ބަންގްލަދޭޝް ޔުނިވަސިޓީއެއްގެ ގްރެޖުއޭޝަން ރަސްމިއްޔާތަށް މައުމޫން ޑާކާ އަށް

ބަންގްލަދޭޝްގެ ޔުނިވަސިޓީއެއްގެ 2011 ގެ ގުރެޖުއޭޝަންގެ ރަސްމިއްޔާތު ޝަރަފުވެރިކުރެއްވުމަށްޓަކައި މިއަދު އެ ގައުމުގެ ވެރިރަށް ޑާކާ އަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ފުރާވަޑައިގެންފި އެވެ.
ޑާކާގެ ބަންގަބަންދު އިންޓަނޭޝަނަލް ކޮންފަރެންސް ސެންޓަރުގައި ޖޫން 29 ވަނަ ދުވަހު ބާއްވާ ބަންގްލަދޭޝްގެ ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ޗިޓަގޮންގް (ޔޫ.އެސް.ޓީ.ސީ.) ގެ ގްރެޖުއޭޝަންގެ ރަސްމިއްޔާތަށް މައުމޫން ވަޑައިގަންނަވަނީ އެޔުނިވަސިޓީގެ ދަޢުވަތަކަށް އަދި އެފަރާތުން ހުރިހާ ޚަރަދެއް ހަމަޖައްސާ ގޮތަށް ކަމަށް މައުމޫންގެ އޮފީހުން ބުނެ އެވެ.
މައުމޫންގެ ސެކްރެޓޭރިއެޓުން ބުނި ގޮތުގައި އެމަނިކުފާނާ އެކު ބަންގްލަދޭޝްގެ ރައީސް ޒިއްލުއް ރަޙްމާން ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ.
ރައީސް މައުމޫން ޑާކާގައި ހޭދަކުރައްވާ ދުވަސްތަކުގައި، ރައީސް ޒިއްލުއް ރަޙްމާންގެ އިތުރުން ބޮޑުވަޒީރު ޝައިޙް ޙަސީނާއާ ރަސްމީ ގޮތުން ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ވެސް މައުމޫންގެ އޮފީހުން ބުންޏެވެ. އޭގެ އިތުރުން، ޑާކާގައި ތަޢްލީމު ޙާޞިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ވެސް އެމަނިކުފާނު ބައްދަލުކުރައްވަން ޤަސްދުކުރައްވާ ކަމަށް އެ އޮފީހުން ބުނެ އެވެ.
ބަންގްލަދޭޝްގައި ހިލޭސާބަހަށް މަސައްކަތްކުރާ ބައެއް ޖަމްޢިއްޔާތަކާއި ފައުންޑޭޝަންތަކާ ބައްދަލުކުރައްވަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ ބޭނުމަކީ، ސެކްރެޓޭެރިއެޓް އޮފް ދަ ފޯމާ ޕްރެޒިޑެންޓް އޮފީހުން ބުނި ގޮތުގައި، މައުމޫން ފައުންޑޭޝަނާ ގުޅުން ބަދަހިކުރުމެވެ.
ރައީސް މައުމޫނަށް މި ރަސްމިއްޔާތަށް ދަޢުވަތު އެރުވުމަށް، ޔޫ.އެސް.ޓީ.ސީ.ގެ ފަރާތުން މިދިއަ މަހު ރާއްޖެ ޒިޔާރަތްކުރި ވަފުދުގައި އިސްކޮށް ހުންނެވީ އެޔުނިވަސިޓީގެ ފައުންޑަރު އަދި ވައިސް ޗާންސެލާ ޑރ. ނޫރުލް އިސްލާމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ