ރިޔާސީ ބަޔާން އިއްވަން ޑރ.ވަހީދަށް ހުރަސް އެޅި މައްސަލަ ޕޮލިހަށާއި ޕީޖީއަށް ހުށަހަޅައިފި

މިއަހަރުގެ ރައްޔިތުން މަޖިލިސް ހުޅުއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހަންމަދު ވަހީދު ހަސަން މަނިކު ވަޑައިގަތުމުން މަޖިލީހުގެ ބައެއް މެމްބަރުން އެ މަނިކުފާނަށް ހުރަސް އަޅައި، ހަޑިހުތުރު އިބާރާތްތަކުން މުހާތަބުކޮށް ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް ހިންގި ހަމަނުޖެހުމުގައި މަޖިލީހުގެ ބައެއް ތަކެއްޗަށް ގެއްލުން ވެފައި ވާތީވެ އެ އަމަލު ހިންގި މެމްބަރުންނާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ޕްރޮސްކިއުޓަރ ޖެނަރަލް އަދި ފުލުހުންނަށް ޕީޕީއެމްއިން ހުށަހަޅައިފިއެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރު މާޒް އަހުމަދު ސަލީމް(މާޒް ސަލީމް) އަދި މުހައްމަދު ވަހީދު އިބްރާހީމު މިއަދު ޕީޕީއެމް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މައްސަލަތައް މިހާ ގިނަދުވަސްވެގެން ދިޔައިރު އެއްވެސް ފަރާތަކުން ބަލާފައި ނުވުމުން އެކަން ގަބޫލު ނުކުރެވޭ ކަމަށާއި މަސްލަހަތު ހިމާޔަތް ކުރެވޭނީ ގާނޫނުގެ ތެރެއިން ކަމަށެވެ.
މި މައްސަލަ މަޖިލީހުގެ ކޮމެޓީއަކަށް ވައްދައިގެން ބަލަން ނުނިންމައި ފުލުހުންނާއި ޕީޖީއަށް މައްސަލަ ހުށަހެޅީ އެ މުއަށްސަސާއަކުން ކޮށްފައިވާ ކަމެއް އެ މުއަށްސަސާއަކުން ނުބެލޭނެ ކަމަށް ގަބޫލު ކުރާތި ކަމަށް ވަހީދު ވިދާޅުވިއެވެ.
މާޒް ސަލީމް ވިދާޅުވީ އެ ދުވަހު މަޖިލީހުގެ ކޮމްޕިއުޓަރ ސިސްޓަމް ފަދަ އަގުބޮޑެތި ތަކެއްޗަށް ގެއްލުން ވެފައި ވާކަމަށާއި އަދި ގައުމީ ދިދަ އާއި މަޖިލީހުގެ ދިދައިގެ ހުރުމަތްވެސް ކަނޑާލައިފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ މިހާ ގިނަ ދުވަސް ވެގެންދިޔަ އިރުނުބެލި އޮތުމަކީ މަޖިލީހުގެ ޒިންމާވެސް އޭގައި ހިމެނޭ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށްވެސް މާޒް ސަލީމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މި މައްސަލަތައް ބައްލަވަން އެއްވެސް ފަރާތަކަށް ފޮނުވާފައި ނުވުމުން އެކަމާ ވެސް ޕީޕީއެމްއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ވަހީދު ވިދާޅުވީ މަސްލަހަތު ހިމާޔަތް ކުރަން ކަމަށް ބުނެ މިފަދަ މައްސަލަތައް ޝަރިއަތަށް ނުފޮނުވައި ހުރުމަކީ މަސްލަހަތު ހިމާޔަތް ކުރުން ނޫން ކަމަށާއި، މަސްލަހަތު ހިމާޔަތް ކުރެވޭނި ގާނޫނުގެ ތެރެއިން ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށެވެ.
މާޒް ސަލީމް ވިދާޅުވީ މި މައްސަލަ ހުށައަޅާފައިވަނީ ވަކި ޕާޓިއަކަށް ވަކި މެމްބަރަކަށް ނިސްބަތްކޮށް ނޫން ކަމަށެވެ. ގާނޫނީ ގޮތުން އެންމެންނަކީ ހަމަ ހަމަ ބަޔަކަށް ވާއިރު އެއްވެސް ބަޔަކަށް ގާނޫނަށް ވުރެ މަތީގައި ނުތިބެވޭނެ ކަމަށް ވެސް މާޒް ސަލީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ