ގައުމާއި ރައްޔިތުން އަދި ޕާޓީތަކުގެ މަސްލަހަތަށް އިސްކަން ދިނުމަށް ރައީސް އެދިވަޑައިގެންފި

އަމިއްލަ މަސްލަހަތަށް ވުރެ "ގައުމާއި ރައްޔިތުންނާއި ޕާޓީތަކުގެ މަސްލަހަތަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް" މާލޭ ސިޓީ ކައުންސިލަރުންގެ ކިބައިން ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.
މާލޭ ސިިޓީ ކައުންސިލްގެ މެމްބަރުންނާ ރައީސް އޮފީހުގައި ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިއީ ރާއްޖޭގެ ވެރިކަމާއި ރަށްވެރިކަމުގެ ތާރީޚުގައި ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ވިސްނުމަކީ ރައްޔިތުންގެ ވިސްނުން ކަމަށް ވާތީ ކައުންސިލުން ކަންކަން ކުރުމުގައި ސިޔާސީ ޕާޓީތަކުގެ ވިސްނުން އަޑުއެއްސެވުމަށް ވެސް ރައީސް އެދިވަޑައިގަތެވެ.
ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ ދައުރަކީ ސަރުކާރުގެ ޕްރޮގްރާމްތައް ތަންފީޒުކުރުމެވެ.
"މާލެ އަކީ ރާއްޖޭގެ އެންމެ މީހުން ގިނަ ސަރަހައްދު ކަމަށް ވާތީ އެންމެ ގިނަ ޕްރޮގްރާމްތައް ހިނގާނެ އެއް ތަނަކީ މާލެ ސިޓީ" ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ސަރުކާރުގެ ގިނަ ޕްރޮގްރާމްތައް ހިންގުމެވެ. އަދި ކައުންސިލުން ޕްރޮގްރާމްތައް ހިންގާ އިރު "މަޝްވަރާގެ އުސޫލުން ކަންކަން ކުރެއްވުމަށް" ރައީސް އެދިވަޑައިގަތެވެ. އަދި އެކަމަކާ ގުޅޭ ހުރިހާ ލިއެކިއުމަކާއި އިޖުރާއީ ކަންކަން ފުރިހަމަކޮށް، ބެލެހެއްޓުމަށް ވެސް މާލޭ ސިޓީ ކައުންސިލްގެ 11 ބޭފުޅުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.
މާލޭގެ ފުރަތަމަ މޭޔަރަކަށް ވެވަޑައިގެންނެވި ސަރަނދު އާދަމް މަނިކު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަށާއި މެނިފެސްޓޯ އަށް ހުރިހާ ކައުންސިލަރުން ވެސް ތާއީދުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ