ރާއްޖެ އަށް ބަރުލަމާނީ ނިޒާމު ގެންނަން މަސައްކަތްކޮށްފިނަމަ އިދިކޮޅު ފަރާތްތަކުގެ އަތުން އެމްޑީޕީ ވެލިކާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސީއެންއެމްގެ އިތުރުކާފް ޕްރޮގްރާމުގައި ރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އުމަރު ނަސީރު ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމުގެ މަސައްކަތަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތެއް ކަމަށެވެ.
ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް ތާއީދު ނުކުރައްވާނެ ކަމަށެވެ.
"އެކަމަކު އަޅުގަނޑަށް ވަރަށް ޔަގީން އެ ސިސްޓަމެއް ރާއްޖެއަށް ނުގެނެވޭނެ ކަން. ސަބަބަކީ އިބްރާހީމް މުހައްމަދު ސޯލިހް ބޭނުންފުޅެއް ނުވާނެ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނާކަށް. އެބޭފުޅާގެ އަތުގައި އޮތް ބާރެއް ކީއްކުރަންތޯ ނަޝީދަށް ދޭންވީ އެބޭފުޅާ. އެހެންވީމާ ނުގެންނެވޭނެ އެނގޭތޯ." އުމަރު ވިދާޅުވި އެވެ.
މީގެއިތުރުން އުމަރު ވިދާޅުވީ އިދިކޮޅު ޕީޕީއެމް މިވަނީ ތިން އިންތިހާބެއްގައި ބަލިވެ ޕީޕީއެމްގެ ލަޝްކަރު މިވަނީ ވަރަށް ބޮޑަށް ރޫޅިފައި ކަމަށެވެ. އެހެންކަމުން ޕީޕީއެމް އަށް ވެސް އިތުރު ހިތްވަރެއް ލިބުމަށްޓަކައި އިންތިހާބެއް ކާމިޔާބުކުރަން މިވަގުތު ވަރަށް މުހިއްމު ކަމަށްވެސް ވިދާޅުވި އެވެ. ބަރުލަމާނީގެ ވޯޓަކީ އެފަދަ އިންތިހާބެއް ގޮތަށް ސިފަކުރައްވަމުން އުމަރު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމަށް ކުރާ މަސައްކަތުގައި ފެންނަ ނުފެންނަ ވޯޓަކަށް ގޮސްފިނަމަ އިދިކޮޅުން އެ ވޯޓް ކާމިޔާބު ކުރާނެ ކަމަށެވެ.
"އެހެންވީމާ ބަރުލަމާނީއެއް ގެންނަން މަސައްކަތް ކޮށްފިއްޔާ އިނގޭތޯ އަޅުގަނޑު ދަންނަވާނީ އެއީ އެމްޑީޕީ ފުރަތަމަ ފަހަރަށް އަޅުގަނޑުމެން އަތުން ވެލިކާނެ ފަހަރޭ އެނގޭތޯ. އެހެންވީމާ އަޅުގަނޑު ވަރަށް އުފާވާނެ ނަޝީދު އެމަސައްކަތް ކުރައްވައިފިއްޔާ،" އުމަރު ވިދާޅުވި އެވެ.
ރައީސް ނަޝީދަކީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. ނަމަވެސް މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެއްވެސް މަސައްކަތެއް ކުރައްވާނެ ކަމަކަށް ރައީސް ނަޝީދު މިހާތަނަށް އާންމުކޮށް އިއުލާންކުރައްވާފައެއް ނުވެ އެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވާލިއިރު ރާއްޖޭގައި ފެންނަން އޮންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވެ އެވެ. މިވޯޓުގައި ވެސް އެމްޑީޕީ ކެމްޕޭން ކުރީ ބަރުލަމާނީ ނިޒާމެއް ގެނައުމަށެވެ. ނަމަވެސް ރައްޔިތުންގެ ވޯޓުން ނިންމީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.
ބަރުލަމާނީ ގެންނަން އުޅެފިނަމަ އެމްޑީޕީ ވެލިކާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ