ މީހުން 14 ދުވަސް ވަންދެން ކަރަންޓީންގައި ތިބެން ޖެހޭނެއެވެ. ނަމަވެސް ފަތުރުވެރިކަމުގައި ރާއްޖެ އާއި އެންމެ ވާދަވެރި ގައުމުތައް ކަމަށްވާ ސީޝެލްސްއާއި މޮރީޝިއަސް ފަދަ ގައުމުތައް ލިސްޓުގައި ވަނީ ހިމަނައިފައެވެ. އެހެންކަމުން އެގައުމުތަކުން އިނގިރޭސިވިލާތައް ދަތުރު ކުރާ މީހުން ކަރަންޓީންގައި ތިބޭކަށް ނުޖެހޭނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިޔަކު ނަން ހާމަނުކުރާ ގޮތައް "ވަގުތު" އާއި މީގެކުރިން ވާހަކަދައްކަވަމުން ވިދާޅުވީ އިނގިރޭސިވިލާތަކާއި ރާއްޖެ އަށް އެންމެ މުހިއްމު މާކެޓް ކަމަށް ވާއިރު ރާއްޖެ އައުމަށް ފަހު އެނބުރި ގައުމަށްދާ މީހުން 14 ދުވަހަށް ކަރަންޓީން ކުރާ ގޮތައް ހަމަޖެއްސުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
ރާއްޖެއިން ކޮވިޑް-19 ގެ ސަބަބުން ބޯޑަރު ބަންދުކުރީ މިދިޔަ މާޗު މަހުގެ 27ވަނަ ދުވަހުއެވެ. އޭގެ ތިންމަސް ފަހުން ބޯޑަރު ހުޅުވާލީ މި މަހުގެ 15ވަނަ ދުވަހުއެވެ. އޭގެފަހުން މިހާތަނަށް 900އެއްހާ ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ