ބޭރު ސިފައިން ރާއްޖެ އެރުމަށް ގޮވާލާ ކޮންމެ މީހަކީ ޣައްދާރެއް: މައުމޫން
ރާއްޖެ އަށް އެރުމަށް ބޭރުގެ އަސްކަރިއްޔާއަކަށް ގޮވާލާ ކޮންމެ ދިވެއްސަކީ ގައުމަށް ޣައްދާރުވާ މީހެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު އެހެން ވިދާޅުވިއިރު ރިޔާސީ އިންތިޚާބާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާތީ އެކަމަށް ހައްލެއް ހޯދުމަށް ބޭރުގެ ފަރާތްތައް މެދުވެރިކޮށް ރާއްޖެ އަށް ފިޔަވަޅު އެޅުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވަނީ ގޮވާލައްވައިފަ އެވެ. ޝަހީދު ގޮވާލައްވާފައި ވަނީ އިންޑިއާ އިން ރާއްޖެ އަށް "އާރުޓޫޕީ" ހިންގަން ކޮމަންވެލްތުން އިންޑިޔާގެ ކިބައިން އެދުމަށެވެ. މީގެ އިތުރުން ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. މައުމޫން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ބޭރު ގައުމެއްގެ ސިފައިންނަށް ރާއްޖެ އެރުމަށް ގޮވާލާ ކޮންމެ ދިވެއްސަކީ ޣައްދާރެއް" ކަމަށެވެ. Any Maldivian who invites a foreign army to take over Maldives is nothing but a traitor! -M — Maumoon Abdul Gayoom (@maumoonagayoom) September 30, 2013 މައުމޫންގެ ޓުވީޓް މީގެ އިތުރުން މައުމޫން ވަނީ ރާއްޖޭގެ ދާހިލީ ކަންކަން ދިވެހިން އަމިއްލަ އަށް ނިންމުމުގެ ފުރުސަތު ދިނުމަށް ވެސް ގޮވާލައްވައިފަ އެވެ. އެމަނިކުފާނު އާދިއްތަދުވަހު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ރާއްޖޭގެ ސިޔާސީ މައްސަލަތައް ހައްލުކުރާނީ ދިވެހިން" ކަމަށެވެ. Maldives' political problems will be solved by Maldivians. -M — Maumoon Abdul Gayoom (@maumoonagayoom) September 28, 2013 މައުމޫންގެ ޓުވީޓް ޑރ. ޝަހީދު ގޮވާލައްވަނީ ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް އިންޑިއާ އިން ހަރަކާތްތެރިވުމަށެވެ. އެކަމަކު އޭގެ މާނަ އަކީ އިންޑިޔާ ސިފައިން ނުވަތަ އެހެން ބަޔަކު ވެސް ރާއްޖޭގައި ހަރަކާތްތެރިވުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި "އާރުޓޫޕީ" ގެ އުސޫލުގައިވާ ގޮތުން ގައުމަކަށް ސިފައިން އެރުމަކީ އެންމެ ފަހު ކަންތައް ކަމަށް ވެސް ޝަހީދު ވިދާޅުވެ އެވެ. "އާރުޓޫޕީގެ ދަށުން ކިތަންމެ ފިޔަވަޅެއް ރާއްޖެ އަށް އެޅިދާނެ. މިސާލަކަށް ސުޕްރީމް ކޯޓުގެ ބޭފުޅުންނަށް އެއްވެސް ގައުމަކަށް ނުދެވޭ ގޮތަށް ވެސް ހެދިދާނެ. އިންޑިއާ އިން ހަރު ބަހެއް ވެސް ބުނެވިދާނެ،" އޭނާ ވިދާޅުވި އެވެ. "އާރުޓޫޕީ" ނޫނީ "ރެސްޕޮންސިބިލިޓީ ޓް ޕްރޮޓެކްޓް" އަކީ އދ ގެ އިސްނެގުމަކަށް 2005 ވަނަ އަހަރު ފާސްކޮށްފައިވާ އުސޫލެކެވެ. ގައުމެއްގެ އިސްތިގުލާލާއި މިނިވަންކަން ހިމާޔަތްކުރުމަށް އެ ދައުލަތެއް ނުކުޅެދިއްޖެ ނަމަ އެ ގައުމަކާ މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި އަސްކަރީ ބާރު ބޭނުން ކުރުމަށް އެ އުސޫލުގެ ތެރެއިން ހުއްދަ ދެ އެވެ. އާރުޓޫޕީ މައިގަނޑު ގޮތެއްގައި ބޭނުން ކުރަނީ ހަނގުރާމައިގެ ޖަރީމާތަކާއި ބޮޑެތި ގަތުލް އާންމުތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ޖަރީމާތަކާއި ލޭ އޮހޮރުވުންތައް ހުއްޓުވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ