ށ. ފުނަދޫ ސްކޫލްގެ ފާރުގައި "އިންޑިއާ އައުޓް" ޖެހީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމުގެ ބޭނުމުގައި ކަމަށް ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.
ރޭ ޕީޕީއެމް އިން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަމުން ޝާޑު ވިދާޅުވީ ސްކޫލް ފާރުގައި އިންޑިއާ އައުޓް ޖެހީ ސީދާ މި ސަރުކާރު އަޑީގައި އޮވެގެން ކަމަށާއި ބޭނުމަކީ ޔާމީން ހައްޔަރުކުރުން ކަމަށެވެ. އެގޮތުން ޔާމީން ގޮވާލެއްވީ ދައުލަތުގެ މުއައްސަސާތަކުގެ ފާރުގައި އިންޑިއާ އައުޓް ޖަހާ ވާހަކަ ނޫން ކަމަށާއި އެމަނިކުފާނު ގޮވާލެއްވީ ގޭގޭގެ ފާރުތަކުގައި އެގޮތަށް ޖެހުމަށް ކަމަށް ޝާޑު ވިދާޅުވި އެވެ.
"މިސާލަކަށް އަޅުގަނޑުގެ ގޭގައި ދިދައެއް ނެގޭނެ އިންޑިއާ އައުޓްގެ، ފާރުގައި ޖެހޭނެ. މި ވާހަކަ ރައީސް ޔާމީން ވިދާޅުވީ. އެއްގޮތަކަށް ވެސް ސްކޫލެއްގައި، ސިފައިންގޭގައި އަނެއް ތަނެއްގައި ޖަހާ ވާހަކައެއް ނޫން" ޝާޑު ވިދާޅުވި އެވެ.
ޝާޑު ވިދާޅުވީ ޔާމީން ހައްޔަރުކުރުމަށްޓަކާ މަކަރުވެރި ރޭވުމެއްގެ ތެރެއިން ރައްޔިތުންގެ ބޮލަށް "ޗިޕު" ޖަހަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިންޑިއާ ޓީޗަރުންނާއި ނަރުހުންނަށް އާމްދަނީ އިތުރުކުރުމަށްޓަކާ ބޮޑެތި ސްކޫލްތަކާއި ހޮސްޕިޓަލުތަކާއި އާލާތްތައް ހޯއްދެވީ ޔާމީންކަން އެ ފަރާތްތަކުން ވެސް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުނަދޫ ސްކޫލްގެ ފާރުގައި އިންޑިއާ އައުޓް ޖެހި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލް ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެ އިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިޔުމާއި، އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަ ކުރުން އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން ސްކޫލް މަދަރުސާތަކަކީ ގިނަ އަދަދަކަށް އިންޑިއާ ޓީޗަރުން ވަޒީފާ އަދާކުރަމުންދާ ތަންތަނަށް ވެފައި، ސްކޫލް ސަރަހައްދުގައި "އިންޑިއާ އައުޓް" ގޮވުމާއި، ބެނާތައް ހަރުކުރުމާއި، ފާރުތަކުގައި ލިޔެ ހެދުމުގެ ސަބަބުން އެތަންތަނުގައި މަސައްކަތް ކުރާ ޓީޗަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެ ފަރާތްތަކަށް އެތަންތަނުގައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ފަރާތްތަކުގައި ސްކޫލްތަކުގައި އެދެމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
"ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރުންނަކީ އެ ފަރާތްތަކުގެ އަމިއްލަ ވަޒަނާއި އާއިލާތައް ދޫކޮށް، އަޅުގަނޑުމެންގެ ޅަދަރީންނަށް އުނގަންނައި ދިނުމުގެ ހިދުމަތުގައި ޒަމާނުއްސުރެން ހިދުމަތް ކުރަމުންދާ ބައެއް" އެ ބަޔާނުގައި ވެ އެވެ.
ސްކޫލް ފާރުގައި "އިންޑިއާ އައުޓް" ޖެހީ ޔާމީން ހައްޔަރުކުރަން: ޝާޑު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ