އަވިން ކަރަންޓު އުފެއްދުމަށް އަނެއްކާވެސް ބޮޑު ޕްރޮޖެކްޓެއް

އަވިން ހަކަތަ އުފެއްދުމަށް އަނެއްކާވެސް ބޮޑު ޕްރޮޖެކްޓެއްގައި އެންވަރަޔަމެންޓް މިނިސްޓްރީން ބުރާސްފަތިދުވަހު ސޮއިކޮށްފި އެވެ. ޗައިނާގެ ސީސީއީ އޮއޭސިސް ކުންފުންޏާ ހަވާލުކޮށްގެން ސޮއިކުރި ސޯލާ ޕީވީ ޑީސެލް ހައިބްރިޑް ގްރިޑް ހަރުކުރުމުގެ މަސައްކަތް ނިމުމުން 2.5 މެގަވޮޓުގެ ކަރަންޓު އުފެއްދޭނެ އެވެ. މި މަޝްރޫއުގެ އަގެއް ހާމައެއް ނުކުރެ އެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2.5 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް، ތ. ބުރުންޏާއި ޅ. ކުރެންދު އާއި ބ. ގޮއިދު އާއި ގއ. ވިލިގިނލީގެ އިތުރުން އައްޑޫގައި ގާއިމުކުރާނެ އެވެ. މި މަސައްކަތްތައް ކުރާނީ ޗައިނާގެ ކުންފުނިންނެވެ. އޭޑީބީގެ އެހީތެރިކަމާ އެކު ފަށާ މި މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. ސީސީއީ އޮއޭސިސްގެ ފަރާތުން ސޮއިކުރެއްވީ ބޯޑު ޗެއާމަން ޑައި ކުންފެންގް އެވެ. މިނިސްޓަ ތޯރިގު ވިދާޅުވީ މި މަސައްކަތް ފެށުމުން ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ގާއިމްކޮށްފައިވާ ނިޒާމް ދެ ގުނައަށް އިތުރުވާނެ ކަމަށެވެ. ސޯލާ ޕީވީ ޑީސެލް ހައިބްރިޑް ގްރިޑް ހަރުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގެ ރަސްމިއްޔާތުގައި އެންވަރަޔަމެންޓް މިނިސްޓަރު ތޯރިގް ވާހަކަ ދައްކަވަނީ-- ފޮޓޯ/މިނިސްޓްރީ ދެ މެގަވޯޓަށް ވުރެ ގިނައިން އަވިން ކަރަންޓު އުފެއްދޭ ނިޒާމެއް މި އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ގާއިމުކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ ތެލަށް ބަރޯސާވުން ކުޑަކުރަން އިއާދަކުރަނިވި ހަކަތައަށް ހޭލުންތެރިކުރަން ޖެހޭ ކަމަށާއި އެކަމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކަރަންޓުގެ ހަރަދު ކުޑަކުރަން މިދިޔަ އަހަރުގެ ތެރޭގައި 270،000 ލެޑް ބޮތްކާއި ހޮޅިބުރި ބަހާފައިވާ އިރު، މި އަހަރު ނިމުމުގެ ކުރިން ވެސް އާއްމުންނަށާއި ސަރުކާރުގެ އެކި އިދާރާތަކަށް ލެޑްލައިޓް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. ތޯރިގް ވިދާޅުވި ގޮތުގައި އިމާރާތް ދިއްލުމަށާއި ފިނިކުރުމަށާއި ދަތުރުފަތުރުކުރުމުގެ އިތުރުން ސިނާއީ މަސައްކަތްތަކަށް ވެސް ހަކަތަ ބޭނުން ކުރާ މިންވަރު މިހާރު ވަނީ އިތުރުވެފަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ 20 ޕަސެންޓާ އެއްވަރުގެ އަދަދެއް، ތެޔޮ އެތެރެކުރަން ސަރުކާރުން ހަރަދު ކުރާތީ ގައުމުގެ އުމްރާނީ އަދި އިގްތިސޯދީ މަސައްކަތްތަކަށް ހަރަދު ކުރަން ހުރި ބޭރު ފައިސާގެ އަދަދު މަދުވާ ކަމަށެވެ. "ރާއްޖެއަކީ ތެލަށް ބަރޯސާވެފައިވާ ގައުމަކަށް ވާތީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލެއްގެ ނޭދެވޭ އަސަރު މި ގައުމަށް އެބަ ކުރޭ. އަދި މިހާތަނަށް ތެލުގެ ރިޒާވެއް ހޯދިފައި ނެތް އިރު މިކަމާ ދޭތެރޭ ފުންކޮށް ވިސްނައި ހައްލެއް އެބަ ހޯދަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ