ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގުޅިގެން ދެ ފަރާތަކުން ހުށަހެޅި މައްސަލަ ތާވަލްކޮށްފި

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ހުރި މައްސަލަތަކަކާއި ގުޅިގެން ދެ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލްކޮށްފިއެވެ.
ސިޔާސީ ޕާޓީ ތަކުގެ ޤާނޫނުގެ ބައެއް މާއްދާތައް ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ދައުލަތުގެ ފަރާތުން ބަންޑާރަނައިބާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު ލީޑަރުކަން ކުރައްވަމުން ގެންދަވާ ޤައުމީ އިއްތިހާދު ޕާޓީއާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމުގައި ހުންނެވި ދިވެހި ޤައުމީ ޕާޓީގެ ނައިބު ރައީސް ސ. ފޭދޫ އެވަރެސްޓް އިމާދު ސޯލިހު އެވެ.
ސުޕްރީމް ކޯޓުގައި އަންނަ ހޯމަ ދުވަހުގެ 2:00 ޖަހާއިރަށް ތާވަލްކޮށްފައިވަނީ ޤައުމީ އިއްތިހާދު ޕާޓީންނާއި އިމާދު ސޯލިހް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެކެވެ.
ސިޔާސީ ޕާޓީ ތަކުގެ ޤާނޫނާއި ގުޅިގެން ދައުލަތުގެ ފަރާތުން ބަންޑާރަނައިބު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި މީގެ ކުރިން ބާއްވާފައިވާއިރު، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވަނީ އެމައްސަލައިގެ ތެރެއަށް ތަދައްހުލް ވެފައެވެ.
އަދި އެމްޑީއޭއިން ވަނީ މިމައްސަލަ ކުރިއަށް ދިއުން ލަސްވަމުންދާތީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަޙްމަދު ފާއިޒު ޙުސައިން އާއި ބައްދަލުކުރައްވާ މައްސަލަ އަވަހަށް ނިންމައިދިނުމަށްވެސް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ