ރިމާންޑް ޖަލުގައި ގައިދީން ބައިތިއްބާފައި ތިބީ މޫސުން ގޯސްވުމުން: މުނާޒު

މިދިޔަ އާދީއްތަ ދުވަހު ކޯޓުތަކުގެ ބޭނުމަށާއި ޑޮކްޓަރަށް ދައްކަން ޖަލުތަކުން މާލެއަށް ގެނައި ގައިދީން އެދުވަހު މާލޭ ޖަލުގެ އެނެކްސް (ރިމާންޑް ޖަލު) ގައި ބައިތިއްބާފައި ތިބީ ކަނޑު ދަތުރު ކުރެވޭ ވަރަށްވުރެ މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފައިވާތީ ކަމަށް ޕްރިޒަންސް ކޮމިޝަނަރު އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.
މިދިޔަ އާދީއްތަ ދުވަހު އެޗްއާރުސީއެމުން ރިމާންޑް ޖަލަށް ކުރި ޒިޔާރަތުގައި އެތަނުގައި 25 ގައިދީއަކާއި އަދި ބަންދުގައި އެކަކު ހުރި މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ވަނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެތަނުގައި ތިބި ގައިދީންނާއި ބަންދު މީހުން ރައްކާތެރި މާހައުލަކަށް ބަދަލުކޮށް، ރިމާންޑް ޖަލު ބަންދުކުރުމަށް މިއަދު އަންގައިފައެވެ.
އެޗްއާރުސީއެމްގެ އެ ވާހަކަތަކަށް ރައްދު ދެއްވައި އަބްދުﷲ މުނާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މިހާތަނަށް ގައިދީންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި ޖަލުގެ ކަންކަން އިސްލާހުކޮށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ދަނޑިވަޅެއްގައި ރައްޔިތުންނަށް ކަންކަން އޮޅުވައިލުމަށް އެޗްއާރުސީއެމުން ކަންކަން ކުރުމުގެ މަގުސަދާ މެދު ސުވާލު އުފެދޭ ކަމަށެވެ.
''22 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ކޯޓުތަކުގެ ބޭނުމަށާއި ޑޮކްޓަރަށް ދައްކަން ޖަލުތަކުން މާލެއަށް ގެނައި މީހުން އެދުވަހު މާލޭ ޖަލުގެ އެނެކްސް އިމާރާތުގައި ބައިތިއްބަން ޖެހުނީ ކަނޑު ދަތުރު ކުރެވޭ ވަރަށްވުރެ މޫސުން ގޯސްވެ، ވައިޓް އެލާޓް ނެރެފައިވާތީ. 23 ސެޕްޓެމްބަރު 2019 ވަނަ ދުވަހު މާލޭ ޖަލުގެ އެނެކްސް އިމާރާތަށް އެޗްއާރުސީއެމުގެ ފަރާތުން ޒިޔާރަތް ކުރެއްވި ބޭފުޅުންނަށް އެވާހަކަ ވާނީ ދެންނެވިފައި،'' މުނާޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުނާޒު ވިދާޅުވީ އެޗްއާރުސީއެމްއިން އެ ވިދާޅުވާ ތަނަކީ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ގާނޫނީ ގޮތުން ހުރަހެއް އޮތް ތަނެއް ނޫން ކަމުގައި ވިޔަސް، އެތަނަކީ މިހާރު ޖަލެއްގެ ގޮތުގައި މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ބޭނުންކުރާ ތަނެއް ނޫން ކަމަށެވެ.
ނަމަވެސް އެކި ބޭނުންތަކަށް ހެނދުނު މާލެ ގެންނަ މީހުން މެންދުރު ފަހު ފުރުވާލެވެންދެން އެތަނުގައި ބައިތިއްބާކަން އެޗްއާރުސީއެމްގެ ބޭފުޅުންނަށް ކުރިންވެސް އެނގޭނެ ކަމަށް މުނާޒު ވިދާޅުވިއެވެ.
ރިމާންޑް ޖަލުގެ ހާލަތު އެކަށިގެންވާ މިންވަރަށްވުރެ ދަށް ކަމަށް ފާހަގަކުރެވިގެން އެތަން ބަންދުކުރަން އެޗްއާރުސީއެމުން އަންގާފައިވަނީ މިއަހަރުގެ އޭޕްރީލް 11 ގައެވެ. އަދި ރިމާންޑް ޖަލު ބަންދުކުރުމަށް އެންގުމުން، މިއަހަރުގެ އޭޕްރީލް 15 ގައި އެތަން ބަންދުކުރި ކަމަށް ކަރެކްޝަނުން އެކޮމިޝަނުން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ