އަންކޮގެ ހެޓްރިކާ އެކު އީގަލްސް އަށް ބޮޑު މޮޅެއް

ޒުވާން ފޯވާޑް އަންސަރު އިބްރާހިމް (އަންކޮ) ހެދި ހެޓްރިކާ އެކު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން 7-1 އިން ކްލަބް އީގަލްސް މޮޅުވެއްޖެ އެވެ. މި މޮޅާ އެކު އީގަލްސް ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެހެން ނަމަވެސް ލީގުގައި މިރޭ ވެލެންސިއާ އަތުން މޮޅުވެއްޖެ ނަަމަ އަލުން ތިން ވަނަ އަށް އެރުމުގެ ފުރުސަތު މާޒިޔާ އަށް އެބައޮތެވެ. އީގަލްސް އަށް 12 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ އަށް ލިބިފައި އޮތީ 11 މެޗުން 18 ޕޮއިންޓެވެ. މަހިބަދޫ އެންމެ ފުލުގައި އޮތީ 12 މެޗުން އެއް ޕޮއިންޓާ އެކު އެވެ. އެޓީމު ވަނީ ދެ ވަަނަ ޑިވިޝަން އަށް ރެލިގޭޓްވެފަ އެެވެ. މަހިބަދޫ ކޮޅަށް އީގަލްސްގެ ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު އަންކޮ ކާމިޔާބުކުރިއިރު، އަހުމަދު ރިޒުވާން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ދެ ލަނޑު ކާމިޔާބުކުރީ އަބްދުﷲ ހަނީފް (ބެންޖޯ) އާއި ޔަޝްފާދު ހަބީބު އެވެ. މަހިބަދޫގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ފޯވާޑް އެންޑަސަން ބިން ޑަސިލްވާ އެވެ. ރަސްމީ ބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި އީގަލްސް އަށް ލީޑު ނަގައިދިނީ މެޗުގެ ހަތަރު ވަނަ މިނިޓްގައި އިސްމާއިލް އީސާ (މެސީ) ދިން ބޯޅަ އަކުން ރިޒުވާން އެވެ. މި ހާފްގައި ރިޒުވާން އިތުރު ލަނޑެއް ކާމިޔާބުކުރިއިރު، އަނެއް ދެ ލަނޑު ޖެހީ އަންކޮ އެވެ. މެޗުގެ 62 ވަނަ މިނިޓްގައި އެންޑަސަން ވަނީ މަހިބަދޫގެ ލަނޑު ޖަހައިދީފަ އެވެ. އެހެން ނަމަވެސް މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު އީގަލްސް އިން ވަނީ ފަހު 20 މިނިޓް ތެރޭގައި އިތުރު ތިން ލަނޑު ކާމިޔާބުކޮށްފަ އެވެ. މެޗުގެ 72 ވަނަ މިނިޓްގައި އީގަލްސްގެ ފަސް ވަނަ ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން ނުކުތް ޔަޝްފާދު ހަބީބު އެވެ. ހަ ވަނަ ލަނޑު މަހްރޫސް މުޖުތަބާ ދިން ބޯޅަ އަކުން ބެންޖޯ ކާމިޔާބުކުރިއިރު، ފަހު ލަނޑު ޖަހައި އަންކޮ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފަ އެެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި އަންކޮ ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އީގަލްސްގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓޭ) ބުނީ އަންކޮ އަކީ އަބަދުވެސް މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިއެއް ކަމަށެވެ. "އަންކޮ އަކީ އަބަދުވެސް މޮޅަށް ކުޅޭ ކުޅުންތެރިއެއް. އީގަލްސް އިން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފާ ކުޅުންތެރިއެއް. އޭނާ ގިނަ ބަޔަކަށް ފާހަގަވާން ފެށުން ލަސްވީ. އޭނާ ހުނަރަށް ބަލާއިރު ކުރިން ވެސް މޮޅު،" ޝާކިއްޓޭ ބުންޏެވެ. އޭނާ ބުނީ ލީގުގައި ދެން ގެއްލޭނެ އެއްޗެއް ނެތުމުން މި ވަގުތު އެންމެ އިސްކަމެއް ދެނީ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ކަމަށެވެ. މަހިބަދޫގެ އެސިސްޓަންޓް ކޯޗު ހުސެއިން އައްބާސް ބުނީ މި މެޗުގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެނުނީ ލީގުގައި ދެން ހާސިލް ކުރެވޭނެ އެއްޗެއް ނެތުމާ އެކު ފަސޭހަ ކޮށްލުމުގެ ސަބަބުން ކަމަށެވެ. "ލީގުން ރެލިގޭޓްވުމުން ދެން ކުޅުންތެރިންގެ ސީރިއަސްކަން ގެއްލިއްޖެ. ދެން އެހެންވެ ކުޅުންތެރިންނަށް ފަސޭހަ ވެސް ކޮށްލެވެނީ. ހޯދޭނެ އެއްޗެސް ވެސް ނެތުމުން ކުޅުންތެރިން ބޭނުންވަނީ ހަމަ ނޯމަލް ގޭމެއް ކުޅެލަން،" އައްބާސް ބުންޏެވެ. ލީގުގައި މިރޭ ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ވެެލެންސިއާއާ އެވެ. އެ މެޗު ފަށާނީ 21:00ގަ އެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ