"ފަސްޓް ލޭޑީ" ދައުލަތުގެ އަދި ޕީޕީއެމްގެ ވެސް މަޤާމެއް ނޫން: މައުމޫނު

"ފަސްޓްލޭޑީ" ގެ މަޤާމަކީ ދައުލަތުގެވެސް ހައިސިއްޔަތެއް ލިބިގެންވާ އަދި ޕީޕީއެމްގެ އެތެރޭގެ ވެސް އެއްވެސް ހައިސިއްޔަތެއް ލިބިފައިވާ މަޤާމެއް ނޫންކަމަށް ވިދާޅުވެ، ރައީސް މައުމޫނު ފުރަތަމަ ފަހަރަށް ފަސްޓްލޭޑީއަށް އަމާޒުކުރައްވާ ބަހުގެ "ހަމަލާއެއް" ދެއްވައިފިއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ ޕީޕީއެމްގެ އެތެރޭގަިއ ބައިބައި ވުމެއް ނެތް ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން ބުނަމުންދާ ބުނުމާއި ގުޅިގެން ރައީސް މައުމޫނުގެ އޮފީހުން އެކަން ދޮގުކޮށް ނެރުނު ބަޔާނެއްގައެވެ. ޕީޕީއެމްގެ ރައީސް ގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްގެ ތެރޭގައި ބައިބައިވުން ނެތްކަމަށް ބުނަނީ ހަޤީގަތް އޮޅުވައިލުމަށް ކަމަށާއި ޕީ.ޕީ.އެމް ތެރޭގައި ވަނީ ވަރަށް ބޮޑަށްވެސް ބައިބައި ވުން އުފެދިފައި ކަމަށެވެ.
ޕީޕީއެމްގެ ހިންގުމުގެ ކަންކަމުގައި ރައީސް ޔާމީންގެ އަނބިކަނބަލުން އިސްކޮށް އުޅުއްވާކަމަށް ތުހުމަތުކޮށް ބަޔާނުގައި އިތުރަށް ބުނެފައިވަނީ 'ފަސްޓް ލޭޑީ' އަކީ ދަޢުލަތުގެ އެއްވެސް މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގައިވެސް، ވަކި މަސްޢޫލިއްޔަތުތަކެއް ހަވާލު ކުރެވިފައި އޮންނަ މަޤާމެއް ނޫން ކަމަށެވެ.
އަދި އެއީ ރައީސް ގެ އަނބިކަނބަލުންނަށް އިޙުތިރާމް ކުރުމުގެ ގޮތުން ބޭނުންކުރާ ލަޤަބެއް ކަމަށާއި "ފަސްޓް ލޭޑީ" އަކީ ޕާޓީގެ އޮނިގަނޑުގައިވެސް އޮންނަ މަޤާމެއް ނޫންކަމަށާއި ޕާޓީގެ ހިންގުމުގެ ކަންކަން ފަސްޓް ލޭޑީ އާއި ހަވާލު ކުރެއްވުމަކީ ކުރެވިގެން ވާނެ ކަމެއް ނޫންކަމަށްވެސް ރައީސް މައުމޫނުގެ ބަޔާނުގައި ވެއެވެ.
ޕީޕީއެމްގެ ޤައުމީ ޖަލްސާއިން ވެސް، ކައުންސިލުންވެސް ފަސްޓްލޭޑީގެ މަޤާމަކީ ފާސްކޮށްފައިނުވާ މަޤާމަކަށް ވާއިރު ޕާޓީގެ ހިންގުމުގެ ކަންކަން ފަސްޓްލޭޑީ އާއި ހަވާލުކުރުމަކީ ޕީ.ޕީ.އެމް ގެ އަސާސީ ޤަވާއިދާ ޚިލާފު ކަމެއްކަމަށް ވެސް އެބަޔާނުގައިވަނީ ބުނެފައެވެ.
"ޕާޓީގެ ގިނަ މެންބަރުން ބޭނުންވަނީ ޕާޓީގެ މެންބަރުން އިންތިޚާބު ކުރައްވާފައިވާ ރައީސް ގެ ބެއްލެވުމުގެ ދަށުން ޕާޓީގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދާއި އެއްގޮތަށް ކަންކަން ގެންދާށެވެ. އަދި ގިނަ މެންބަރުން ބޭނުން ވަނީ ދަޢުލަތުގެ މުއައްސަސާތައް އިސްލާޙުވެ، ތިން ބާރު ހަޤީގަތުގައިވެސް ވަކިވެ، ޑިމޮކްރަސީގެ އުޞޫލުތައް ހަރުދަނާ ވުމަށެވެ. ނަމަވެސް މަދު ބަޔަކު ބޭނުންވަނީ އެބައެއްގެ އަމިއްލަ ފައިދާއަށް މިކަންކަން ދޫކޮށްލާށެވެ" ރައީސް މައުމޫންގެ ބަޔާނުގައި އިތުރަށް ވެއެވެ.
އަދި ޕާޓީގެ އަސާސި ޤަވާއިދުގައިވާ ގޮތުން ޕާޓީ ހިންގުމުގެ ހުރިހާ މަސްއޫލިއްޔަތެއް އުފުއްލަވަން ޖެހިވަޑައިގަންނަވަނީ ޕާޓީގެ ރައީސަށް ކަމަށައި ނަމަވެސް، ޕާޓީގެ އަސާސީ ޤަވާއިދާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ އިތުރުން މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޢަމަލުކުރާ އުސޫލުތަކާ ޚިލާފަށް ޕީޕީއެމްގެ ބާރުތައް ނަންގަވައިގެން، ޕާޓީގެ ނަމުގައި މިހާރު ކަންކަން ހިންގަމުންދަނީ ޕާޓީގެ ރައީސް ގެ އެއްވެސް ބައިވެރިވުމެއް ނެތި ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ