ޕްރައިމަރީއަކާ ނުލައި، ކޮމަންޑޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ރާޝިދަށް

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓް ކަނޑައަޅައިފި އެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު އަވްހާރަވުމާ ގުޅިގެންނެވެ. މިމަހުގެ 14 ވަނަ ދުވަހު މެންބަރު ހުސެއިން ވަހީދު އަވަހާރަވީ ކެންސަރު ބަލީގައި ހާލު ސީރިޔަސްވެ، އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ވަނީ ނިންމައިފަ އެވެ.
އެ ގޮނޑިއަށް ވާދަކުރާނެކަން އެންމެ ފުރަތަމަ އިއުލާންކޮށް، ޕްރައިމަރީ ބާއްވާނެ ދުވަސް ކަނޑައެޅީ މެމްބަރު ހުސެއިން ވަހީދު ނިސްބަތްވެވަޑައިގެންނެވި އެމްޑީޕީ އެވެ. އެގޮތުން އިއްޔެގެ ނިޔަލަށް އެ ގޮނޑިއަށް ވާދަކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލި އެވެ. އަދި ޕްރައިމަރީ މިމަހުގެ 27 ވަނަ ދުވަހު ބާއްވަން ނިންމި އެވެ.
އެމްޑީޕީން މިއަދު ބުނީ އެ ގޮނޑިއަށް އެ ޕާޓީން ކުރިމަތިލާނެ ކެންޑިޑޭޓަކު ހޮވުމަށް، ޕްރައިމަރީގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައި ވަނީ އެންމެ ކެންޑިޑޭޓަކު ކަމަށެވެ.
އެހެންކަމުން ޕްރައިމަރީއަށް ކުރިމަތިލި ހަމައެކަނި ކެންޑިޑޭޓް، ށ. ފޯކައިދޫ/ މުހައްމަދު ރާޝިދު، އެ ޕާޓީން އެ ގޮނޑިއަށް ކުރިމަތިލާ ކެންޑިޑޭޓުގެ ގޮތުގައި ކަށަވަރުވެފައިވާ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ