މައުމޫން ގުރައިދޫގައި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތްކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް މެމްބަރުން އިތުރު ކުރުމަށްޓަކައި އެ މަނިކުފާނު މިއަދު ތ. ގުރައިދު އަށް ވަޑައިގެންފި އެވެ. މައުމޫންގެ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ތިބި ކަމަށް މަޝްހޫރު ގުރައިދު އަށް އެ މަނިކުފާނު މި ވަޑައިގަތީ ލ. ފޮނަދު އާއި ގަމަށް ވަޑައިގަތުމަށް ފަހު އެވެ. ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މައުމޫން ގުރައިދު އަށް ވަޑައިގަތުމުން އެ ރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށެވެ. މައުމޫން ގުރައިދު އަށް ކުރައްވާ ދަތުރުފުޅުގައި މިރޭ އެ ރަށުގައި ޕީޕީއެމްގެ އާންމު ބައްދަލުވުމެއް ވެސް ބާއްވާނެ ކަމަށް ޕީޕީއެމް އިން ބުނެ އެވެ. ޕީޕީއެމް އަށް މެމްބަރުން އިތުރުކުރުމަށް ކުރާ މަސައްކަތުގައި ވަރަށް ބޮޑު ތާއީދެއް ލިބެމުން އަންނަ ކަމަށް އެ ޕާޓީން ބުނެ އެވެ. އެ ގޮތުން ފޮނަދޫގެ އިތުރުން ގަމުގެ ތިން އަވަށާއި މާވަށާއި މާބައިދު އާއި އިސްދޫކަޅައިދު އާއި ދަނބިދު އާއި ކުނަހަންދު އާއި ހިތަދޫ އަދި މާމެންދޫން ވެސް ގިނަ ބަޔަކު ޕީޕީއެމްއާ ގުޅިފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ