މަރުގެ ކޮމިޝަނުން ހާމަކުރީ ފުލުހުން ހޯދާފައި ހުރި މައުލޫމާތު: އުމަރު
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މަރާއި ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު މަރު ކޮމިޝަނުން ހާމަކުރީ ފުލުހުން ކުރިން ހޯދާފައިހުރި މައުލޫމާތުތައް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އުމަރު ނަސީރު މިހެން ވިދާޅުވީ ގޮތް ނޭންގޭ މަރުތަކާއި ގުޅޭ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސް ޞާލިހް އުފެއްދެވި ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް ހުސްނުއްސުޢޫދު އެއީ އެ ކޮމިޝަނުން ހޯދާފައިވާ މަޢުލޫމާތުތަކެއް ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.އެ މަޢުލޫމާތުތަކަށް ރިއާޔަތް ކުރައްވައި އުމަރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރު ކޮމިޝަންގެ ރައީސް ހުސްނުއްސުޢޫދު ހާމަކުރެއްވީ އެ ކޮމިޝަނުން އަލަށް ހޯއްދެވި މަޢުލޫމާތު ނޫން ކަމަށާއި އެއީ ފުލުހުން ކުރިއަށް ގެންދިޔަ ތަހުޤީގުގައި ކުރިންވެސް ހޯދާފައިހުރި މަޢުލޫމާތުތަކެއް ކަމަށެވެ.އުމަރު ވިދާޅުވީ މަރު ކޮމިޝަނުން ހާމަކޮށްފައި ވަނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް ތަހުޤީގުކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ކަމަށާއި ކުރިން އެފަރާތްތަކުގެ މައްސަލަ ޝަރީޢަތަށް ވެސް ފޮނުވުނު ކަމަށެވެ. ނަމަވެސް ޝަރުޢީ ކޯޓެއްގައި މައްސަލަ ސާބިތުކުރެވޭ ވަރުގެ ހެކި ނެތުމުން އެ މައްސަލަ ސާބިތު ނުވާ ކަމަށް އުމަރު ވިދާޅުވިއެވެ. ނަމަވެސް ސުޢޫދު ވަނީ ތުހުމަތު ކުރެވޭ ފަރާތްތަކަށް ދަޢުވާ އުފުލައި ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.ރިޟްވާންގެ މަރުގެ ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ ސާބިތު ކުރެވޭވަރަށް ހެކި ލިބިފައިވާ ކަމަށް ސުޢޫދު ވިދާޅުވުމުން، އެކަމަށް ރައްދުދެއްވާ އުމަރު ވަނީ ފުލުހުން ކުރިން ހޯދި ހެކި ނޫން ހެއްކެއް ލިބިފައިވާ ނަމަ އަވަހަށް އެ މައްސަލަ ޝަރީޢަތަށް ފޮނުއްވުމަށް އެދިވަޑައިގަންނަވާފައެވެ.އުމަރު އިތުރަށް ވިދާޅުވީ، މުޅި ދުނިޔޭގައިވެސް އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު، ދައުލަތުގެ ފަރާތުން މީހަކު މަރުވި ކަމަށް ބުނެވޭނީ ދެ ހާލަތެއްގައި ކަމަށެވެ. އެގޮތުން ފުރަތަމަ ހާލަތަކީ މަރުވި މީހާގެ ހަށިގަނޑު ފެނުން ކަމަށާއި، ދެވަނަ ހާލަތަކީ މަރާލި މީހުންގެ ބަހުން ނުވަތަ އެހެން ބައެއްގެ ބަހުން ނަމަވެސް ޝަރުޢީ ކޯޓެއްގައި އެކަން ސާބިތުވުން ކަމަށެވެ. އޭނާ ހޯމް މިނިސްޓަރަކަށް ހުންނަވައި، އެ މައުލޫމާތު ހާމަ ނުކުރެއްވީ އެ ސަބަބުތަކަށްޓަކައި ކަމަށް އުމަރު ވިދާޅުވިއެވެ.އުމަރު ނަސީރު އިތުރަށް ވިދާޅުވީ ރިޟްވާން ގެއްލުނު މައްސަލަ އޭރުވެސް އަދި މިހާރުވެސް ބަލަމުން ދަނީ ފުލުހުންގެ އިދާރާގައި ތިއްބެވި އެންމެ މޮޅު އިންވެސްޓިގޭޓަރުން ކަމަށެވެ. އަދި ރިޟްވާންގެ މައްސަލަ ނުބަލަން ނުވަތަ ލަސްކުރަން ނުވަތަ ފޮރުވަން ކުރީގެ ރައީސް، އަބްދުﷲ ޔާމީން ދުވަހަކުވެސް އޭނާއަށާއި ފުލުހުންނަށް އަންގަވާފައި ނުވާ ކަމަށް އުމަރު ވިދާޅުވިއެވެ.މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލިފައި ވަނީ 8 އޮގަސްޓް 2014 ގައެވެ. އަދި އެންމެ ފަހުން އޭނާ ފެނިފައިވަނީ އޭގެ އެއްދުވަސް ކުރިން އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ރޭ ހުޅުމާލެ-މާލެ ފެރީން ހުޅުމާލެއަށް ފައިބަނިކޮށެވެ.ރިޟްވާން ގެއްލުނު މައްސަލައިގެ އިތުރުން މަރު ކޮމިޝަނުން ގިނަ މައްސަލަތައް ބަލައި ނިމި، ބާކީ ހުރި މައްސަލަތައް ނިމުމަކާއި ހިސާބަށް ގޮސްފައިވާ ކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އެ ކޮމިޝަނުން މައްސަލަތައް ބަލައި ސްޕީޑު ލަސް ނޫން ކަމަށް ވެސް މަރު ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ