ރިޔާސީ އިންތިހާބު ކެންސަލް ކޮށްފި

މިއަދު ބާއްވާން އިލްކެޝަންސް ކޮމިޝަނުން ނިންމި އިންތިހާބުގެ ނުބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބު ބޭއްވުން ހުއްޓާލީ ސުޕްރީމް ކޯޓްގެ ގައިޑްލައިނާ އެއްގޮތަށް އިންތިހާބު ބާއްވަން ހުރިހާ ތައްޔާރީތަކެއްވެފައި ވަނިކޮށް އެއްބާރުލު ނުދޭނެ ކަމަށް ބުނެ ފުލުހުން އިންތިހާބު ހުއްޓުވައި އިންތިހާބާބެހޭ އެއްވެސް ލިޔެ ކިޔުމެއް ކޮމިޝަނުގެ އިދާރާއިން ބޭރަށް ނެރުން ހުއްޓުވާފައިވާތީ ކަމަށެވެ.
މީގެ އިތުރުން ކޮމިޝަނުން ބުނީ އިންތިހާބު މިއަދު ބޭއްވޭ ގޮތް ނުވުމުން ދެން އިންތިހާބު ބާއްވާނެ ތާރީހެއް އެނގުމުން އެކަން އިއުލާން ކުރާނެ ކަމަށެވެ. މިއަދު އިންތިހާބު ބޭއްވޭ ގޮތް ނުވުމުން އެކަމާ ގުޅުންހުރި ކަންކަމުގެ މައްޗަށް ބަލައި ސުޕްރީމް ކޯޓަށް ކޮމިޝަނުންދާނެ ކަމަށާއި އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަމުންދާ ކަމަށް ވެސް ބުންޏެވެ.
"މި އިމާރާތުގެ ބޭރުގައި ފުލުހުން އެބަތިބި. އަޅުގަނޑުމެނަށް އަންގާފައި ވަނީ ކަރުދާސްކޮޅެއް ވެސް ބޭރަށް ނުނެރެން. ހިތާމައާއެކު މިވާހަކަ ދަންނަވަން،" ފުއާދު ވިދާޅުވި އެވެ. "ސަބްބަބެއް ކަމަށް ބުނަނީ ލިސްޓްތަކުގައި ހުރިހާ ކެންޑިޑޭޓުން ސޮއިކޮށްފައި ނެތުން ކަމަށް،"
ފުއާދު ވިދާޅުވީ ރިޔާސީ އިންތިހާބު ދެން ބޭއްވޭނެ ދުވަހެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި ފުލުހުން ހުރަސް އަޅައިގެން އިންތިހާބު ބޭއްވިޔަ ނުދިން މައްސަލަ ސްޕްރީމްކޯޓަށާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށައަޅުއްވާނެ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ދެން އިންތިހާބު ބާއްވާނަމަ އަލުން ޖެހޭނީ ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރަން ކަމަށާއި ތިން ހަފްތާ ލިބިއްޖެނަމަ ރަނގަޅު ލިސްޓެއް އެކުލަވައިލެވޭނެ ކަމަށެވެ. ފުލުހުން އެއްބާރުލުން ނުދީ ހުރަސް އެޅުމުގެ ސަބަބުން އިންތިޚާބު ނުބޭއްވުނީ ކަމަށް ފުވާދު ވިދާޅުވި އިރު، ރޭފަތިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ އެއްބާރުލުން ނުލިބިގެން ވޯޓް ކަރުދާހާއި ލިސްޓްތައް އަދި އޮފިޝަލުން ތަންތަނަށް ފޮނުވުމަށް ޗާޓަރު ކުރި ފްލައިޓްތައް ވެސް ކެންސަލްކުރަންޖެހުނު ކަމަށް ފުވާދު ވިދާޅުވިއެވެ. އެހެންނަމަވެސް އެ ޕްރެސްކޮންފަރެންސް ހިނގަމުން ދަނިކޮށް ބޭރަށް ނުކުމެވަޑައިގެން އެނބުރި ވަޑައިގަތުމަށްފަހު ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު ވިދާޅުވީ އެއީ އެރި އޮޅުމެއް ކަމަށާއި ފުލުހުން އެއްބާރުލުން ނުދޭން ނުނިންމާ ކަމަށެވެ.
"އަޅުގަނޑު މިއައީ މާލޭ ކޮމާންޑިން އޭރިޔާގެ އިސް ބޭފުޅަކާއި ބައްދަލުކޮށްފައި. އެބޭފުޅާ ވިދާޅުވީ ފުލުހުން ތިބީ އެއްބާރުލުން ދޭން ކަމަށް. އެހެންވީމާ އެއީ ކޮމިއުނިކޭޝަން އެރާއެއް" މަނިކުވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ބާއްވަން މަސައްކަތްކުރީ ސްޕްރީމް ކޯޓުގެ ގައިޑްލައިންގައި ބުނެފައިވާ 16 ކަންތައް ފުރިހަމަ ކޮށްގެން ކަމަށް ފަތިހު ބޭއްވި ޕްރެސް ކޮންފަރެއްންސްގައި ވެސް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފަ އެވެ. ނަމަވެސް ސްޕްރީމް ކޯޓުގެ ގައިޑްލައިންގެ 16 ވަނަ ނުކުތާގައި ބުނެފައިވާ ފަދައިން އިލެކްޝަންސްގެ ޑޭޓާބޭހާއި މުޅި އައިޓީ ނިޒާމަކީ އިތުބާރު ކުރެވޭ ނިޒާމަކަށް ހަދަންޖެހޭ ކަމަށް ބުނެފައިވީ ނަމަވެސް ކޮމިޝަންގެ ރައީސާއި މެމްބަރުންގެ ވާހަކަތަކުން އެކަން ފުރިހަމަ ނުވާކަން ދޭހަވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ