ނަޝީދު ހުށަހެޅުއްވި މައްސަލަ ބެލެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ހުޅުމާލެ ކޯޓުގެ ބެންޗް ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށެހެޅުއްވި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރުމާ ގުޅިގެން ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރިއަށް ގެންދާ މައްސަލަ ބަލާ ބެންޗާ މެދު، އެ މަނިކުފާނުގެ ފަރާތުން ސުވާލު އުފެއްދީ އެ ބެންޗު ކަނޑައެޅީ ޖޭއެސްސީން ކަމަށް ވާތީ އެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން މައްސަލައެއް ބަލާނެ ފަނޑިޔާރުންނާއި ފަނޑިޔާރުންގެ އަދަދު ކަނޑައަޅާނީ އެ ކޯޓުގެ އިސް ގާޒީ އެވެ. ނަޝީދު ހައި ކޯޓުގައި އެދިވަޑައިގެންފައި ވަނީ، އެއީ ގާނޫނާ ހިލާފަށް ކަނޑައަޅާފައިވާ ބެންޗެއް ކަމުގައި ނިންމަވައި ދެއްވުމަށެވެ. އެހެން ނަމަވެސް، ޖޭއެސްސީން ހައި ކޯޓުގައި ބުނެފައި ވަނީ އެ ގޮތަށް ބެންޗު ކަނޑައެޅީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށެވެ. ސުޕްރީމް ކޯޓުން ދިން ލަފައަކާ ގުޅިގެން ކޮށްފައިވާ ކަމެއްގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އެ ކޮމިޝަނުން ނެގި އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޝަރީއަތުގައި އިއްވި ހުކުމުގައި ބުނެފައި ވަނީ ހުޅުމާލޭ ކޯޓުގެ މައްސަލަ ނަޝީދުގެ ފަރާތުން ކޯޓަށް ހުށަހަޅުއްވާފައި ވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިޔުލާއެއް ކަމަށްވާ "ބެލެނިވެރިކަމުގެ އިހުތިސާސްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދު" ދަށުން ކަމަށެވެ. ނަމަވެސް އެ ގަވާއިދުގެ ދަށުން އެ މައްސްލަ ހައި ކޯޓުގައި އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ފަނޑިޔާރު އައްބާސް ޝަރީފް އިއްވެވި ހުކުމުގައި ވެ އެވެ. އައްބާސްގެ އިތުރު ފަނޑިޔާރު އަލީ ސަމީރާއި އަބްދުލް ރައޫފް އިބްރާހީމް ނިންމެވި މައްސަލައިގެ ހުކުމުގައި ވަނީ ނަޝީދު ހަވާލާ ދެއްވި ގަވާއިދުގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން ބެލުމުގެ އިހްތިސާސް ލިބިދެނީ އެ ކޯޓަށް ވުރެ ދަށު މަރުހާލާގެ ކޯޓެއްގައި ހިނގަމުންދާ ޝަރީއަތަކާ ގުޅިގެން އެ ކޯޓެއްގައި ހިނގާ އިޖްރާއަތެއް ނުވަތަ އެ ކޯޓެއްގައި ހިނގާ އެހެން ވެސް އިޖްރާއަތަކާ ގުޅޭ މައްސަލަތައް އެކަނި ބެލުމަށް ކަމަށެވެ. އަދި ކޯޓުތައް ފިޔަވައި ދައުލަތުގެ އެހެން މުއައްސަސާތަކުގެ މައްޗަށް، ބެލެނިވެރިކަމުގެ އިހްތިސާސް ނުވަތަ ސުޕަވައިޒަރީ ޖޫރިސްޓިކްޝަން މަތީ މަރުހަލާގެ ކޯޓުތަކަށް އެ ގަވާއިދުގެ ދަށުން ލިބިނުދޭ ކަމަށް ވެސް ހުކުމުގައި ވެ އެވެ. . ނަޝީދުގެ ފަރާތުން 2013 ވަނަ އަހަރުގެ އޭޕްރީލް މަހު ހުށްހެޅުއްވި މައްސަލައާ މެދު ހައި ކޯޓުން ގޮތެއް ކަނޑައަޅާފައި މި ވަނީ ދޮޅު އަހަރަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ. މި މައްސަލައިގެ ޝަރީއަތްތައް މެއި 2013 ގައި މެދުކަނޑާލީ ހައި ކޯޓުގެ އޭރުގެ އިސް ގާޒީ އަދި ނަޝީދުގެ މައްސަލަ އޭރު ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހުމަދު ޝަރީފް ޗުއްޓީއަކަށް ވަޑައިގަތުމުންނެވެ. އޭނާ ޗުއްޓީގައި ހުންނަވަނިކޮށް، ޖޭއެސްސީން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށް، ފަހުން ޖުވެނައިލް ކޯޓަށް ބަދަލުކުރުމުން އެ މައްސަލަ މުޅިން އޮތީ ހުއްޓިފަ އެވެ. އެ މައްސަލަ އަލުން ބަލަން ފެށީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ