ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމުގެ މައިގަނޑު ހުރަހަކީ ޑީއާރުޕީ: އުމަރު

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ ހަވާލުކޮށްފައިވާއިރު އެ ކުންފުނި އަތުން އެއާޕޯޓު އަތުލުމުގެ މައިގަނޑު ހުރަހަކީ ޑީއާރުޕީ ކަމަށް ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ. ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގްގެ ދައުވަތަކަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެ ގައުމަށް ކުރެއްވި ދަތުރު ގުޅިފައި ވަނީ ވެސް ޖީއެމްއާރު މައްސަލައާ ކަމަށެވެ. "މިއީ އެއްގޮތަކަށް ވެސް އަޅުގަނޑަށް ހިއެއް ނުވޭ އެހެން ކަމަކާ ގުޅުން ހުރި ދަތުރެއް ހެނެއް. އެހެން ނޫނިއްޔާ ދިވެހިރާއްޖޭގައި އެންމެ ބޮޑު އިދިކޮޅު ޕާޓީއެއް ނޫން ދެން މިހާރު އެންމެންނަށް ވެސް އެނގޭ ރަސްމީ ހައިސިއްޔަތުން ބެލި ކަމަށް ވިޔަސް، ޕާލަމެންޓުގެ މައިނޯރިޓީ ލީޑަރަކީ މިހާރު ޕީޕީއެމްގެ ބޭފުޅެއް. ތަސްމީނަކީ މައިނޯރިޓީ ލީޑަރެއް ވެސް ނޫން. މެޖޯރިޓީ ލީޑަރެއް ވެސް ނޫން. ހަމައެކަނި ޕާޓީގެ ދަފްތަރު ބޮޑީ،" ޖީއެމްއާރާއެކު "އަޑި ނޭނގޭ" ގުޅުންތަކެއް ތަސްމީން ހިންގަވާ ކަމަށް އަބަދުވެސް ތުހުމަތު ކުރައްވާ އުމަރު ވިދާޅުވި އެވެ. އެ ތުހުމަތުތައް އުމަރު ކުރެއްވި ނަމަވެސް ތަސްމީން އަބަދުވެސް ގެންދަވަނީ އެކަމަށް އިންކާރު ކުރައްވަމުންނެވެ. ރޭގެ ޕްރޮގްރާމްގައި އުމަރު ވިދާޅުވީ ޖީއެމްއާރާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ވޯޓެއް ނަގާ ދުވަހެއްގައި ތަސްމީންގެ އަމަލުތައް ސާފުވާނެ ކަމަށެވެ. އަދި އެ ދުވަހެއްގައި ޑީއާރުޕީން ވޯޓު ދޭނީ އިދިކޮޅު އެމްޑީޕީއާ އެއްކޮޅަށް ކަމަށް އޭނާ ވިދާޅުވި އެވެ. "ޑީއާރުޕީން މައިގަނޑު ގޮތެއްގައި މަސައްކަތް ކުރާނީ ވޯޓަކަށް އަޔަ ނުދޭން. އެއީ ފުރަތަމަ ކުރައްވާނެ މަސައްކަތް. އެއީ ވޯޓަކަށް އައިސް ވޯޓެއް ލާން ވެއްޖިއްޔާ ހުރިހާ ރައްޔިތުންގެ ކުރިމަތީގައި ފަލީހަތް ވާނެ. އެހެންވީމަ އެކަން ނުކުރާން ފުރަތަމަ މަސައްކަތް ކުރާނީ. އެކަން ނުކުރާން އުޅެފައި އެކަން ކުރާ ހިސާބަށް އައިސްފިއްޔާ އެ ވޯޓު ދޭނެ އެމްޑީޕީއާ އެއްކޮށް ޖީއެމްއާރާ އެއްކޮޅަށް. މިއީ އަޅުގަނޑުމެން ދަންނަ ހަގީގަތެއް،" އުމަރު ވިދާޅުވި އެވެ. "މިއީ ޑީއާރުޕީ ތެރެއިން ނުކުމެގެން އަޅުގަނޑުމެންނަށް ދާން ޖެހުނު މައިގަނޑު ސަބަބުތަކުގެ ތެރެއިން އެއް ސަބަބު." އުމަރު ވިދާޅުވީ ޕީޕީއެމް އަކީ ގައުމުގެ މުދަލަކީ ދިވެހިންގެ އެއްޗެއް ކަމަށް ނިންމައި އެ އެއްޗެހި ރައްކާކުރަން މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ. ޖީއެމްއާރު މައްސަލާގައި އެހެން ހުރިހާ ސިޔާސީ ޕާޓީއަކުން އެކައްޗެއް ކިޔާނަމަ އެ ކުންފުނި އަތުން އެއާޕޯޓު އަތުލެވޭނެ ނޫންތޯ ޕްރެޒެންޓަރު ދެންނެވުމުން އުމަރު ވިދާޅުވީ ރައީސް މުހަންމަދު ވަހީދަށް އެކަން ކުރެއްވޭނެ ކަމަށެވެ. "އަޅުގަނޑުގެ އުންމީދަކީ ޑީއާރުޕީން ނޫނެކޭ ބުންޏަސް ވަހީދު މިކަން ކުރެއްވުން. ޖީއެމްއާރު އަތުން އެއާޕޯޓު ނެގުން އެއީ މުޅި ދިވެހި ރައްޔިތުންގެ ފިކުރާއި މުޅި ދިވެހި ރައްޔިތުންގެ ރޫހު ހުރި ގޮތްކަން ވަހީދަށް ވަރަށް ސާފު ވަޑައިގަންނަވާނެ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރުގައި ޖީއެމްއާރާ ގުޅޭ ކަންކަން ހިނގަނީ ވަރަށް ލަހުން ކަމަށެވެ. އަދި އުމަރު ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރުން ވެސް ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން ބޭނުންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ