ވެރިކަން ލިބިވަޑައިގެންފިނަމަ ފެލިވަރުގައި އެއާޕޯޓެއް ހަދާނަން: ގާސިމް

ވެރިކަން ލިބިވަޑައިގެންފިނަމަ ފެލިވަރުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފައްޓަވައި ފެލިވަރު ކާރުހާނާއަކީ ދުވާލަކު 100 މެޓްރިކް ޓަނުގެ މަސް ޕްރޮސެސް ކުރާ ކާރުހަނާއަކަށް ބަދަލު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޅ. އަތޮޅު ހިންނަވަރުގައި މިރޭ ޖޭޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޅ. އަތޮޅަކީ ރައީސް މައުމޫންގެ ސަރުކާރާއި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ އަތޮޅެއް ކަމަށައި އަތޮޅުގައި ކާރުހާނާއަކާއި ރިސޯޓްތަކާއި ބޮޑެތި ރަށްތަށް ހުރި އިރު ސަރުކާރުތަކުން އަތޮޅަށް އިހުމާލުވެފައިވާ ކަމަށެވެ.
"މަޑިވަރުގައި އެއާޕޯޓެއް ހަދަން ވެސް ނިންމައި އެކަމުގައި ވެސް ސަރުކާރުން ވަނީ އިހުމާލުވެފައި. އަޅުގަނޑުގެ ސަރުކާރެއްގައި މި އަތޮޅުގައި އެއާޕޯޓްގެ މަސައްކަތް ފަށާނަން މިއަހަރު ނިމުމުގެ ކުރިން. އެއާޕޯޓް ހަދާނީ ވެސް މަޑިވަރަކު ނޫން. އަޅުގަނޑުގެ ސަރުކާރުގައި އެއާޕޯޓް ހަދާނީ ފެލިވަރުގައި،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ފެލިވަރުގައި އެއާޕޯޓް ހަދާނީ އެރަށް ހިއްކައިގެން ކަމަށާއި ހުރިހާ ގޮތަކަށް ބެލި ނަމަވެސް އެގޮތް ރަނގަޅުވާނެ ކަމަށެވެ. ފެލިވަރުގައި އެއާޕޯޓް ހަދާއިރު އެރަށުގައި މިހާރު 500 މުވައްޒަފުންނާއެކު 15 ޓަނުގެ މަސް ޕްރެސެސް ކުރާ ކާރުހާނާ 2000 މީހުން މަސައްކަތް ކުރާ ކާރުހާނާއެއްގެ ގޮތުގައި ތަރައްގީ ވެގެންދާނެ ކަމަށާއި އެކަމަށް 20 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކޮށްފިނަމަ 100 މެޓްރިކްޓް ޓަނުގެ މަސް ދުވާލަކު ޕްރޮސެސް ކުރެވޭނެ ކަމަށެވެ.
"އެއާޕޯޓް ވެސް ތަރައްގީ ކުރެވޭނެ، ކާރުހާނާ ވެސް ބޮޑުކުރެވޭނެ، އިންޓަނޭޝަނަލް ވެސް ކުރެވޭނެ ޖާގަ ލިބޭނެ. އެއާޕޯޓާއި ކާރުހާނާގެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދާނެ ފަންޑިތައް ވެސް އަޅުގަނޑަށް އެނގޭ،" ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ 20 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކާރުހާނާއިން ދެކޮޅުޖެހޭ ފައިދާ ނެރޭނެ ކަމަށާއި އެއާޕޯޓާއެކު ވަޒީފާތައް އިތުރުކޮށް ޓޫރިޒަމް ޅ. އަތޮޅުގައި ފުޅާ ކުރައްވާނެ ކަމަށެވެ.
ރާއްޖޭގެ ރައީސް ކަމުގެ މަގާމަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ މަގާމަށް މީހުން ހޮވުމުގައި އެކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ މާޒީއަށާއި ނަތީޖާ ދައްކާފައިވާ ގޮތުގެ މައްޗަށް ބެއްލެވުމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ވަކި މީހަކަށްވުރެ ގައުމުގެ ބޮޑުވާނެ ކަމަށާއި އަދި ގައުމު ބޮޑަސް ގައުމު ކުޑައަސް އިންސާފު ވާނީ އެންމެންގެ މައްޗަށް ހަމަހަމަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ